ރީޖަނަލް އެއަރޕޯޓްސްއިން ހިންގަމުން އައި 9 އެއަރޕޯޓެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލާ ހަވާލުކޮށްފިއެވެ.
ރީޖަނަލް އެއަރޕޯޓްސް ކުންފުނި، އެމްއޭސީއެލްގެ ދަށަށް ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހުއެވެ. ރީޖަނަލް އެއަރޕޯޓްސް ކުންފުނި، އެމްއޭސީއެލްގެ ދަށައް ބަދަލުކުރުމަށް ސަރުކާރުން ނިންމެވީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުންނެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްއޭސީއެލުން ވިދާޅުވީ، ރީޖަނަލް އެއަރޕޯޓްސްއިން ހިންގަމުން އައި 9 އެއަރޕޯޓަކާ އެމްއޭސީއެލުން ހަވާލުވެފައިވާކަމަށެވެ. އެ އެއަރޕޯޓްތަކާ ހަވާލުވީ މީގެ ދެހަފްތާ ކުރިންކަމަށްވެސް އެމްއޭސީއެލުން ވިދާޅުވިއެވެ.
އެ އެއަރޕޯޓުތަކާ ހަވާލުވީއިރު އެތަންތަނުގެ ހާލަތު ހުރީ ވަރަށް ދަށްކޮށްކަމަށާއި މިހާރު ކުރަމުންދާ މަސައްކަތަކީ އެ އެއަރޕޯޓްތަކުގެ ހާލަތު ދެނެގަތުމުގެ މަސައްކަތްކަމަށް އެމްއޭސީއެލުން ވަނީ ވިދާޅުވެފައެވެ. އަދި އެއަރޕޯޓްތަކުގެ ތަރައްޤީއަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް އެކުންފުނިން ވިދާޅުވިއެވެ.
ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ ހުރިހާ މަސައްކަތަކާ އެމްއޭސީއެލާ ހަވާލުވި ނަމަވެސް އެ ކުންފުނި އުވައިލުމުގެ މަސައްކަތްތައް އަދި މުޅިން ނުނިމެއެވެ.
ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ އެމް.އޭ.ސީ.އެލާ އެއްކޮށްލުމުން ޚަރަދު ކުޑަކުރެވި، އެއަރޕޯޓްތައް ހިންގުން އިތުރަށް ހަރުދަނާކުރެވޭނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ސަރުކާރުން ގެންގުޅުއްވާ އިކޮނޮމިކް ރިފޯމްކުރުމުގެ މަސައްކަތްތަކަކީ އައިއެމްއެފް އަދި ވޯލްޑް ބޭންކްފަދަ ބައިނަލްއަޤްވާމީ މާލީ އިދާރާތަކުންވެސް ވަރަށް ބޮޑަށް ބަލައިގަނެފައިވާ މަސައްކަތްތަކެއްކަމަށެވެ.