ތަރައްްޤީ

ވޭސްޓް ކަލެކްޝަން ސެންޓަރ ފަރުމާކުރުމުގެ މަސައްކަތް


ކުނީގެ މައްސަލައަކީ މުޅި ރާއްޖެއަށްވެސް ދިމާވެފައިވާ ބޮޑު މައްސަލައެކެވެ. އެހެންނަމަވެސް މާލޭގެ އާބާދީ ބޮޑުކަމާއި ޖާގައިގެ ދަތިކަން ހުރި ގޮތުންނާއި އަދި ރާއްޖެއިން އެތެރެކުރާ މުދަލުގެ ބޮޑުބައި އެތެރެކުރެވެނީ މާލެއަށް ކަމަށްވުމުން، ރާއްޖޭގެ އެހެން ސަރަޙައްދުގެ ނިސްބަތުން މާލެއިން އުކާލަންޖެހޭ ކުނީގެ ޢަދަދަ ގިނައެވެ. މާލޭގައި ދުވާލެއްގެ މައްޗަށް ޢާންމު ގޮތެއްގައި 70 ޕިކަޕުގެ ކުނި އުކާލެވޭ ކަމަށް ތަފާސް ހިސާބުން ދައްކާ އިރު، މިކަން މިހާރު ކުރަމުން އަންނަ ގޮތަށްވެސް ކަޅިއެއް ހިންގާލަންޖެހެއެވެ.

މާލެއާއި މާލެ ސަރަޙައްދުގެ ކުނި ރައްކާތެރިގޮތުގައި މެނޭޖްކޮށް، ނައްތާލުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކުރައްވާފައި ވަނީ ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް، ވެމްކޯއާއެވެ. ވެމްކޯއިން މިމަސައްކަތް މައިގަނޑުގޮތެއްގައި ކުރަމުންދަނީ 250 ޓަނުގެ ކުނި އުފުލޭ ބާޖެއްގެ އިތުރުން، 100 ފޫޓް ދޯންޏެއް ބޭނުން ކޮށްގެނެވެ. ޢާއްމުކޮށް ކުނި ގެންދަނީ ބާޖަކަށް ބަރުކޮށްގެން ނަމަވެސް ނައްތާލަންޖެހޭ ކުނީގެ އަދަދު އިތުރުވަމުން އަންނާތީ މި ބާޖުގެ އިތުރުން 5 ދޯނީގެ ކުނި ތިލަފުށްޓަށް ގެންދާކަމަށްވެއެވެ. މާލޭގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރުވެފައިވާއިރު، މިގޮތަށް މިމަސައްކަތް ކުރިނަމަވެސް މިއީ ކުނި ނައްތާލެވޭ ރައްކާތެރިގޮތެއް ނޫންކަން ތަޖުރިބާކާރުން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ. މިކަމުގެ ސަބަބުން، ޚާއްޞަކޮށް މާލޭ ސަރަޙައްދުގައި ކުނީގެ މައްސަލަ އިތުރުވެފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.

img:http://s4.psmnews.mv/images/660x400/7702.jpg|މާލެއިން ތިލަފުއްޓަށް ކުނި ގެންދިއުމަށް ބޭނުންކުރާ ފެރީއެއް - ފައިލް ފޮޓޯ: ޕީ.އެސް.އެމް ނިއުސް

އެގޮތުން މާލޭގެ މަގުތަކަށް ބަލާލުމުންވެސް ފެނިގެންދަނީ އެކި ސަރަޙައްދުތަކަށް ދަޅާއި ފުޅިފަދަ ތަކެތި އުކާލާފައި ހުންނަ މަންޒަރެވެ. އަދި ކުނި ޖަމާކުރާ ދޯނިފަހަރުން ދުވާ ނުބައިވަހަކީވެސް މަލެއަށް ޒިޔާރަތްކުރާ އެކިއެކި ފަރާތްތަކާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ނުރުހުމުގެ ޝުޢޫރު އަމާޒުވަމުންދާކަމެކެވެ. 

ވޭސްޓް ކަލެކްޝަން ސެންޓަރ ހެދުމުން މިފަދަ ނުބައިވަސްތަކުން ޢާންމުން ސަލާމަތްވެ، ކުނީގެ  މައްސަލައަށް ޙައްލެއް ލިބިދާނެކަމުގެ އިންތިޒާރުގައި ތިބި ރައްޔިތުންނަށް އެންވަޔަރަމަންޓް މިނިސްޓްރީން މިވަނީ އުފާވެރި ޚަބަރެއް ދެއްވާފައެވެ. އެމިނިސޓްރީން ވިދާޅުވީ އެތާނގައި ވޭސްޓް ޓްރާސްފަރ ސްޓޭޝަނަކާއި ރީ-ސައިކަލް ސިސްޓަމެއް ޤާއިމް ކުރެވިގެންދާނެކަމަށާއި މާލޭގެ އެކި ތަންތަނަށް ޖަމާކުރަމުންދާ ކުނީގެ މައްސަލަ އެހިސާބުން ނިމުމަކަށް އަންނާނެކަމަށެވެ. އަދި އެތަނުގައި ރީ-ސައިކަލް ސިސްޓަމުން ޤާއިމްވެގެންދިއުމުން މާލޭގެ ގޭގެއިން އެތަނަށް ގެންދާ ކުނީގެ ތެރެއިން އަމިއްލަ ޒާތުގައި ނެތިފަނާވެ ނުދާ ހުރިހާ ކުންޏެއް ރީސައިކަލް ކުރެވިގެންދާނެކަމަށެވެ. 

އެންވަޔަރަމަންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢަލީ ޢާމިރު ވިދާޅުވީ ގޭގެއިން ކުނި އުކާލުމުގައި ވޭސްޓް ޓްރާސްފަރ ސްޓޭޝަނުން ބޭނުންކުރައްވާނީ ބަންދުކޮށްފައި ހުންނަ ލޮރީތަކަކާއި ތިން ފުރުޅުލީ ސައިކަލްތަކެއްކަމަށެވެ.

img:http://s2.psmnews.mv/images/660x400/14621853341265.jpg|ކުނި ނައްތާލާ މަރުކަޒަކަށް ކުނި ގެންދިއުމަށް ބޭނުންކުރާ ބާޖެއް - ފައިލް ފޮޓޯ: ޕީއެސްއެމް

ޚާއްޞަ އިންތިޒާމެއްގެ ދަށުން ކުނި މެނޭޖްކުރުމުގެ ސިސްޓައްމެއް ޤާއިމްކުރެވިގެން ދިޔުމުން މިހާރު މާލޭގެ މަގުމަތިން ފެނިގެން މިދާ ބިދޭސީން ކުނި މިހާރު މި އުކާލާ ގޮތަށް ކުނި އުކާލާ މަންޒަރު ފެނިގެން ނުދާނެކަމަށާއި، ޤަވާޢިދާ ޚިލާފަށް ކުނި އުކާލާނަމަ އެމީހުންނާމެދު ފިޔަވަޅު އަޅުއްވާނެކަމަށް އެމިނިސްޓްރީން ވިދާޅުވެއެވެ. 

ކުނި މެނޭޖްކުރުމަކީ ސަރުކާރުން ވަރަށް އިސްކަމެއްދެއްވައިގެން ކުރައްވާ ކަމަކަށްވާއިރު މިކަމުގައި ހުރި މައްސަލަތަކާ ބެހޭގޮތުން ޤައުމީ ފެންވަރުގައި މިހާރުވަނީ މަޝްވަރާކުރައްވާފައެވެ. ސާފު ރާއްޖޭ" ގެ ނަމުގައި ބޭއްވެވި ޤައުމީ މަހާސިންތާގައި ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވަނީ ކުނި ނައްތާލުމުގެ މަސައްކަތަށް 100 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫޢެއް ފެއްޓެވުމަށް ތައްޔާރުވަމުން އަންނަކަމަށް ހާމަކުރައްވާފައެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ކުނި މެނޭޖްކުރުމަށް، ސަރުކާރުން ކުރައްވާ އެކި މަޝްރޫޢުތަކަށް 370 މިލިއަން ރުފިޔާ ހިމަނުއްވާނެކަންވެސް ވަނީ އިޢުލާންކުރައްވާފައެވެ.