ޚަބަރު

އަޟްހާ ޢީދު 1446: ޤައުމީ ފެންވަރުގައި ޢީދު ފާހަގަކުރާ ރަށްތަކުން ސަޤާފީ ކުޅިވަރުތަކަށް އައު ދިރުމެއް


  • މި އަހަރުގެ އަޟްޙާ ޢީދުވެސް ޤައުމީ ފެންވަރުގައި 3 ރަށެއްގައި ވަނީ ފާހަގަކޮށްފަ

  • މި ތިން ރަށުގައިވެސް ދިވެހި ސަޤާފީ ކުޅިވަރުތައް ވަނީ ކުރިއަށްގެންގޮސްފަ

ރާއްޖޭގައި ކޮންމެއަހަރަކު ކުލަ ގަދަކޮށް އަޟްޙާ ޢީދު ފާހަގަކުރަމުންދާއިރު، އަހަރަކަށްވުރެ އަހަރެއް ޢީދު ފާހަގަކުރުމުގެ ފޯރި އަންނަނީ ގަދަވަމުންނެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާ ސަޤާފީ ހަރަކާތްތަކަކީ އަޅުގަނޑުމެން ދިވެހީންގެ ތެރެއިން ފިލައިގެން ނުދާ އާދަކާދަތަކެކެވެ.

ޒަމާނަށް އަންނަމުންދާ ބަދަލުތަކާއި ކުރިއެރުންތަކާއެކު އަޅުގަނޑުމެން ދިވެހިންގެ އުޅުމާއި ކުރަމުންއައި ކަންކަމަށްވެސް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެހެންނަމަވެސް ބަދަލުނުވާ އެއް ކަމެއް އަޅުގަނޑުމެންގެ ތެރޭގައި އެބައޮތެވެ. އެއީ ދިވެހިންނަށް ޢީދު އައުމުން އެ ލިބޭ އުފާވެރިކަމާއި، ހިތްހަމަޖެހުމާއި އެ ނަގާ ފޯރިއެވެ. ޢީދު ފާހަގަކުރުމަށް ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގައި ކޮށްއުޅުނު ކަންކަން ކޮންމެވެސް ވަރަކަށް ބަދަލުވި ނަމަވެސް ޢީދުގެ ފޯރިއަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

ފަހަކަށް އައިސް ސަރުކާރުން އެކި ރަށްރަށުގައި ޤައުމީ ފެންވަރުގައި ޢީދު ފާހަގަކުރުމަށް ނިންމުމުން ޢީދުގެ ފޯރި ވަނީ ގަދަވެފައެވެ. ކޮންމެ ރަށަކުންވެސް އެއް ރަށަށް ވުރެ އަނެއްރަށުގައި ކުލަގަދަކޮށް ޢީދު ފާހަގަކުރުމަށް ތަފާތު ހަރަކާތްތަކެއް ވަނީ ކުރިއަށްގެންގޮސްފައެވެ.

އެގޮތުން މި އަހަރުގެ އަޟްޙާ ޢީދުވެސް ޤައުމީ ފެންވަރުގައި 3 ރަށެއްގައި ވަނީ ފާހަގަކޮށްފައެވެ. އެއީ މާލެ އަތޮޅު ގުރައިދޫ، ހައްދުއްމަތީ ގަމު އަދި ތިލަދުންމަތީ އުތުރުބުރީ ކެލާގައެވެ.

މި ތިން ރަށުގައިވެސް ޢީދުގެ ދުވަސްތަކަށް ބަހާލައިގެން ތަފާތު ކުޅިވަރުތައް ވަނީ ކުރިއަށްގެންގޮސްފައެވެ. މީގެ ތެރޭގައި ދިވެހީންގެ ސަގާފަތް ދިރުވައި އާލާކުރުމާއި، އަންނަންއޮތް ޖީލުތަކަށް ދިވެހީންގެ ސަގާފަތް ވާސިލުކުރުމަށްޓަކައި ދިވެހި ސަޤާފަތް ދައްކުވައިދޭ ތަފާތު އެކި ކުޅިވަރުތައް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ޒަމާނުއްސުރެ ދިވެހީން ޢީދުގައި ކުޅެއުޅުނު ކުޅިވަރުތައްވެސް މި ރަށްރަށުގައި ވަނީ ކުރިއަށްގެންގޮސްފައެވެ.

މާލެ އަތޮޅު ގުރައިދޫގައި ކުރިއަށްގެންގޮސްފައިވާ ސަޤާފީ ހަރަކާތްތަކުގެ ތެރޭގައި ޢީދު ކޯޑި، ބޮޑުމަސް ކުޅުން، ކުރުފަލި ޖެހުން، ދަފި ނެގުން ފަދަ ހަރަކާތްތައް ހިމެނެއެވެ. އަދި ޢީދު ހުޅު ރޯކުރުމާއި ދިވެހި ލަނގިރި ޖެހުން ފަދަ ހަރަކާތްތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. މީގެ އިތުރުން، ރާއްޖޭގެ ނަން މަޝްހޫރު ހަބޭސް ބޮޑު ބެރު ގްރޫޕުގެ ޝޯވތައްވެސް ވަނީ ބާއްވާފައެވެ.

މިއަހަރުގެ އަޞްހާ ޢީދު ފާހަގަކުރުމަށް ގުރައިދޫގައި ބޭއްވި ހަރަކާތްތަކުގައި ދޮށީ އުމުރުފުރައިގެ މީހުންގެ އިތުރުން ޒުވާން އަދި ފުރާއުމުރުގެ ކުދިންވެސް ވަނީ ބައިވެރިވެފައެވެ.

ހައްދުއްމަތީ ގަމުގައިވެސް ޢީދުގެ ހަރަކާތައް ވަރަށް ކުލަ ގަދަ ގޮތެއްގައި ވަނީ ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތްތަކުގައި އެތައް ސަތޭކަ މީހުންނެއް ވަނީ ބައިވެރިވެފައެވެ. އަދި އެ ރަށުގައި ކުރިއަށްގެންދެވުނު ސަޤާފީ ހަރަކާތްތަކުގެ ސަބަބުން އެކި އުމުރުފުރާގެ މީހުންގެ މޫނު މައްޗަށް ހިނިތުންވުމާއި އަދި ހިތްތަކަށް އުފާވެރިކަން ގެނުވިކަމަށް ރަށު ކައުންސިލުން ފާހަގަކުރެއްވިއެވެ.

ލ. ގަމުގައި ވައު ދެމުމާއި، ބޮޑުމަސް ނެރުމާއި، މާލި ކުޅުމާއި، ފެން ކުޅީގެ ހަރަކާތްތައް ވަނީ ބާއްވާފައެވެ. އަދި ލަނގިރި ޖެހުމާއި، ކޯޑި ޖެހުމާއި ކޯޑި ކެނޑުން ފަދަ ސަޤާފީ ހަރަކާތްތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

ތިލަދުންމަތީ އުތުރުބުރީ ކެލާގައި ދިވެހިންގެ ތެރޭގައި ޒަމާނުންސުރެއް ކުޅެމުން އަންނަ ދަފިނެގުމާއި، ކޯޑި ކެނޑުމާއި، މާލި ނެރުމާއި، ބޮޑުމަސް ބޭނުން ފަދަ ސަޤާފީ ގިނަ ކުޅިވަރުތައް ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި ކުލަ ޖެހުމާއި ފެންކުޅިކުޅުންވެސް ވަރަށް ފޯރިގަދަގޮތެއްގައި ވަނީ ކުރިއަށްގެންގޮސްފައެވެ. މި ހުރިހާ ހަރަކާތްތަކެއްގައިވެސް ކުދި ބޮޑު އެންމެ ބައިވެރިވުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.

ހއ. ކެލާގައި ކުރިއަށްގެންގޮސްފައިވާ ސަޤާފީ ހަރަކާތްތަކަށް ބަލާލާއިރު ޒަމާނުއްސުރެ އެ ރަށުގެ ރައްޔިތުން ކުރާ އަދި ކެލަޔަށް ޚާއްޞަ ހަރަކާތެއްކަމަށްވާ މަލިކު ދަނޑިޖެހުންވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

ޢީދުގެ މުނާސަބަތާ ގުޅިގެން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ އިތުރުން މާލޭގައިވެސް ތަފާތު އެކި ޚަރަކާތްތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންގޮސްފައިވާ ހަރަކާތްތައް އިންތިޒާމްކޮށްފައި ވަނީ ވީހާވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނޭ ގޮތަށެވެ. އަދި އެކި އުމުރުފުރާގެ ކުދިންނާއި މީހުންވެސް ޝައުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ވަނީ ހިމަނާފައެވެ.

އެގޮތުން، ރާއްޖޭގެ އިހުގެ ސަޤާފަތާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ސްޓޯލްތަކުން ވަނީ ދައްކާލާފައެވެ. އަދި ޒަމާނީ ކެރެކްޓަރތައް ފިއުޝަންގޮތަށްވެސް ވަނީ ދައްކާލާފައެވެ.