މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި 1 މިލިޔަންވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. މިއީ މިހާތަނަށް ރާއްޖެއަށް 1 މިލިޔަން ފަތުރުވެރިން އަހަރުގެ ތެރޭގައި އެންމެ އަވަހަށް ހަމަވި އަހަރެވެ.
1 މިލިޔަން ވަނަ ފަތުރުވެރިޔާގެ ގޮތުގައި ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިޔަކީ މިއަދު އިންޑިގޯ ފްލައިޓުން، އޭނާގެ ބައިވެރިޔާއާއެކު މަލަހިނި ކުޑަބަޑޮސް ރިސޯޓުގައި ހަނީމޫން ހޭދަކުރުމަށް އައިސްފައިވާ އިންޑިއާގެ ކާޖަލް ސިންގެވެ. މިއީ އޭނާ ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރުވެސްމެއެވެ.
1 މިލިޔަން ވަނަ ފަތުރުވެރިޔާއަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއާއި މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނާއި އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާ ގުޅިގެން ހޫނު މަރުހަބާއެއް މިއަދު ވަނީ ކިޔާފައެވެ. މިގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރިއަށް ގެންދިޔަ ޚާއްސަ ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވަނީ ބައިވެރިވެ ވަޑައިގެން ކާޖަލް ސިންގްއަށް މަރުޙަބާ ދަންނަވާފައެވެ.
މިކާމިޔާބީ ފާހަގަކުރައްވަމުން ފަތުރުވެރިކަމާބެހޭ ވަޒީރު ޠާރިޤު ވިދާޅުވީ، މިލަނޑުދަނޑިއަކީ ރާއްޖެވަންތަ ގޮތަކަށް ރާއްޖޭގެ ފަތުރުވެރިކަން ބޭރު ދުނިޔެއަށް އިޝްތިހާރުކުރުމަށް ކުރަމުންދާ ގިނަގުނަ މަސައްކަތް ފުރިހަމައަށް ރަމްޒުކޮށްދޭ ދިވެހިން ފަޚުރުވެރިވާ ފަދަ ކާމިޔާބީއެއް ކަމަށެވެ. އަދި މީގެ އިތުރުން އަހަރުގެ މިހާ ކުރީކޮޅު ރާއްޖެއަށް 1 މިލިޔަން ފަތުރުވެރިން ޒިޔާރަތްކުރުމަކީ ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ހިތްގައިމުކަމާއި، ދިވެހީންގެ މެހުމާންދާރީ ދުނިޔޭގެ އެކިކަންކޮޅުތަކުން ބަލައިގެންފައިވާކަމުގެ އަލިގަދަ ހެއްކެއް ކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
މިކާމިޔާބީ ހާސިލުކުރުމަށް މަގުފަހިކޮށްދީފައިވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހީވާގި މަސައްކަތްތެރިންގެ ބުރަ މަސައްކަތުންކަން ފާހަގަކޮށް އެފަރާތްތަކަށް ވަޒީރު ޠާރިޤު ވަނީ ޝުކުރު ދަންނަވާފައެވެ.
1 މިލިޔަންވަނަ ފަތުރުވެރިޔާގެ ހައިސިއްޔަތުން ކާޖަލް ސިންގްއަށް ވަނީ ރައީސުލްޖުމްހޫރިއްޔާ 2024 ވަނަ އަހަރު ދުނިޔޭގެ
ތިމާވެށީގެ ދުވަހު ފައްޓަވައިދެއްވާފައިވާ "ފަސް މިލިޔަން ގަސް" ޕްރޮގްރާމްގައި ބައިވެރިވުމަށް ދައުވަތު ދީފައިއެވެ.