ތިމާވެށި

މިއަދަކީ، "ތްރީ އާރު ޑޭ"


ކުނި ނައްތާލުމާއި ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި "ތްރީ އާރު" މާނަ ކުރަނީ ރިސައިކަލް، ރެޑިއުސް، ރީޔޫސްއެވެ. "ރިސައިކަލް" ކުރުމަކީ އެއްޗެއް ބޭނުންކުރުމަށްފަހު އެއްލާ ނުލާ އެހެން ބޭނުމަކަށް އެ އެއްޗެއް ބޭނުންކުރެވޭނެ ގޮތް ހޯދާ، ބޭނުންކުރުމެވެ. "ރީޔޫސް" ކުރުމަކީ ކޮތަޅުފަދަ ދެވަނަ ފަހަރުވެސް ބޭނުންކުރެވޭ ފަދަ ތަކެތި އެއްލާނުލާ ދެވަނަ ފަހަރުވެސް ބޭނުންކުރުމެވެ. "ރެޑިއުސް" ކުރުމަކީ އުކާލަންޖެހޭ ކުނި ވީހާވެސް މަދުވާނެ ގޮތަކަށް ދިރިއުޅުމުގެ ކަންކަން ބައްޓަންކުރުމެވެ. މި 3 ކަމަކީވެސް ކުނި ނައްތާލުމާއި ތިމާވެށީގެ ރައްކާތެރިކަމަށްޓަކައި މުހިއްމު ކަންކަމެވެ. މި މުހިންމު ތިން ކަންތަކަށް ބިނާކޮށް ކުނި މެނޭޖް ކުރެއްވިއްޖެނަމަ ރައްކާތެރިކަމާއެކު ކުނި މެނޭޖް ކުރެވިގެންދާނެކަން ބަޔާންކުރާ ޝިޢާރެއްގެ ގޮތުގައި "ތްރީ އާރު" ބޭނުންކުރެއެވެ.

img:http://s4.psmnews.mv/images/660x400/14713598389447.jpg|އުކާލާފައިވާ ޕްލާސްޓިކް ތަށިތަކަކުން ހަދާފައިވާ ޒިނާތެރިވާ އެއްޗެއް / ފުޅި ފަދަ ތަކެތިން ތަފާތު ތަކެތި ހެދިދާނެ

މިދިޔަ އަހަރު "ތްރީ އާރު"ގެ ނަމުގައި ރާއްޖޭގައި ވަނީ މުހިންމު ފޯރަމެއް ބާއްވަވާފައެވެ. ފޯރަމްގައި ސަރުކާރުން ވަނީ ކޮންމެ އަހަރަކުވެސް އޮގަސްޓް 16 ވަނަ ދުވަހަކީ ޤައުމީ ތްރީ އާރު ދުވަހުގެ ގޮތުގައި ފާހަގަ ކުރައްވަން ނިންމަވާފައެވެ. މި ދުވަހަކީ ރައްކާތެރިކަމާއެކު ކުނި ނައްތާލާ މިކަމަށް މީހުން އަހުލުވެރި ކުރެއްވުމުގެ ގޮތުން ސަރުކާރުން ފާހަގަ ކުރައްވާ ދުވަހެކެވެ. މިދުވަހާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ، ވަކި ދުވަހެއް ފާހަގަކުރައްވައިގެން މިކަންކުރެއްވުމުގެ ބޭނުމަކީ ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދެއްވައި، ސަރުކާރާއި ރައްޔިތުން ގުޅިގެން ރާއްޖެއަކީ ސާފު ރާއްޖެއަކަށް ހެއްދެވުމަށް ކުރެވޭ މަސައްކަތް ހަރުދަނާކުރައްވައި ފުޅާކުރެއްވުންކަމަށެވެ. އަދި މިދުވަހުގެ އެންމެ މުހިންމު ކަމަކީ ރައްކާތެރިކަމާއެކު ކުނި ނައްތާލުމުގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދީ، ސަރުކާރާއި ރައްޔިތުން ގުޅިވަޑައިގެން ރައްކާތެރިކަމާއެކު ކުނި ނައްތާލެއްވުމަށް ކުރެވެންހުރި ކަންތައް ދެނެގަނެ، އެކަންކަމާ ބެހޭގޮތުން ވާހަކަ ދެއްކުމާއި އެކަމަށް ޢަމަލީގޮތުން ކުރެވޭ މަސައްކަތް އިތުރުކުރުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެއަކީ ސާފު ރާއްޖެއަކަށް ހެދުން. އެނގިވަޑައިގަންނަވާނެ މި ސަރުކާރު އައުމުގެ ކުރިން ކުނި މެނޭޖްކުރުމުގެ ކަންތައް، ނޫނީ ރައްކާތެރިކަމާއެކު ކުނި މެނޭޖްކުރުމުގެ ކަންތައް އޮތީ ނުވެފައި. ނޫނީ، އެ ކަންތައްތަކަކީ މުހިންމު ކަންތައްތަކެއްގެ ގޮތުގައި ބަލައި ނުގަނެވިފައި. ނަމަވެސް މިސަރުކާރުން ރައީސް ޢަބްދުﷲ ޔާމީން މިވަނީ ރައްކާތެރިކަމާއެކު ކުނި މެނޭޖްކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ދެކި، އެކަމަށް ކުރަން ހުރި ކަންކަން ފަށްޓަވައިގެން ކުރިއަށް މިގެންދަނީ. އެހެންވީމާ މިގޮތަށް މިމަސައްކަތް ކުރެވުނީމާ އިރާދަކުރެއްވިއްޔާ ސާފު ރާއްޖެއަކަށް ރާއްޖެ ވެގެންދާނެ." މިނިސްޓަރ ވިދާޅުވިއެވެ. 

img:http://s1.psmnews.mv/images/660x400/8661.jpg|ތިލަފުއްޓަށް ކުނި އުފުލާ ދޯންޏެއް- ފައިލް ފޮޓޯ: ޕީއެސްއެމް

ރާއްޖެއަކީ ސާފުތާހިރު ޤައުމަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ މައްޗަށް ސަމާލުކަން ހޯއްދަވަން ވާހަކަފުޅުދައްކަވަމުން ކޮންމެ ދުވަހަކީވެސް ތްރީ އާރު ދުވަހަކަށް ވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ތްރީއާރު ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ރާއްޖޭގެ ބައެއް ރަށްރަށާއި ރިޒޯޓްތަކުގައި އެކި ހަރާކާތްތައް ހިންގަމުން އަންނަކަން އެންވަޔަރަމަންޓް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.

މިގޮތުން ތްރީއާރު އެވެއަރނަސް ސެޝަންތައް ރަށްރަށުގައި ބޭއްވުމާއި، ގޭގެއަށް ގޮސް ރައްކާތެރި ކަމާއެކު ކުނި މެނޭޖްކުރާނެ ގޮތް ކިޔާދިނުމާއި، ރަށުތެރެ ސާފުކުރުމުގެ ޕްރޮގްރާމްތައް ހިންގަމުން އަންނަކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވިއެވެ. މީގެ އިތުރުން ރަށުގެ ޢާންމު ތަންތާނގައި ޑަސްބިން ބެހެއްޓުމާއި، ގޭގެއަށް ގޮސް ކުނި އުކައިދިނުމުގެ މަސައްކަތްވެސް މިދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންގޮސްފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވިއެވެ.