ގިރާވަރު ފަޅު ހިއްކަން ހަވާލުކުރި ކުންފުންޏާއެކުވެފައިވާ އެއްބަސްވުން ބާތިލުކޮށް ގިރާވަރުފަޅުގެ މަސައްކަތް އަލުން ފެށުމަށް މަސައްކަތްކުރަމުންދާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ގިރާވަރު ފަޅު ހިއްކުމަށް އެއްބަސްވުން އެކުލަވާލާފައިވަނީ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާއި ނެދަލޭންޑްސްގެ ސީއެމްސީ-ބޮސްކާލިސް ޖޮއިންޓު ވެންޗާ ކުންފުންޏާދެމެދުއެވެ.
އަހާ ފޯރަމްގައި އާންމު ރައްޔިތަކުވަނީ ގިރާވަރުފަޅުން ގޯތިދިނުމުގެ މަސައްކަތާ ގުޅޭގޮތުން ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބްއާ ސުވާލުކޮށްފައެވެ. މި ސުވާލާ ގުޅިގެން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ، ގިރާވަރުގެ ރައްޔިތުންނަށްވެސް ގުޅީފަޅުން ގޯތި ދޭ ގޮތަށް ވަރަށް އަވަހަށް ގޯތި ދޭން ޖެހޭކަމަށް ޤަބޫލުކުރައްވާކަމަށެވެ. ނަމަވެސް ވަޒީރު ވަނީ އެތަނުން ގޯތި ދިނުން ލަސްވާ ސަބަބުތަކަށް އަލިއަޅުވާލައްވާ މި މައްސަލައިގައި ކަންވެފައިވާގޮތް ތަފްސީލްކޮށްދެއްވާފައެވެ.
އެގޮތުން ވަޒީރު ވިދާޅުވީ ގިރާވަރުފަޅު ހިއްކުމަށްޓަކައި ކުރީ ސަރުކާރުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދެފަހަރެއްގެ މަތިން 20 މިލިޔަން ޑޮލަރު ދީފައިވާކަމަށެވެ. އަދި އިތުރަށް މަސައްކަތް ކުރުމަށްޓަކައި އިތުރަށް ފައިސާ ދިނުމަށް ޑިމާންޑްކުރިކަމަށާއި އިތުރު 15 މިލިޔަން ޑޮލަރުވެސް ސަރުކާރުން އެކުންފުންޏަށް ދެއްކިކަމަށެވެ. ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫޢުގައި ޖުމްލަ 160 ހެކްޓަރުގެ ބިން ހިއްކުމަށް ހަވާލުކޮށްފައިވެއެވެ. ނަމަވެސް ހިއްކާފައި އޮތީ އެންމެ 60 ހެކްޓަރުގެ ބިންކަން ވަޒިރު ފާހަގަކުރެއްވިއެވެ.
"ދެން އެފަރާތުން ޑިމާންޑް ކުރީ ހިއްކާފައި އޮތް މިންވަރަށް ވާވަރަށް ޑިމާންޑްކުރާ އަދަދަށް ފައިސާ ދިނުމަށް.
ޙަޤީގަތުގައި ބެލިބެލުމުން އެތަނުގައި ހިއްކާފައި އޮތީ 20 މިލިޔަން ޑޮލަރަށް ވާވަރަށް. ގިރާވަރުގެ އެގްރީމަންޓް ހަދާފައި އޮތީ ކޮންޓްރެކްޓަރާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން ކިޔާ ސަރުކާރުގެ ކުންފުންޏަކާއެކު." ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިފަދަ އެތަކެއް މައްސަލަތަކެއް ހުރުމާއި ގިރާވަރުން އަވަހަށް ގޯތިދިނުމަށްޓަކައި އެ ފަރާތާއެކު ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް ނިންމާ ބަންޑާރަނައިބުގެ އޮފީހުން އެ މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެއަށް ހައްލެއް ލިބިފައިނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ކުރީ ސަރުކާރުން އެގްރީމަންޓް ހަދާފައި އޮތީ ސަރުކާރަށް ވަރަށްބޮޑަށް ގެއްލުން ވާގޮތަކަށްކަމަށާއި މިހާރުވެސް އެކުންފުންޏަށް 35 މިލިޔަން ޑޮލަރު ދީފައިވުމުން ސަރުކާރުން މަސައްކަތް ކުރަނީ އިތުރަށް ބަދަލެއް ނުދީ އެއްބަސްވުން ބާޠިލްކުރެވޭނެ ގޮތަކަށް އެކަން ކުރުމަށްކަމަށެވެ.
"މީގެ ކުރިއަށް ބަލާއިރުވެސް އެ ކޮންޓްރެކްޓަރަކީ އަބަދުވެސް ކޮންޓްރެކްޓް ބާޠިލް ކުރުމުގެ ވިސްނުން ގެންގުޅޭ ކުންފުންޏެއް. ކޮންޓްރެކްޓް ބާޠިލްކުރުމަށްފަހު އާބިޓްރޭޝަން އަށް ގޮސްގެން ބޮޑެތި ބަދަލުތައް ހޯދާ. އަޅުގަނޑުމެން ވިސްނަންޖެހޭ އެގްރީމަންޓް ބާޠިލްކުރާއިރު އުޞޫލްގެ ތެރެއިން ވީހާވެސް ރަނގަޅަށް އެކަން ކުރުމަށް." ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
ވަޒީރު ޑރ. މުއްޠަލިބް ވިދާޅުވީ ސަރުކާރުން ތައްޔާރުވަމުން ދަނީ ކޮންޓްރެކްޓަރާއެކު ވެފައިވާ އެއްބަސްވުން ބާޠިލްކުރެވޭހާ އަވަހަކަށް ގިރާވަރުން ގޯތިދިނުމުގެ މަސައްކަތް ފެށުމަށްކަމަށެވެ.
ގިރާވަރުން ބައެއް ގޯތި ގުޅިފަޅަށް ބަދަލުކުރުމުން އެތަނުގެ ލޭންޑް ޔޫސް ޕްލޭން ރިވައިޒްކުރަންޖެހޭކަން ފާހަގަކުރައްވާ ވަޒިރު ވިދާޅުވީ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ނިމުމުން ގިރާވަރުން ގޯތި ލިބިފައިވާ ފަރާތްތަކާ މަޝްވަރާކޮށް ގޯތި ލިބޭ ތަންތަން ކަނޑައެޅުމަށްފަހު ރަޖިސްޓްރީ ހެއްދުމުގެ މަސައްކަތް ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ގިރާވަރު ފަޅުން ޖުމްލަ 160 ހެކްޓަރު ހިއްކުމަށް ހަމަޖެހިފައިވާއިރު، އެ ޕްރޮޖެކްޓަށް އިތުރު 50 ހެކްޓަރުގެ ބިން އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.