ތަރައްްޤީ

ފ.އަތޮޅުގައި އެއަރޕޯޓް ހަދާނެ ސަރަޙައްދެއް ކަނޑައަޅަނީ


ފ.އަތޮޅުގައި ސަރަޙައްދީ އެއަރޕޯޓެއް ތަރައްޤީކުރެއްވުމަށްޓަކައި، އެއަރޕޯޓް ހައްދަވާނެ ތަނެއް ކަނޑައެޅުއްވުމަށް، ދިރާސާ ކުރެއްވުމުގެ މަސައްކަތް އަންނަ ހަފްތާގައި ފަށްޓަވަން ހަމަޖެހިފައިވާ ކަމަށް ފ.އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ. 

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން، ފ.އަތޮޅު ކައުންސިލްގެ ރައީސް، އަބްދުލް ޙަމީދު ވިދާޅުވީ، ދިރާސާކުރާ ޓީމުގެ މަސައްކަތްތައް ބޮޑަށް ކުރެވިގެންދާނީ ފ.ނިލަންދޫ ފަޅުތެރޭގައި ކަމަށާއި، އެޓީމުގެ މަސައްކަތް ނިމިގެންދާއިރު، އެއަރޕޯޓެއް ހެދުމަށް އެންމެ ރަނގަޅު ސަރަޙައްދެއް ފައިނަލް ވެގެންދާނެ ކަމަށެވެ. 

މިމަސައްކަތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، ޗައިނާގެ ކުންފުންޏަކުން ބައިވެރިވާނޭކަމަށް ޙަމީދު ވިދާޅުވިއެވެ. އަދި ހަފްތާއެއްގެ މުއްދަތަށް މިޓީމުން ފ. އަތޮޅުގައި ޙަރަކާތްތެރިވާނެ ކަމަށްވެސް ޙަމީދު ވިދާޅުވިއެވެ.

ފ.އަތޮޅުގައި އެއަރޕޯޓެއް ހެއްދެވު ސަރުކާރުން ނިންމަވާފައިވީ ނަމަވެސް، ޢަމަލީ ގޮތުން މަސައްކަތްތަކެއް ފެށިގެން ދިއުމަކީ މަޝްރޫޢާމެދު އުންމީދު އާވެގެންދާ ކަމެއް ކަމަށް ފ.އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުލް ޙަމީދު ވިދާޅުވިއެވެ.