ޚަބަރު

ސްޕީޗް ތެރަޕީގެ ޚިދުމަތް ފެށި ފުރަތަމަ އަތޮޅު ހޮސްޕިޓަލަކަށް ހއ.އަތޮޅު ހޮސްޕިޓަލް


  • ފުރަތަމަ ދުވަހު 30އެއްހާ ކުދިން ރަޖިސްޓްރީވި

  • މިއީ ވާހަކަދެއްކުމުގެ ދަތިކަން ހުންނަ ކުދިންނަށް ދޭ ތެރަޕީއެއް

ހއ.އަތޮޅު ހޮސްޕިޓަލްގައި ފެށި ސްޕީޗް ތެރަޕީގެ ޚިދުމަތާއެކު، ފުރަތަމަ ފަހަރަށް އަތޮޅު ހޮސްޕިޓަލެއްގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ފަށައިފިއެވެ. މިއީ ވާހަކަދެއްކުމުގައި ދަތިތައް ދިމާވާ ކުދިންނާއި މީހުންނަށް ދޭ ތެރަޕީއެކެވެ.

ސްޕީޗް ތެރަޕީގެ ޚިދުމަތް އަތޮޅުތެރޭގައި މިހާތަނަށް ޤާއިމުކޮށްފައިވަނީ ރީޖަނަލް ދެ ހޮސްޕިޓަލެއްގައެވެ. އެއީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައެވެ. ނަމަވެސް ހއ.ދިއްދޫގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ފެށުމާއެކު، މި ޚިދުމަތްވެގެންދަނީ އަތޮޅު ހޮސްޕިޓަލެއްގައި ސްޕީޗް ތެރަޕީގެ ޚިދުމަތް ފެށި ފުރަތަމަ ހޮސްޕިޓަލަށެވެ.

ހއ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ މި ޚިދުމަތަކީ ސަރުކާރުން އެ ހޮސްޕިޓަލްގައި ފެށި ޚިދުމަތެއްކަމަށާއި، ހޮސްޕިޓަލަށް ތެރަޕިސްޓެއް ހޯދުމުގައި ހއ.ދިއްދޫ ދިއްގާ ފައުންޑޭޝަންގެ ބޮޑު އެހީތެރިކަމެއް ލިބިފައިވާކަމަށެވެ.

ދިއްދޫގައި ފެށި ޚިދުމަތާއެކު، ސްޕީޗް ތެރަޕީގެ ޚިދުމަތް ހޯދުމުގައި ދަތިތައް ހުރި ފަރާތްތަކުގެތެރެއިން މާލެއާއި ދުރު ހޮސްޕިޓަލްތަކަށް ދާންޖެހޭތީ ޚިދުމަތް ނުހޯދި ތިބި ފަރާތްތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ހއ.އަތޮޅު ހޮސްޕިޓަލުން މިހާރު ވަނީ ޚިދުމަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވާން ހުޅުވާލާފައެވެ. ހޮސްޕިޓަލްގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި ހިއްސާކޮށްފައިވާ ކިއު.އާރް ކޯޑް މެދުވެރިކޮށް މިޚިދުމަތަށް ރަޖިސްޓްރީކުރެވޭނެއެވެ. މި ފުރުޞަތު ހުޅުވާލި ފުރަތަމަ ދުވަހު 30އެއްހާ މީހުން ޚިދުމަތަށް އެދި ރަޖިސްޓްރީކޮށްފައިވާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

މިޚިދުމަތް ހުރިހާ އުމުރުފުރާގެ މީހުންނަށްވެސް ލިބޭނެއެވެ. ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައި ޚިދުމަތް ދިނުމުގެ އިންތިޒާމް ހަމަޖައްސަމުންދާކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

ސްޕީޗް ތެރަޕީގެ ފަރުވާ އެންމެ ގިނައިން ހޯދަނީ، ހެދިބޮޑުވާއިރު ވާހަކަދެއްކުމުގެ ދަތިކަން ހުންނަ ކުޑަކުދިންނަށެވެ. ދިއްދޫގައި ފެށި މިޚިދުމަތާއެކު، ރަށާއި އަމިއްލަ އަތޮޅުގައި ތިބެގެން ޚިދުމަތް ހޯދުމުގެ މަގު ފަހިވެ ގިނަ ފަސޭހަތައް ލިބިގެންދާނެއެވެ.

ހއ.އަތޮޅު ހޮސްޕިޓަލުގައި މި ޚިދުމަތް ފެށުމަށް ސިއްޙީ ވުޒާރާއާއި ރަށު ކައުންސިލާއި، އަތޮޅުކައުންސިލާއި ދާއިރާގެ މަޖިލިސް މެންބަރުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފަވާކަމަށް އެހޮސްޕިޓަލުންވަނީ ފާހަގަކުރައްވާފައެވެ.

ނ.އަތޮޅުގައިވެސް ސްޕީޗް ތެރަޕީގެ ޚިދުމަތް ފެށުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

ސްޕީޗް ތެރަޕީއާއި އޮކިއުޕޭޝަނަލް ތެރަޕީއަކީ ހެދިބޮޑުވުމުގައި މިފަދަ މައްސަލަތައް ހުންނަ ކުދިންނަށް ވަރަށް މުހިންމު ފަރުވާގެ ނިޒާމެކެވެ. ނަމަވެސް އިންސާނީ ވަސީލަތުގެ ދަތިކަމުގެ ސަބަބުން މިހާތަނަށްވެސް މި ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރާއްޖޭގައި ބޮޑެތި ގޮންޖެހުންތައް އެބަހުއްޓެވެ.