ޓުއަރިޒަމް

ވެކޭޝަން އެކްސްޕޯ މޯލްޑިވްސްގެ އެންމެފަހުގެ ތައްޔާރީތައް


ރާއްޖޭގައި ބާއްވާ ފުރަތަމަ ވެކޭޝަން ޓްރެވަލް ފެއަރ ކަމަށްވާ "ވެކޭޝަންސް އެކްސްޕޯ މޯލްޑިވްސް" ފެށުމަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ކުރަމުން އެބަދެއެވެ. އިވެންޓް މެނޭޖްކުރާ އަމިއްލަ ކުންފުންޏެއްކަމަށްވާ ހައިރައިޒުން އިސްނަގައިގެން ބާއްވާ ވެކޭޝަން އެކްސްޕޯ މާދަމާ ހުޅުވާއިރު މިއީ ރާއްޖޭގައި ބާއްވާ މިފަދަ ފުރަތަމަ ޓްރެވަލް އެގްޒަބިޝަންކަން ފާހަގަކޮށްލަންޖެހެއެވެ. މި އެކްސްޕޯގައި 39 ފަރާތަކުން ބައިވެރިވާއިރު، މި އެކްސްޕޯ ކުރިއަށްދަނީ މައިގަނޑު 3 ބަޔަކަށް ބަހާލައިގެނެވެ.

މި ބައިތަކުގެ ތެރޭގައި ހިމެނެނީ ގެސްޓް ހައުސް ޒޯން އާއި އެޑްވެންޗާރ ބައެއްގެ އިތުރުން އެކްސްކްލޫސިވް ބޫތް ނުވަތަ ސްޓޯލް ތަކެކެވެ. މި ގޮތުން ގެސްޓް ހައުސް ޒޯންގައި 10 ގެސްޓް ހައުސްއަކުން ވަނީ ބައިވެރިވެފައެވެ. އަދި އެޑްވެންޗާ ބައިގައި ހިމެނޭ މޫދު ކުޅިވަރާއި ޑައިވް ސެންޓަރުގެ ބައިގައި ފަސް ސެންޓަރަކުން ބައިވެރިވެފައިވެއެވެ. އަދި އެކްސްކްލޫސިވް ބޫތްގެ ބައިގައި 24 ބޫތެއް ހިމެނެއެވެ. މި ފެއާގެ މެއިން ސްޕޮންސަރަކީ އިނަރ މޯލްޑިވްސްއެވެ.

މި ފެއަރއަކީ ރާއްޖެއާއި ރާއްޖެއިން ބޭރަށް ޗުއްޓީ ހޭދަކޮށްލަން ދާ ފަރާތްތަކަށް ކުރިން ޗުއްޓީ ޕްލޭންކޮށްލަން ލިބޭ ފުރުޞަތެއްކަމަށް މި ފެއަރ އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ. ވެކޭޝަން އެކްސްޕޯ ބާއްވަނީ ފަތުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ އެންޖީއޯތަކުގެ އެހީތެރިކަމާއެކުއެވެ.