ރަށު ކައުންސިލްތަކުގެ ރައީސުން އިންތިޚާބު ކުރާގޮތަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުން އިންތިޚާބު ކުރުމަށް ޤާނޫނަށް އިސްލާހު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ދައުލަތުގެ މައުލޫމާތު ހާމަކުރެއްވުމަށް ކުރިއަށްގެންދާ "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކަކީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ނިންމެވުމުގެ މަގުސަދުގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅުތަކެއް ކަމަށެވެ. މި ދަތުރުފުޅުތަކުގައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ކަންބޮޑުވުންތައް އެމަނިކުފާނާ ހިއްސާ ކުރައްވާ ކަމަށާއި އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވަން މަސައްކަތް ކުރައްވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަންހެނުންގެ ކޮމިޓީތަކަށް ރަމަޟާން މަހުގެ އެލަވެންސް ނުލިބޭކަން އެމަނިކުފާނާ ހިއްސާކުރެއްވުމުން އެކަމަށް ހައްލު ހޯދައިދެއްވާފައިވާކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓާއެކުވެސް އެ ކޮމިޓީތަކަށް ކުރިއެރުންތައް އަންނާނެ ކަމަށެވެ. އެގޮތުން، ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަށް ކައުންސިލުން ދޭ ބަޖެޓު 2 ގުނަ ކުރައްވައި ރަމަޟާން މަހުގެ އެލަވެންސަކީވެސް އެ ކައުންސިލްތަކުގެ ބަޖެޓުން ދޭ އެއްޗެއްގެ ގޮތުގައި ހައްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުންނަކީ މިހާތަނަށް ޕާޓް ޓައިމްކޮށް މަސައްކަތް ކުރިބަޔަކަށްވީ ނަމަވެސް ކުރިއަށް އޮތްތަނުގައި އެ ކޮމިޓީތަކުގެ ރައީސުން ވެގެންދާނީ ފުލް ޓައިމް މަސައްކަތް ކުރާ ބަޔަކަށް ކަމަށެވެ. އަދި ކޮމިޓީތަކުގެ ރައީސުންވެސް އައްޔަންކުރެވޭނީ ކައުންސިލްތަކުގެ ރައީސުން އައްޔަންކުރާގޮތަށް އިންތިޚާބަކުން ކަމަށާއި އެ ބަދަލުތައް ޤާނޫނަށް ގެންނަނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރު ރައީސާ ހޮވަނީ އެ ޑަބްލިއުޑީސީއެއްގެ މެންބަރުންގެ ތެރޭގައި ނަގާ ވޯޓަކުން. ނަމަވެސް މި ގެންނަ ބަދަލަކީ ކައުންސިލް ރައީސް ހޮވާ އުސޫލުން ޑަބްލިއުޑީސީގެ ރައީސްވެސް ހޮވަން މިއުޅެނީ. އެ ރަށެއްގައި އަންހެނުންގެ ފަރާތުން ހުންނަ އެންމެ އިސްމީހާގެ މަގާމަށް ފުލް ޓައިމް މަގާމެއްގެ ގޮތުގައި މިހޮވަނީ. މިހާތަނަށް ޑަބްލިއުޑީސީތަކަކީ އެލަވެންސެއް ލިބޭ ޕާޓް ޓައިމް މަގާމެއް. އެހެންނަމަވެސް ރައީސާ ވެގެންދާނީ ކުރިއަށްއޮތްތަނުގައި ފުލްޓައިމް މުސާރަލިބޭ ފުލްޓައިމް މަގާމަކަށް،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ބަދަލުތަކާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ވަރަށް ބޮޑު ކުރިއެރުމެއް އަދި ބާރުވެރިކަމެއް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަންހެނުންގެ ކޮމިޓީތަކަށް ކުރިމަތިލާން ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާނެ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މިހާރު ލިބެނީ ކައުންސިލްތަކުގެ ބަޖެޓުން %5ގެ ބަޖެޓެކެވެ. ނަމަވެސް އެ އަދަދު %10 އަށް ބޮޑު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. ރަށު ކައުންސިލްތައް ބާރުވެރިކުރުވުމަށް އެ ކައުންސިލްތަކަށް ސަރުކާރުން ދޭ ބްލޮކް ގްރާންޓު ހިސާބުކުރާ ގޮތް ބަދަލުކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.