ޓުއަރިޒަމް

ވެކޭޝަންސް އެކްސްޕޯއަށް 3000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފި


މިއަހަރު އަލަށް ރާއްޖޭގައި ބޭއްވި ވެކޭޝަންސް އެކްސްޕޯއަށް 3،000 އަށްވުރެ ގިނަ މީހުން ޒިޔާރަތްކޮށްފިއެވެ. މި އިވެންޓް އިންތިޒާމުކުރި ހައިރައިޒުން ބުނީ އެފަރާތުން އުންމީދުކުރި ވަރަށް ވުރެވެސް ބޮޑު ތަރުޙީބެއް މި އެކްސްޕޯއަށް ލިބުނު ކަމަށެވެ. img:http://s2.psmnews.mv/images/660x400/14705472214942.jpg|އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވެކޭޝަން އެކްސްޕޯ ހުޅުއްވައިދެއްވުން - ފައިލް ފޮޓޯ: ޕީއެސްއެމް

ނޭޝަނަލް އާޓްގެލެރީގައި 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ވެކޭޝަންސް އެކްސްޕޯއަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނަ ޢަދަދެއްގެ ބަޔަކު ޒިޔާރަތް ކޮށްފައިވާއިރު، ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން އައިސް ތިބި ބައެއް ފަތުރުވެރިންވެސް މި އެކްސްޕޯއަށް ޒިޔާރަތްކޮށްފައިވެއެވެ. img:http://s4.psmnews.mv/images/660x400/14705472461766.jpg|ވެކޭޝަން އެކްސްޕޯގެ ތެރެއިން - ފައިލް ފޮޓޯ: ޕީއެސްއެމް

ހައިރައިޒްގެ ޖެނެރަލް މެނޭޖަރ ޙަބީބާ ހުސައިން ވިދާޅުވީ މިއަހަރު ބައިވެރިވި ވަރަށް ވުރެ ގިނަ، ރާއްޖެއާއި ބޭރުގެ ޓްރެވަލް އެޖެންޓުންނާއެކީ މިއަންނަ އަހަރުވެސް ވެކޭޝަންސް އެކްސްޕޯ ބާއްވާނެ ކަމަށެވެ.

''ކުރިއަށް މިއަންނަ އަހަރުވެސް މިހާ ހިސާބުގައި ނޫނީ މިއަށްވުރެ ފަހުން މިއަށްވުރެ ގިނަ އެގްޒެބިޓާރސް އެއީ ރާއްޖެއާއި ބޭރުގެ ފަރާތްތަކާއި އެކީ އަޅުގަނޑުމެން ބާއްވާނަން މި އިވެންޓް. އުންމީދު ކުރަން މިއީ ވަރަށް ރަގަޅު އިވެންޓަކަށް ވީކަމަށް.'' ޙަބީބާ ވިދާޅުވިއެވެ. img:http://s4.psmnews.mv/images/660x400/14705472688742.jpg|ވެކޭޝަން އެކްސްޕޯގެ ތެރެއިން - ފައިލް ފޮޓޯ: ޕީއެސްއެމް

ގިނަ އިނާމުތަކެއްވެސް ހުށަހަޅައިގެން ކުރިއަށްގެންދިޔަ މި އެކްސްޕޯގައި ބައިވެރިވި ފަރާތްތަކުން ބުނީ ގިނަބަޔަކު އެ ސްޓޯލްތަކަށް ޒިޔާރަތްކުރި ކަމަށެވެ. އަދި މިއީ އެފަދަ ތަންތަން އިޝްތިހާރު ކުރުމަށާއި އައު ބަޔަކަށް ތަޢާރަފްވެލަން ލިބިގެންދިޔަ ވަރަށް ރަގަޅު ފުރުސަތެއް ކަމަށެވެ. img:http://s2.psmnews.mv/images/660x400/14705472839480.jpg|ވެކޭޝަން އެކްސްޕޯގެ ތެރެއިން - ފައިލް ފޮޓޯ: ޕީއެސްއެމް

35 ފަރާތަކުން ބައިވެރިވި މި އެކްސްޕޯ ކުރިއަށްދިޔައީ 3 ބަޔަކަށް ބަހާލައިގެންނެވެ. މި އެކްސްޕޯގައި ހުރި 24 ސްޓޯލްގެ ތެރޭގައި އެއަރލައިންތަކާއި ގެސްޓްހައުސްތަކާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޓްރެވަލް އެޖެންޓުންނާއި ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސް ޚިދުމަތްދޭ ފަރާތްތައް ހިމެނެއެވެ.