ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ތަރައްޤީ ކުރައްވާ، އެ ސިނާއަތުގެ ދުވެލި ހަލުވި ކުރެއްވުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ދަށުން އުފެއްދެވި މި ސޮފްޓްވެއަރ އަކީ އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ އެހީތެރިކަމާއެކު ފިޝަރީޒް މިނިސްޓްރީން ތައްޔާރުކުރައްވާފައިވާ ސޮފްޓްވެއަރއެކެވެ. އެއްލައްކަ ޑޮލަރު ޚަރަދު ކުރައްވައިގެން ތައްޔާރުކުރެއްވި މި ސޮފްޓްވެއަރ އުފެއްދުމަށް ޚަރަދު ކޮށްފައިވަނީ ރާއްޖެއިން އެކްސްޕޯޓްކުރާ މަސް ގަންނަ ބޭރުގެ ކުންފުނިތަކުން ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.
މި ސޮފްޓްވެއަރ ރަސްމީކޮށް އިފްތިތާޚް ކޮށްދެއްވީ ކަނޑުއޮއްގިރީގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ފިޝަރީޒް މިނިސްޓަރު ޑރ.މުޙައްމަދު ޝައިނީއާއި އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ ޗެއާމަން ޖޯން ބާރޓަންއެވެ. img:http://s2.psmnews.mv/images/660x400/14706508462727.jpg|"ކެޔޮޅު" ސޮފްޓްވެއާ ލޯންޗުކުރުން - ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފިޝަރީޒް މިނިސްޓަރު ޑރ.ޝައިނީ ވިދާޅުވީ މި ޓެކްނޮލޮޖީއާ އެކު ވަރަށް ބޮޑެތި ފަސޭހަތަކެއް މަސްވެރިންނަށް ލިބިގެންދާނެ ކަމަށާއި އެންމެ ބޮޑު ފަސޭހައެއް ވެގެންދާނީ ބޮޑުކަންނެލި އެކްސްޕޯޓްކުރާ ފަރާތަތްތަކަށް ކަމަށެވެ.
މިގޮތުން ކަންނެލި އެކްސްޕޯޓްކުރުމަށް ފުރިހަމަކުރަން ޖެހޭ ކަންތައްތަކަށް މީގެކުރިން 6 ނުވަތަ 7 ގަޑިއިރު ހޭދަވާ ކަމަށާއި ނަމަވެސް މި ސިސްޓަމްގެ އެހީގައި މި މަސައްކަތް މަދު މިނެޓުކޮޅެއްގެ ތެރޭގައި ކުރެވޭނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މި ސިސްޓަމްގެ ސަބަބުން ރާއްޖެއިން ބޭރުކުރާ މަހަށް ރަނގަޅު އަގު ހޯދަން ކުރާ މަސައްކަތުގައި ވެސް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ޑރ. ޝަޢިނީ ވިދާޅުވީ، މި ސޮފްޓްވެއަރގެ ދަށުން ހައްދަވަންޖެހޭ އިތުރު ބައިތައް މިއަހަރު ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށާއި އޭގެތެރޭގައި މަސްވެރިންނަށް ޚާއްޞަ މޯބައިލް އެޕްލިކޭޝަނެއް ހިމެނޭ ކަމަށެވެ. img:http://s2.psmnews.mv/images/660x400/14706508325871.jpg|"ކެޔޮޅު" ސޮފްޓްވެއާ ލޯންޗުކުރުން - ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
"މި ޕްރޮގްރާމްގެ ދެންހުރި މޮޑިއުލްތައް މިއަހަރު ނިމުމުގެ ކުރިން އަޅުގަނޑުމެންނަށް ގެނެވޭނެ. ގެނެވުނީމާ އަޅުގަނޑުމެންނަށް މަސްވެރިންނަށް ކުރީގަ ވިއްޔާ ފޯމެއް ފުރައިގެން ކޮންމެ ދުވަހަކު އައިސް އެއެއްޗެހިތައް ރަށު އޮފީހަށް ލައިގެން، ރަށު އޮފީހުން މާލެއަށް ފޮނުވަން ޖެހޭ ފޮނުވުން ހުއްޓިގެންދާނެ. މިހާރު ލޮގްފޮތް ފުރާފަ ފޮނުވަން ޖެހެނީ. އިރާދަކުރެއްވިއްޔާ އެ މޮޑިއުލްގައިވާ ކޮންމެ ބޭފުޅަކުވެސް މޯބައިލް ފޯނުން އެޕްލިކެޝަނެއް މެދުވެރިކޮށް އެދުވަހެއްގެ ހިސާބުތައް އެދުވަހު ހަމަވަގުތުން އަޅުގަނޑުމެންނާ ހަމައަށް ފޯރުކޮށްދެވޭނެ." މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންޓަރނޭޝެނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންގެ ޗެއާމަން ޖޯން ބާރޓަން ވިދާޅުވީ ކުރިއަށްއޮތްތަނުގައި މި ސިސްޓަމް އިތުރަށް ތަރައްޤީ ކުރާނެ ކަމަށާއި މި ސޮފްޓްވެއަރއަކީ ރާއްޖެއަށް މިވަގުތު ވަރަށް ބޮޑަށް ބޭނުންވެފައިވާ ސޮފްޓްވެއަރއެއް ކަމަށް އޭނާ ވިދާޅުވިއެވެ.