ޚަބަރު

5 މިލިޔަން ގަސް ޕްރޮގްރާމުގެ ނާސަރީ ހެދުމަށް ބޭނުންވާ ސާމާނު ވަނީ ލިބިފައި: ވަޒީރު ޠާރިޤު


  • މިހާތަނަށް 6 ލައްކައާއި ގާތް ކުރާ އަދަދަކަށް ގަސް އިންދައިފި

  • ނާސަރީ ތަރައްޤީ ކުރަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި

  • ނާސަރީ ތަރައްޤީކުރަނީ ޕްރޮގްރާމް ނިމުމަށްފަހުވެސް ބޭނުންކުރެވޭ ގޮތަށް

ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ނާސަރީ ތަރައްޤީކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބި ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް، ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ކުރިއަށް ގެންދިޔަ ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ. މި ޕްރޮގްރާމް އިފްތިތާޙް ކޮށްފައިވަނީ މިދިޔަ އަހަރު ތިމާވެށީގެ ދުވަހުއެވެ.

މި ޕްރޮގްރާމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން ތިމާވެށީގެ ދުވަހުގެ ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، މިހާތަނަށް މި ޕްރޮގްރާމުގައި 6 ލައްކައާއި ގާތް ކުރާ އަދަދަކަށް ގަސް އިންދާފައިވާ ކަމަށެވެ. މިހާރު 5 މިލިޔަނަށް ވުރެ ގިނަ ގަސް އިންދުމުގެ ވަޢުދު ލިބިފައިވާއިރު، ބޭރުން ގެންނަ ގަސްތައް އިންދުމަށް ބޭނުންވާ ނާސަރީގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"5 މިލިޔަން ގަސް އިންދާނަމަ، ބޭރު ތަންތަނުން ގަސްތައް ގެނެސް ގަސް ހައްދަން އެބަޖެހޭ. މިކަންތައް ކުރުމަށް ޗައިނާ ސަރުކާރު އެހީގައި އަޅުގަނޑުމެންނަށް ވަރަށް ބޮޑު ނާސަރީއަކާއި، އެޑްމިނިސްޓްރޭޓިވް އޮފީސްއާއި ނާސަރީއަށް ބޭނުންވާ ހުރިހާ އެއްޗަކާއި އެކު އަޅުގަނޑުމެންނަށް ލިބިއްޖެ. އެ [ތަކެތި] މީހާރު ރާއްޖެ ގެނައުމުގެ މަގުމަތީގައި މިއުޅެނީ. " ވަޒީރު ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ ދަށުން ތަރައްޤީ ކުރާ ނާސަރީއަށް ބޭނުންވާ ސާމާނު ޗައިނާގެ އެހީގައި ލިބިފައިވާއިރު، މިދިޔަ އޭޕްރީލް މަހު ޗައިނާގައި މިފަދަ ނާސަރީތައް ހިންގާގޮތް ބެލުމަށް ތިމާވެއްޓާ ބެހޭ ވުޒާރާގެ ޚާއްސަ ޓީމެއް ވަނީ ޗައިނާއަށް ގޮސްފައެވެ. ފުޖިއަން އަދި ޖަންގްޖޯ ސިޓީތަކުގެ ނާސަރީތަކަށް ކުރި ޒިޔާރަތުގައި، ދިވެހި ވަފުދުން އެ ތަންތަނުގައި ގަސް ހައްދާ ގޮތާއި، ބަލަހައްޓާ ގޮތުގެ މައުލޫމާތު ހޯދާފައިވާ ކަމަށެވެ. މީގެ އިތުރުން ނާސަރީގެ ޑިޒައިނާއި، އިންދާނެ ގަސްތަކުގެ އިތުރުން، ސަރުކާރުން ފަށާފައިވާ ފަސް މިލިޔަން ޕްރޮގްރާމަށް އެންމެ ބޭނުންތެރި ގަސް ހައްދަންކުރަން ޖެހޭ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ތަރައްޤީ ކުރާ މި ނާސަރީގެ މަސައްކަތް ކުރުމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ އާއި ތިމާވެއްޓާއި ބެހޭ ވުޒާރާ ދެމެދު މިދިޔަ މޭއި މަހު ވަނީ ސޮއިކޮށްފައެވެ. ހުޅުމާލޭގައި ތަރައްޤީކުރާ މި ނާސަރީއަކީ 55،000 އަކަފޫޓުގެ ޒަމާނީ ނާސަރީއެކެވެ. ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިތަނުގައި ލެބޯރެޓަރީއަކާއި ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ބަޔަކާއި ގްރީން ހައުސްއެއް ހުންނާނެކަމަށެވެ.

މި ނާސަރީން 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމުގެ އިތުރުން ޕްރޮގްރާމް ނިމުމަށް ފަހުވެސް އޭގެ ފައިދާ ދިގުމުއްދަތަކަށް ލިބޭނެހެން އެޗްޑީސީގެ ބެލުމުގެ ދަށުން ގަސް ހައްދަމުން ދާނެކަމަށް ތިމާވެއްޓާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.