ޚަބަރު

އޭޝިއާ މީޑިއާ ސަމިޓް އަންނަ އަހަރު ރާއްޖޭގައި ބާއްވަނީ


  • އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ މި ސަމިޓުގެ 21 ވަނަ އެޑިޝަން

  • މި ސަމިޓު ރާއްޖޭގައި ބާއްވާނީ އޭއައިބީޑީ އަދި ޕީއެސްއެމް ގުޅިގެން

  • މިއަހަރުގެ ސަމިޓުގައިވެސް 300އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވޭ

21 ވަނަ އޭޝިއާ މީޑިއާ ސަމިޓް އަންނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ. މިކަން އިއުލާންކުރީ 20 ވަނަ އޭޝިއާ މީޑިއާ ސަމިޓް 2025 ގެ ތެރެއިން މިއަދު ކުރިއަށްދިޔަ "ހޭންޑްއޯވަރ ސެރެމަނީ"ގެ ތެރެއިންނެވެ.

ރާއްޖޭގެ ފަރާތުން މިކަމުގެ ލިޔުމާއި ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހިީނާ ވަލީދެވެ.

އޭޝިއާ މީޑިއާ ސަމިޓް އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޝިއާ-ޕެސިފިކް އިންސްޓިޓިއުޓް ފޯރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް، އޭ.އައި.ބީ.ޑީއާއި ރާއްޖޭގެ ޤައުމީ މީޑީއާ، ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމް ގުޅިގެންނެވެ.

މިއީ ރާއްޖޭގައި މި ސަމިޓް ބާއްވާ ފުރަތަމަ ފަހަރެވެ. ރާއްޖޭގައި މި ޝަމިޓް ބާއްވާނެކަން އިޢުލާނު ކުރުމާއެކު ސަމިޓްގެ ބައިވެރިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. މީއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށްވެސް ލިބިގެންދާ ފަހި ފުރުޞަތަކަށްވެގެންދާނެއެވެ.

އޭޝިއާ މީޑިއާ ސަމިޓްގެ 20 ވަނަ ބައްދަލުވުން މިއަހަރު ކުރިއަށްދަނީ ކެންބޯޑިއާގެ ސިއެމްރީޕް ސިޓީގައެވެ. މިއަހަރުގެ ސަމިޓުގައި އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުގެ އެކި ޤައުމުތަކުގެ މީޑިއާ ދާއިރާގައި ހަރަކާތްތެރިވާ މަތީ ފަންތީގެ ބޭފުޅުން ހިމެނޭހެން 30 އަށްވުރެ ގިނަ ޤައުމަކުން 300 އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.

މިއަހަރުގެ ސަމިޓުގައި ޕީއެސްއެމްއާއި ބްރޯޑްކާސްޓިންގ ކޮމިޝަން އަދި މީޑިއާ ދާއިރާގައި މަސައްކަތްކުރާ ބައެއް ފަރާތްތައް ހިމެނޭހެން ވަފްދެއް ވަނީ ބައިވެރިވެފައެވެ.

އޭޝިއާ މީޑިއާ ސަމިޓަކީ އޭއައިބީޑީގެ ފްލެގްޝިޕް އިވެންޓެއްގެ ގޮތުގައި ކޮންމެ އަހަރަކު އިންތިޒާމްކޮށްގެން ބާއްވާ ބޮޑު ކޮންފަރެންސްއެކެވެ. މިއަހަރުގެ ކޮންފަރެންސްގެ މައިގަނޑު ޝިއާރަކީ "ސްލެބްރޭޓިންގ ޓޫ ޑިކޭޑްސް އޮފް އެކްސްސެލެންސް އެންޑް ބިޔޯންޑް" އެވެ.

އޭޝިއާ މީޑިއާ ސަމިޓް ބާއްވަން ފަށާފައިވަނީ 2004 ވަނަ އަހަރުން ފެށިގެންނެވެ. މި ސަމިޓްގެ އެންމެ ބޮޑު އެއް ބޭނުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީޑިއާތަކާއި މިދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އެއްތާކުން ބައްދަލުވެ، މީޑިއާ ދާއިރާގެ ކުރިއެރުމަށް ގެންނަށްޖެހޭ ބަދަލުތަކާމެދު މަޝްވަރާކޮށް ތަޖުރިބާއާއި ޚިޔާލު ބަދަލުކުރުމެވެ.