ޚަބަރު

ހުރާ ނުކުންނާނީ ޚާއްސަ ކައްޕިއަކާއެކު ތަށި ހޯދުމުގެ އަޒުމުގައި: ނަދީމް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބާއްވާ ވީއޭއެމް ކަޕަށް ހުރާ ކޮމިއުނިޓީ ކުލަބު ނުކުންނާނީ ޚާއްސަ ކައްޕިއަކާއެކު ތަށި ހޯދުމުގެ އަޒުމުގައި ކަމަށް އެ ޓީމުގެ ކޯޗު މުޙައްމަދު ނަދީމް ބުނެފިއެވެ.

ވީއޭއެމް ކަޕަށް ކޮލިފައިވުމާއެކު ހުރާ ކޮމިއުނިޓީ ކުލަބުން މުބާރާތަށް ތައްޔާރުވުމުގެ މަސައްކަތް ފަށާފައިވާކަމަށް ނަދީމް ވަނީ ބުނެފައެވެ. ހުރާ ކޮމިއުނިޓީ ކުލަބަކީ ހުރާއަށް ނިސްބަތްވާ ޓީމެއްކަމަށާ، އެހެންނަމަވެސް ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ރަށުން ބޭރުގެ ޒުވާން ކުޅުންތެރިންވެސް ހިމަނާފައިވާނެކަމަށް ނަދީމް ފާހަގަކުރިއެވެ.

"ކޮލިފިކޭޝަންއަށްފަހު ކޮލިފައިވި ހިސާބުން ކޮންމެވެސް ވަރަކަށް މިކަމަށް ތައްޔާރުވަމުން މިއަންނަނީ އިންޝާﷲ، ހުރާ ކޮމިއުނިޓީ ކުލަބަކީ ހަމަ ހުރާއަށް ނިސްބަތްވާ ޓީމެއް. ވަރަށް ރަނގަޅު ޓީމެއްގެ ގޮތުގައި މިބަލަނީ، އެހެންނަމަވެސް ޓީމު އިތުރަށް ރަނގަޅުކުރުމުގެ ގޮތުން ރަށުން ބޭރުގެ ޒުވާން ކުޅުންތެރިން ހިމަނާފަވާނެ" ނަދީމް ބުންޏެވެ.

ނަދީމް ބުނީ ޒުވާން ޓީމެއް ނަމަވެސް ތަޖުރިބާހުރި ކުޅުންތެރިންވެސް ޓީމުގައި ހިމެނޭ ކަމަށާ، އެގޮތުން ގައުމީ ޓީމުގެ ސެޓަރ އަދި ކުރީގެ ކެޕްޓަން އިޝާން (ބަޓިސް) ހިމެނޭހެން ބިދޭސީ ދެ ކުޅުންތެރިއަކުވެސް ޓީމުގައި ހިމެނޭކަމަށް ހުރާ ކޮމިއުނިޓީ ކުލަބުގެ ކޯޗު ފާހަގަކުރިއެވެ.

"އެއް ކުޅުންތެރިއަކު އެއީ މައިކަލް، އެއީ ޕޮލެންޑުގެ ކުޅުންތެރިއެއް. ދެން ތަރުޝް އެއީ ސްރީލަންކާގެ ކުޅުންތެރިއެއް. ތަރުޝް އެއީ ދުބާއީގައި މުބާރާތް ކުޅެން އެރަށުގައި ހުންނަ ކުޅުންތެރިއެއް. ތަފާތު މޮޅު ކުޅުންތެރިއެއް އިންޝާﷲ" ބިދޭސީ ކުޅުންތެރިންނާއި ގުޅޭގޮތުން ނަދީމް ބުނެފަވެއެވެ.

ބިދޭސީ ދެކުޅުންތެރިންނާއެކު ހުރާގެ ސްކޮޑު އިތުރަށް ވަރުގަދަވެގެންދާނެކަމަށް ގަބޫލުކުރާކަމަށް ނަދީމް ވަނީ ބުނެފައެވެ. އެކުޅުންތެރިން ރާއްޖެ އައީ ބުދަ ދުވަހުކަމަށާ، ޓީމާއެކު ފަރިތަކުރުންތައް މިހާރު ފަށާފައިވާކަމަށް ނަދީމް ބުންޏެވެ. އަދި އެކުޅުންތެރިން މިހާރު އަންނަނީ ޓީމަށް ހޭނެމުންކަމަށް ނަދީމް ފާހަގަކުރިއެވެ.

ހުރާ ކޮމިއުނިޓީ ކުލަބުން އަބަދުވެސް މަސައްކަތް ކުރަނީ އެއް މެޗުން އަނެއް މެޗަށް ކާމިޔާބު ހޯދުމަށްކަމަށާ، އެހެންނަމަވެސް ފުރަތަމަ ޓާގެޓަކީ ފުރަތަމަ މެޗުގެ ނަތީޖާ ރަނގަޅުކުރުންކަމަށް ނަދީމް ވަނީ ބުނެފައެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ހަމަ އެއް މެޗުން އަނެއް މެޗަށް ކާމިޔާބު ހޯދަން. އަޅުގަނޑުމެންގެ ފުރަތަމަ ޓާގެޓަކީ ފުރަތަމަ މެޗު ކާމިޔާބުކުރެވޭތޯ މަސައްކަތްކުރުން" ނަދީމް ބުނެފަވެއެވެ.

ހުރާ ޓީމުގެ އަމާޒަކީ މުބާރާތުގައި ވާދަކޮށް ފައިނަލަށް ދަތުރުކޮށް ތަށި ހިއްލާލުންކަމަށް ނަދީމްގެ ވާހަކައިގައި ފާހަގަކުރިއެވެ. ހުރާ ޓީމުން ވީއެމް ކަޕާ ކުރިމަތިލާނީ ޚާއްސަ ކެޕްޓަނަކާއެކުކަމަށްވެސް ނަދީމްވަނީ ބުނެފައެވެ.

ހުރާ ކޮމިއުނިޓީ ކުލަބުގެ މިފަހަރުގެ ކެޕްޓަނަކީ އަޑު އިވުމުން މަހުރޫމްވެފައިވިޔަސް ވޮލީގެ ހުނަރުވެރި ތަރިއެއްކަމަށް ނަދީމް ބުންޏެވެ. އައިކް އަޔާޒްއާއެކު ހުރާ ކޮމިއުނިޓީ ކުލަބުން މިފަހަރުވެސް މިނުކުންނަނީ ތަފާތެއް ދެއްކުމަށެވެ.