ޚަބަރު

"އިޢުލާންކޮށްފައިވާ 57 ރަށުގެ އިތުރުންވެސް އިތުރު ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގާނަން"


  • މި 57 ރަށަކީ ރައީސްގެ ވަޢުދުގައި ހިމެނޭ ރަށްރަށަށް

  • މި ރަށްރަށަށް ކޮންޓްރެކްޓަރުން ހޮވުމަށްފަހު، އިތުރު ރަށްރަށަށް އިޢުލާންކުރާނެކަމަށް ވިދާޅުވި

އަތޮޅުތަކުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގަން ސަރުކާރުން މިހާރު އިޢުލާންކޮށްފައިވާ ރަށްރަށުގެ އިތުރަށްވެސް، މި ދައުރުގައި އަތޮޅުތަކަށް ޚާއްސަކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފްތާގައި ބޭއްވި "އަހާ" ފޯރަމްގައި ވަޒީރު ވިދާޅުވީ، ފުރަތަމަ 57 ރަށް އިޢުލާންކުރީ، އެއީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުގައި ހިމެނޭ ރަށްރަށަށްވާތީ އެ މަސައްކަތްތަކަށް އިސްކަންދެއްވުމުގެގޮތުން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ކެމްޕެއިން ދަތުރުތަކާއި އެކިއެކި ރަށްރަށުގައި ބޭއްވެވި ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިންވަނީ އަތޮޅުތަކުގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގެވުމަށް، އަދަދުތަކާއެކު މަޝްރޫޢުތައް އިޢުލާންކުރައްވާފައެވެ.

އަހާ ފޯރަމްގައި ވާހަކަފުޅުދައްކަވަމުން ގެދޮރިވެރިކަމާއި ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ޚާއްސަ އިސްކަމެއްދީގެން ސަރުކާރުން ފުރަތަމަ ފަށާފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރައްވާފައިވާ 57 ރަށުގެ މަސައްކަތްކަމަށެވެ. މި ރަށްރަށުގައި މަސައްކަތް ކުރިއަށްގެންދިއުމަށް ކޮންޓްރެކްޓަރުންނަށް ހުޅުވާލުމުން އެކަމަށް ވަރަށް ގިނަ ފަރާތްތަކުން ޕްރޮޕޯސަލް ހުށައަޅާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"15 ރަށެއް ފިޔަވާ ދެން މިމަޝްރޫޢުގައި ހިމެނޭ 42 ރަށުގައި ހައުސިން މަޝްރޫޢު ހިންގުމަށް ވަނީ ޕްރޮޕޯސަލް ލިބިފައި. އިވެލުއޭޝަން ނިމުނީމަ އަގު ހުށައެޅުމުގެ ފުރުޞަތަށް ވަރަށް އަވަހަށް ހުޅުވާލާނަން." ވަޒީރު މުއްޠަލިބް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންފައިވާގޮތަށް، އެސިޔާސަތުގެ ދަށުން ގެދޮރު ދޫކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެކަމަށެވެ. އަދި މިހާރު އަތޮޅުތަކަށް އިޢުލާނުކޮށްފައިވާ މަސައްކަތްތައް ފަށައިގަނެވުމާއެކު، އިތުރު ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އިޢުލާންކުރައްވާނެކަމަށެވެ.

"ސަރުކާރުން މިހާރު އިޢުލާންކޮށްފައިވަނީ 12000 ޔުނިޓް އަތޮޅުތަކުގައި އެޅުމަށް. މިހާރު އިޢުލާންކޮށްފައި އެވަނީ މި ސަރުކާރުގައި ފްލެޓް އަޅަން ނިންމާފައިވާ ހަމައެކަނި ރަށްތަކެއް ނޫން. މިއީ ރައީސްގެ ވަޢުދުތަކެއްވީމަ ކުރިން ފެށީ. އިތުރު ރަށްތައް އިޢުލާންކޮށް، މަސައްކަތްތައް ގެންދާނަން." ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ.މުއްޠަލިބް ވިދާޅުވިއެވެ.

އިޢުލާންކޮށްފައިވާ ރަށްރަށުގެ ތެރެއިން 100 އިން ދަށުން ހައުސިން ޔުނިޓް އަޅަނީ 20 ރަށެއްގައެވެ. މީގެއިތުރުން 12 ރަށެއްގައި 100 ހައުސިން ޔުނިޓު އަޅަން ހަމަޖެހިފައިވާއިރު، 2 ރަށެއްގައި 150 ހައުސިންގ ޔުނިޓް، 9 ރަށެއްގައި 200 ހައުސިން ޔުނިޓް އަދި 14 ރަށެއްގައި 200އަށްވުރެ ގިނަ ހައުސިން ޔުނިޓް އެޅުމަށްވަނީ ހުޅުވާލާފައެވެ.

ބޯހިޔާވަހިކަމުގެ ދާއިރާއިން މިއަހަރު 2.8 ބިލިޔަން ރުފިޔާ ޚަރަދުކުރުމަށް ނިންމާފައިވާއިރު، 1.8 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވަނީ ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ޢުމްރާނީ މަޝްރޫޢުތަކަށެވެ.