ތ. ވަނދޫގައި ސަރުކާރުން އިމާރާތްކުރާ މިސްކިތުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުތެރޭގައި ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ތ. ވަންދޫއަކީ އެ އަތޮޅުގައި ދެވަނައަށް އެންމެ ކުޑަ އާބާދީ އޮންނަ ރަށެވެ. ވަންދޫގެ އާބާދީ 400މީހުންނާ ގާތްކުރެއެވެ. ރަށުގައި ދިރިއުޅޭ އާބާދީ މިއަށްވުރެ މަދެވެ.
ވަންދޫގައި ތަރައްޤީކުރަމުންދާ މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ މިސްކިތުގެ %60 މަސައްކަތް މުޅިން ނިމިފަވާކަމަށެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ އެ ވުޒާރާގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަންގެ ވަފުދެއް، ތ. ވަންދޫގައި ސަރުކާރުން ޢިމާރާތްކުރާ މިސްކިތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ. ވުޒާރާއިން ވިދާޅުވީ މިސްކިތުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހަށް ނިންމާލުމަކީ ޢަމާޒުކަމަށާއި، އެގޮތަށް މަސައްކަތްތައް ކުރިއަށްދާކަމަށެވެ.
މި ވުޒާރާގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަންގެ ވަފުދު ތ. ވަންދޫގައި ސަރުކާރުން ޢިމާރާތްކުރާ މިސްކިތުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުން. މި މިސްކިތުގެ 60% ވަނީ ނިމިފައި. މިއީ 300 މީހުންގެ ޖާގައިގެ މިސްކިތެއް. މިސްކިތް ނިމޭނެކަމަށް ލަފާކުރެވެނީ ފެބްރުއަރީ 2026 ގައި pic.twitter.com/Fs4fXUY6ds
— Ministry of Islamic Affairs (@MVIaffairs) September 1, 2025
މިވަގުތުވެސް އަތޮޅުތަކުގެ އެކި ރަށްތަކުގައި ގިނަ މިސްކިތްތަކެއް އިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ. އެގޮތުން އަތޮޅުތަކުގައި ތަރައްޤީކުރަމުން އަންނަ 13 މިސްކިތެއް މިއަހަރު ނިންމާ ހުޅުވާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މީގެތެރޭގައި ޤުރުއާނާއި ބެހޭ މަރުކަޒެއް އަދި އިސްލާމިކް ސެންޓަރު ހިމެނޭހެން ތަރައްޤީކުރާ މިސްކިތުގެ އިމާރާތްތައް ހިމެނެއެވެ.
އަތޮޅު ތެރޭގެ އިތުރުން މާލެ ސަރަހައްދުގައި އިސްލާމިކް މިނިސްޓްރީން ދަނީ މިސްކިތް ބިނާކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަމުންނެއެވެ.