ޚަބަރު

އައު ޓާމިނަލާއެކު ފަސިންޖަރުންނަށް ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތަކެއް ރާއްޖެއިން ލިބޭނެ


  • އެއަރލައިންތަކަށްވެސް ޓްރަޔަލްތަކުގަ ދަނީ ބައިވެރިކުރަމުން

  • ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ޓަރމިނަލުން ލިބޭނެކަމަށް އެއަރލައިންތަކުން ބުނޭ

ރާއްޖެ އަންނަ ފަސިންޖަރުންނަށް ރާއްޖޭގެ އެއާޕޯޓަކުން ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ލިބުމަކީ އެންމެ ދެކެން ބޭނުންވި ދުވަސް ކަމަށާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އައު ފަސިންޖަރ ޓާމިނަލްއާއެކު ފަސިންޖަރުން ބޭނުންވާފަދަ ހިތްހަމަޖެހޭ ޚިދުމަތެއް ލިބޭނެކަމަށް އެއާލައިންތަކުން ބުނެފިއެވެ.

ވީއައިއޭގެ އައު ޓާމިނަލް 26 ޖުލައި 2025 ގައި ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ކުރިއަށްގެންދާ ޓްރަޔަލްގައި އެއާލައިންތަކުން ބައިވެރިކޮށް، މުޅި ޕްރޮސެސް ކުރިއަށްދާ ގޮތް އެމްއޭސީއެލްއިން ވަނީ ދައްކާލައިފައެވެ.

މި ޓްރަޔަލްގައި ފަސިންޖަރުގެ ޗެކިން މަރުހަލާއާއި، ފަސިންޖަރުން ދަތުރުކުރާ މަގުތަކާއި، ބެގޭޖް ހޭންޑްލިން ސިސްޓަމާއި، ފަސިންޖަރުންގެ ބޯޑިން ޕްރޮސެސް ކުރިއަށްދާ ގޮތުގެ ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފައިވެއެވެ.

އޭގެ އިތުރުން އެރައިވަލް ފަސިންޖަރުން ޓާމިނަލަށް ވަދެގެން، ދާގީނާ ނެގުމާއި ހަމައަށްދާނެ މަގުތަކުގެ ޓްރަޔަލްއެއްވެސް ކުރިއަށް ގެންދިޔައެވެ. މި ޓްރަޔަލް ވިލަރެސްކުރުމަށްޓަކައި ރާއްޖެއަށް އޮޕަރޭޓްކުރާ އެއާލައިންތަކުންނާއި ޓްރެވެލް އޭޖެންޓުން ވަނީ ބައިވެރިވެފައެވެ.

ޓްރަޔަލްއަށްފަހު ވާހަކަ ދައްކަވަމުން އެއާލައިން އޮޕަރޭޓާސް ކޮމިޓީގެ ޗެއަރމަން އަދި އިއްތިހާދު އެއާލައިންގެ އެއާޕޯޓް މެނޭޖަރު މުނާޒު އަލީ ވިދާޅުވީ އެއާލައިންތަކުން އެންމެ ބޭނުންވާ ކަމަކީ ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ރާއްޖޭގައި ލިބުން ކަމަށެވެ. އައު ޓަރމިނަލާއެކު ދުނިޔޭގެ ފެންވަރުގެ ޚިދުމަތެއް ރާއްޖޭގައި ލިބިގެންދާނެ ކަމަށާއި އެކަމަށްޓަކައި އެއާލައިންތަކުން ތިބީ ވަރަށް އުފަލުން ކަމަށްވެސް މުނާޒު ވިދާޅުވިއެވެ.

މި ޓްރަޔަލްގައި ބައިވެރިވި ގަތަރު އެއަރވޭސް އަދި މެލޭޝިއަން އެއަރލައިންގެ ފަރާތުންވެސްވަނީ، މިއީ ފަސެންޖަރުންނާ ރައްޓެހި، ޒަމާނީ ޓަރމިނަލްއެއްގެ ގޮތުގައި ޚިދުމަތްތައް ރޭވިފަވާ ޓަރމިނަލެއްކަން ފާހަގަކޮށްފައެވެ. މި ޓަރމިނަލާއެކު ރާއްޖެ، ރާއްޖޭގެ ގޮތުގައި ފަސެންޖަރުންނަށް ފެންނާނެކަމަށް ވަނީ ބުނެފައެވެ. އަދި މިއީ ރީތީ، ތަފާތު ތަޖުރިބާއަކަށްވާނެކަމަށް ވަނީ ބުނެފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އާ ޕަސިންޖަރ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް އެމް.އޭ.ސީ.އެލްއިން އަންނަނީ ވަމުންނެވެ. އާ ޓާމިނަލާއެކު ޕަސިންޖަރުންނަށް ޒަމާނީ ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެއެވެ.