ޚަބަރު

ޕްލެޓުފޯމެއް ޤާއިމްކޮށް، ވެލިދުއަށް ސީޕްލޭން އޮޕަރޭޓުކުރެވޭގޮތް ހަމަޖައްސާނަން: ރައީސް


  • ވެލިދޫގެ ތަރައްޤީއަށް ވަރަށް އިސްކަންދެއްވާނެ

  • ރަށުގެ ތަރައްީގެ މުހިންމު މަޝްރޫޢުތައް މިއަހަރު ކުރިއަށްދާނެ

މޫދަށް ޖައްސާ މަތިންދާބޯޓު ނުވަތަ ސީޕްލޭން ޕްލެޓުފޯމެއް ނ. ވެލިދޫގައި ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ވެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި، ރިޔާސީ އިންތިޚާބުގައި ވެލިދޫގެ ތަރައްޤީއަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުގައި ހިމެނޭ ކަންކަމާއި، އޭގައި ނުހިމެނޭ ކަންކަންވެސް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ. މިގޮތުން ރިޔާސީ ވަޢުދުގައި ހިމެނޭ ވަޢުދުތަކުގެ ތެރެއިން ބައެއް މަޝްރޫޢުތައް މިހާރު ފެށިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޮޑިދޯނިފަހަރު އެހެލުމާއި ފައިބަރު މަސައްކަތަށް ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫޢު މިހާރު ފެށިފައިވާއިރު، އެކަން ބާރު ދުވެލީގައި ނުހުއްޓި ކުރިއަށް ގެންދަވާނެކަމަށެވެ.

ރާއްޖޭގެ 3 ސަރަހައްދެއްގައި ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ޤާއިމްކުރުމަށްވެސް ވަޢުދުވެފައިވާކަމަށާއި، އޭގެތެރެއިން އެއް ސެންޓަރު ވެލިދޫގައި ޤާއިމްކުރުމާއި، ފުލުހުންގެ ފެންވަރު ރަނގަޅު މަރުކަޒެއް ޤާއިމްކުރުންވެސް ފެށިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. މިއީ އަމާން ވެއްޓެއް ކަށަވަރުވެގެންދާނެ މަޝްރޫޢުތަކެއްކަންވެސް ރައީސް ވިދާޅުވިއެވެ.

ސިއްޙީ ދާއިރާ ތަރައްޤީކުރުމުގައި ހުރިހާ ރަށެއްވެސް އެރަށެއްގެ ފެންވަރުގައި، އިޤްތިޞާދީ ކުރިއެރުމަށްބަލައި ހަމަހަމަކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށާއި، އެގޮތުން ވެލިދޫގައިވެސް ހޮސްޕިޓަލެއް ތަރައްްީކުރުމަށް ނިންމެވީ އެ ސިޔާސަތުގެ ތެރެއިންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހޮސްޕިޓަލް ތަރައްޤީކުރުމުގެ ކުރިން މިހާރުގެ ސިއްޙީ މަރުކަޒަށްވެސް އިތުރު ޚިދުމަތްތައް ތަޢާރަފްކޮށް، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އިސްކަންދެއްވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވެލިދޫގައި މިހާރު ފެށިފައިވާ މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާ ވިދާޅުވީ، އެރަށުގެ މަގު ހެދުމުގެ މަޝްރޫޢުގެ ތާރު އަޅައި ވަރަށް އަވަހަށް ނިންމައިދޭނެކަމަށެވެ. އަދި ރައްޔިތުން އެންމެ ބޮޑަށް މިހާރު ބޭނުންވާ ބަނދަރުގައި ހުރި މައްސަތަކަށްވެސް އިސްކަންދެއްވައިގެން ހައްލު ގެނެސްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

"އެންމެ ދަތިވާ އެއްކަމަކީ ބަނދަރުގެ މައްސަލަ. އަޅުގަނޑަށް އަޙްމަދު މޫސާ ދިން ޕެޓިޝަނަކީ ރަށުގެ 600 އެއްހާ މީހުން ސޮއިކޮށްފައިވާ ލިޔުމެއް. ރައްޔިތުންގެ ކަންބޮޑުވުން ހިއްސާކުރައްވާފައި. އެޕެޓިޝަން އަޅުގަނޑު ބަލާނަން. ކަމާބެހޭ ވުޒާރާއާއި ހަވާލުކުރާނަން. ފަންނީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަށްފަހު ރައްޔިތުން ހުށައެޅި ކަމަށްކަށްވާތީ ސީރިަސްކޮށް ބަލައި، އެ ބަނދަރުގެ އުފާވެރިކަމާއި ލުއިކަން ގެނެސްދިުމަށް ގެނަންޖެހޭ ބަދަލުތައް ގެނެސްދޭނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބަނދަރުގެ ހުރި މައްސަލަތައް ހައްލުކުރުން މިއަހަރުގެ ބަޖެޓުން ކުރިއަށް ގެންދިއުމަށް ދަތިވާނަމަ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި އެންމެ ލަސްވެގެން ޖެނުއަރީ މަހު އަމަލީ މަސައްކަތް ފަށްޓަވާދެއްވާނެކަމަށެވެ.

މީގެ އިތުރުން ރަށްގިރުމުގެ މައްސަލަ ހައްލުކުރުމާއި، ކުޅިވަރުގެ ވަސީލަތްތައް ޤާއިމްކުރުންވެސް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. ވެލިދޫގައި މިހާރު ރަނގަޅު ކުޅިވަރުގެ ވަސީލަތްތަކެއް ނެތްކަމަށާއި، އެހެންކަމުން މިއަހަރު ދެ މަޝްރޫޢު އަންނަ ސެޕްޓެމްބަރު މަހު ސޮއިކޮށް ނޮވެމްބަރު މަހު އަމަލީ މަސައްކަތް ފަށްޓަވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެއީ އެކި ކަހަލަ ކުޅިވަރު ކުޅޭނެ މަލްޓިޕާޕަސް ހޯލަކާއި ފުޓްސަލް ދަނޑެއް ތަރައްޤިކުރުމެވެ.

ތައުލީމީ ދާއިރާއަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ، ވެލިދޫގައި ހުރި ތަޢުލީމީ މަރުކަޒުގައި 8 ކްލާސްރޫމާއި، ލައިބްރަރީ އަދި އެހެނިހެން ވަސީލަތްތައްވެސް ޤާއިމްކުރުން ކުރިއަށް ގެންދިއުން އެބަހުރިކަމަށެވެ. އެ މަޝްރޫޢު ފެށުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި އެންމެ ލަސްވެގެން އަންނަ އަހަރު ކުރީކޮޅު ފަށްޓަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައިވެސް ބޯހިޔާވަހިކަމަށް 1 ބިލިޔަން ރުފިޔާ ހިމަނާނެކަމަށާއި، އޭގެތެރޭގައި ވެލިދޫގައި ހައުސިންގ މަޝްރޫޢެއް ހިންގުމަށް ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ސީޕްލޭން ޕްލެޓު ފޯމެއް ވެލިދޫގައި ޤާއިމްކޮށް، ދާއިމީކޮށް ސީޕްލޭން އޮޕަރޭޓުކުރެވޭނެގޮތް ހަމަޖައްސަވާނެކަންވެސް އިއުލާންކުރައްވާފައެވެ. އަދި އަންނަ އަހަރު ސީ އެމްބިއުލާންސްގެ ޚިދުމަތްވެސް ވެލިދޫގައި ފެށޭނެކަމަށް ވިދާޅުވިއެވެ.

މިއިން ކޮންމެ މަޝްރޫޢުވެސް ކުރިއަށްގެންދާނީ ނުހުއްޓޭނެހެންކަމަށް ރައީސް ވިދާޅުވިއެވެ. މައިގަނޑުގޮތެއްގައި ވެލިދޫގެ ތަރައްޤީއަށް ވަރަށް އިސްކަންދީގެ މަޝްރޫޢުތައް ރާވާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.