ޓުއަރިޒަމް

މިއަހަރުގެ 750,000 ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް


ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި 750,000 ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. މިއަހަރުގެ ރާއްޖެއަށް ޒިޔާރާތްކުރި ހަތްސަތޭކަ ފަންސާސް ހާސްވަނަ ފަތުވެރިޔާގެ ގޮތުގައި ގުނުނީ ޗައިނާއިން ރާއްޖެއަށް އައި ފަތުވެރިއެކެވެ.

ސަރުކާރުން ވަނީ މިއަހަރު ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން ގެނައުމަށް އަމާޒެއް ކަނޑައަޅުއްވާފައެވެ. އެގޮތުން މި އަމާޒަށް ވާޞިލްވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިއަހަރު ރާއްޖެއަށް އައި 750,000 ވަނަ ފަތުވެރިޔާ ވޭންގ ޝުއާއިއަށް އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ވިދާޅުވީ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި އެމްއެމްޕީއާރުސީގެ އެކްޓިންގ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ހާރިސްއެވެ. ރާއްޖެއައި 750,000 ވަނަ ފަތުވެރިޔާއަށް މަރުޙަބާ ވިދާޅުވުމަށްފަހު މީޑިއާތަކަށް މަޢުލޫމާތު ދެއްވަމުން ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވީ މިހާރު މިއީ ކޮންމެ އަހަރަކުވެސް ފަތުރުވެރިންގެ ދަތުރުތައް އެންމެ މަދުވާ ދުވަސްވަރު ނަމަވެސް މިހާރުވެސް ފަތުވެރިން އަންނަމުންދާ ޢަދަދު މަދޭ ބުނެވޭވަރު ނުވާ ކަމަށެވެ. އަދި ޗައިނާއިން އަންނަ ފަތުވެރިންގެ ނިސްބަތްވެސް މިއަހަރުގެ މެދުތެރޭގައި ދަށްވުމަށްފަހު މިހާރު ރަނގަޅުވަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. img:http://s2.psmnews.mv/images/660x400/14705562393087.jpg|މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 750000 ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ދެންނެވުން - ފޮޓޯ: ޕީއެސްއެމް

"ޢާއްމުކޮށް އެނގިފައި އޮންނަނީ ޗައިނާ މީހުންނަކީ ރިޕީޓާސްއެއް ނޫން ކަމަށް. އެކަމަކު މިފަހަރު މިއައި ޗައިނާ އާއިލާ މިއީ ރާއްޖެއަށް ޒިޔާރަތްކުރި ދެވަނަ ފަހަރު. މިއަދު މިއީ ފާހަގަ ކޮށްލަން ޖެހޭ ކަމެއް. މިއަހަރު ކުރިއަށް އޮތްތާގައިވެސް ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގޭނެ. އެގޮތުން އިތުރު ފެއަރތަކުގައި ބައިވެރިވުމަށް ހަމަޖެހިފައިވޭ" މިނިސްޓަރ ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ ހާރިސް މުޙައްމަދު ވިދާޅުވީ 750,000 ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ކިޔުމުގެ މި ޙަރަކާތުގެ އެއްމެ ބޮޑު އެއް ބޭނުމަކީ ފަތުރުވެރިން އެނބުރި ޤައުމަށްގޮސް ރާއްޖޭގައި ކުރެވުނު މި ތަޖުރިބާ ރައްޓެހިންގެ އިތުރުން އެމީހުންގެ ޢާއިލާ މީހުންނާއި ޙިއްސާކޮށް، ރާއްޖެއަށް މަޝްހޫރުކަން ލިބުން ކަމަށެވެ. މީގެއިތުރުން، މިއަހަރު މި ފަތުވެރިޔާ ރާއްޖެއަށް އައީ ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓަކުން ކަމަށްވުމީ ލިބުނު ޝަރަފެއްކަން ހާރިސް ފާހަގަކުރެއްވިއެވެ. img:http://s3.psmnews.mv/images/660x400/14705562553464.jpg|މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 750000 ވަނަ ފަތުރުވެރިޔާއަށް މަރުޙަބާ ދެންނެވުން - ފޮޓޯ: ޕީއެސްއެމް

އައިލެންޑް އޭވިއޭޝަން ސަރވިސްއަކީ ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކުރުމުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. އަދި އެ ދައުރު އަދާކުރުމަށް އެ ކުންފުނިން އަންނަނީ މަސައްކަތް ކުރުމުންނެވެ. އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ޙާރިސް މި ރަސްމިއްޔާތަށްފަހު ވިދާޅުވީ މޯލްޑިވިއަންގެ ދަތުރުތައް އިތުރު ސިޓީތަކަށް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވޭން ފޫކާންގ ވިދާޅުވީ ރާއްޖެއަކީ ޗައިނާ ފަތުވެރިން ވަރަށް ގަޔާވާ މަންޒިލެއްކަމުގައެވެ.

"ޗައިނާ ފަތުވެރިން އަބަދުވެސް ރާއްޖެއާއި ވަރަށް ގަޔާވޭ. ޗައިނާއަކީ ބޮޑު އަބާދީ އޮތް ރަނގަޅު އިޤްތިޞާދެއްވެސް އޮތް ތަނެއް އެހެންވީމާ ޗައިނާ ފަތުވެރިން އިތުރުވުމުން ރާއްޖޭގެ ފަތުވެރިކަމަށް ކުރިއެރުންތަކެއް ލިބޭ." ވޭން ފޫކާންގ ވިދާޅުވިއެވެ.

ރާއްޖެއަށް އައިސްފައިވަނީ އޭނާގެ ޢާއިލާއާއެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. މީޑިއާއާއި ވާހަކަދައްކަމުން ވާން ޝުއާއިގެ ފިރިމީހާ ބުނީ މިއީ އެމީހުން ރާއްޖެއަށް ޒިޔާރާތްކުރި 2 ވަނަ ފަހަރު ކަމަށެވެ. އޭނާ ފުރަތަމަ ރާއްޖެއަށް އައީ ހަނީމޫނަށެވެ. އޭގެ 5 އަހަރު ފަހުން މިއަދު އޭނާ ރާއްޖެއަށް އައީ އޭނާގެ 5 އަހަރުގެ ދަރިފުޅު ގޮވައިގެން ޗުއްޓީ ހޭދަކޮށްލުމަށެވެ.

"އަހަރެން މިހުރީ ވަރަށް އުފަލުން. ރާއްޖެއަކީ ވަރަށް ރީތިތަނެއް. މިއީ އަހަރުން ރާއްޖެއަށް އައިދެވަނަ ފަހަރު. އަދިވެސް އަންނާނަން ފަސްއަހަރު ފަހުން" ވާން ޝުއާއިގެ ފިރިމީހާ ބުންޏެވެ.

ޗައިނާގެ މި ފަތުވެރިޔާއަށް އެމްއެމްޕީއާރުސީންވަނީ މީރު އައިލެންޑް ރިސޯޓްގައި 7 ދުވަހުގެ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ދީފައެވެ. ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ނިސްބަތް އިތުރުކުރުމަށް މިއަހަރު ބާކީއޮތް މަސްތަކުގައިވެސް ގިނަ ފެއަރތަކެއްގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށް އެމްޕީއާރުސީން މައުލޫމާތުދެއްވައެވެ.