ޓުއަރިޒަމް

އެމްޓީޑީސީން ރިސޯޓްތައް ތަރައްޤީކޮށް، އޮޕަރޭޓްކުރަން ފަށަނީ


ރިސޯޓް ތަރައްޤީކުރުމަށް ލިބޭ ރަށްރަށް އަމިއްލައަށް ޑިވެލޮޕްކޮށް، މިރަށްރަށް އޮޕަރޭޓްކޮށްގެން ނަފާ ހޯދުމަކީ އެމްޓީޑީސީގެ މިހާރުގެ ސިޔާސަތުކަމުގައި އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނިޔާޒު ވިދާޅުވެއްޖެއެވެ. 

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ނިޔާޒު ވިދާޅުވީ ކުންފުނީގެ ކުރިމަގު ބައްޓަން ކުރާނެގޮތަކާ ބެހޭގޮތުން މިހާރު ކުންފުނީގެ ބޯޑު މެންބަރުންގެ މެދުގައި މަޝްވަރާކުރެވުމުންދާ ކަމުގައެވެ. އެގޮތުން އެމްޓީޑީސީން މިހާރު ކުރިއަށްގެންދާ ބިޒްނަސް މޮޑެލަށް ބަދަލު ގެންނަންޖެހޭކަމަށް ނިޔާޒު ވިދާޅުވިއެވެ. އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ ކުރީގެ ސަރުކާރުން އެމްޓީޑީސީއަށް ކުޑަކުއްޔަކަށް ރަށްތައް ދީފައި އޮތްނަމަވެސް ޤާނޫނަށް ގެނައި ބަދަލާއެކު މިހާރު އެމްޓީޑީސީންވެސް އެހެން ރިސޯޓްތަކުން ސަރުކާރަށް ދައްކަމުން އަންނަ ކުއްޔާ އެއްވަރެއްގެ ކުއްޔެއް ދައްކަމުން އަންނަކަމަށް ނިޔާޒު ވިދާޅުވިއެވެ. 

img:http://s3.psmnews.mv/images/660x400/14621034732062.jpg|އެމްޓީޑީސީގެ ރިސޯޓެއް / ފޮޓޯ: އެމްޓީޑީސީ

ނިޔާޒް ވިދާޅުވީ އެގޮތަށް ކުލި ދައްކަންޖެހުމުން މިހާރު ބޭނުންކުރަމުން އަންނަ ބިޒްނަސް މޮޑެލްއާއެކު ކުރިއަށްދިއުމަކީ އުދަނގޫކަމެއްކަމަށެވެ. "ކުންފުނީގެ ބިޒްނަސް މޮޑެލް ބަދަލުކުރުމަށް ބޯޑުން ދަނީ މަޝްވަރާކުރަމުން. އެގޮތުން އަޅުގަނޑުމެން މަސައްކަތް ކުރާނީ ސީދާ ކުންފުނިން ރިސޯޓްތައް ހިންގުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް. އަދި އެގޮތަށް ބިޒްނަސް މޮޑެލް ބަދަލުކުރުމުން ކުންފުންޏަށް ފައިދާކުރާނެ. އަޅުގަނޑުމެން އެކަން ދިރާސާކުރަމުން މިދަނީ." ނިޔާޒު ވިދާޅުވިއެވެ. 

ރިސޯޓް ތަރައްޤީކުރުމަށް އެމްޓީޑީސީއަށް ސަރުކާރުން ދޫކުރައްވާފައިވާ ރަށްތަކުގެ ތެރެއިން ދެރަށެއް ތަރައްގީނުކުރެވުމުގެ ސަބަބުން ސަރުކާރުން ވަނީ ނަންގަވާފައެވެ. ނަމަވެސް އެމްޓީޑީސީން މިހާރު ގެންދަނީ 3 ރިސޯޓެއް ސަބްލީސްކޮށް ދޫކޮށް ހިންގަމުންނެވެ.