ޚަބަރު

ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޕީއެލްއަށް


  • ކުޅުދުއްފުށި ވިޔަފާރި ބަނދަރުން ގިނަ ޚިދުމަތްތަކެއް ވަނީ އިފްތިތާހްކޮށްދެއްވާފަ

  • މިޚިދުމަތްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އިޤްތިޞާދީ ވަޒީރު

ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކުޅުދުފުއްޓަށް ވަޑައިގެންނެވެ.

ކުޅުދުއްފުށި ސިޓީ ވިޔަފާރި ބަނދަރު ބޮޑުކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާއާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އިޤްތިޞާދީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު މުޙައްމަދު ސަޢީދުއެވެ. އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުޙައްމަދު ރިޝްވާންއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަތޮޅު ތެރޭގައި ވިޔަފާރިތައް ކުރިއެރުވުމާއި ދަތުރުފަތުރާއި މުދާ ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް އެކުލަވާލާފައިވާ ތަޞައްވުރުގެ ދަށުން، ކުޅުދުއްްފުށި ވިޔަފާރި ބަނދަރުން ކުރިން ނުލިބޭ މުހިންމު ޚިދުމަތްތަކެއް މިއަދު ވަނީ އިފްތިތާހްކޮށްދެއްވާފައެވެ. މި ޚިދުމަތްތައް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އިޤްތިޞާދީ ވަޒީރެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން، ކުޅުދުއްފުށި ވިޔަފާރި ބަނދަރުން ފެށި ހަތަރު ޚިދުމަތްތަކަކީ ޑިއުޓީ ފްރީ ބޮންޑެޑް ޒޯނުގެ ޚިދުމަތާއި، ބޮންޑެޑް ވެއަރހައުސްގެ ޚިދުމަތާއި، ހިލަ އަދި ހިލަވެލި ސްޓޯރޭޖްގެ ޚިދުމަތުގެ އިތުރުން ޑޮމެސްޓިކް ކީގެ ޚިދުމަތް ފެށުމެވެ.

ކުޅުދުއްފުށި ސިޓީގެ ވިޔަފާރި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު އެމްޕީއެލްއާ ހަވާލުކުރެވުމަކީ ދިވެހިރާއްޖޭގެ އުތުރުން ފެށިގެން ދެކުނަށް، ޝެޑިއުލް ކުރެވިގެން މުދާ އުފުލާނެ ނިޒާމެއް ޤާއިމްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި އަމާޒަކީ އަތޮޅުތަކުގެ ސަޕްލައި ޗެއިންގެ އެފިޝިއެންސީ އިތުރުކޮށް، މުދާ ގެނައުމުގައި ކުރަންޖެހޭ ޚަރަދު ކުޑަކޮށް ހެޔޮ އަގެއްގައި އަތޮޅުތަކަށް މުދާ އެތެރެކުރުންކަމަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި މިކަމުންވެސް އިޤްތިޞާދު ކުރިއަރައިގެން ދިއުމަށް ފަހި ފުރުސަތަކަށް ވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.