ޚަބަރު

ތިމާވެއްޓަށް ދިވެހީން ދޭ އިސްކަމަކީ، މިއަދުގެ ފާގަތިކަމާއި، މާދަމާގެ އުފާވެރިކަމަށްޓަކާ އަދާކުރާ ޤައުމީ ޒިންމާއެއް: ރައީސް


  • ދިވެހިރާއްޖެއަށް މުޅި ދުނިޔެ ޝައުގުވެރި ވަނީ، ދެވަނައެއް ނެތް ޗާލު މާޙައުލެއް އޮތުމުން

  • މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރު 'ބީޓް ޕްލާސްޓިކް ޕޮލިއުޝަން'

ތިމާވެށި ޙިމާޔަތް ކުރުމަށް ދިވެހީން ދޭ އިސްކަމަކީ، މިއަދުގެ ފާގަތިކަމާއި، މާދަމާގެ ތިޔާގިކަމާއި އުފާވެރިކަމަށްޓަކައި އަދާކުރާ ޤައުމީ ޒިންމާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިވެހިރާއްޖެއަށް މުޅި ދުނިޔެ ޝައުގުވެރި ވަނީ، ދެވަނައެއް ނެތް ޗާލު މާޙައުލެއް އޮތުމުން ކަމަށެވެ. އަދި ދިވެހީންނަށް އާންމުދަނީ ލިބޭ މައިގަނޑު މަސައްކަތްތައް ބަރޯސާ ވަނީ ކަނޑުތަކުގެ ދިރުމާ، ރަށްތަކުގެ ރީތިކަމަށް ކަމުގައި އެ މަނިކުފާނުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ތިމާވެށި ޙިމާޔަތް ކުރުމަށް ދިވެހީން ދޭ އިސްކަމަކީ، މިއަދުގެ ފާގަތިކަމާއި، މާދަމާގެ ތިޔާގިކަމާއި އުފާވެރިކަމަށްޓަކައި އަދާކުރާ ޤައުމީ ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ 'ބީޓް ޕްލާސްޓިކް ޕޮލިއުޝަން'އެވެ. މި ޝިއާރުގެ މަޤްޞަދަކީ ޕްލާސްޓިކްގެ ސަބަބުން ތިމާވެއްޓާއި އިންސާނުންގެ ސިއްހަތަށް ލިބޭ ގެއްލުމަށް އަލިއަޅުވާލައި، އެކަމާއި ދެކޮޅަށް މަސައްކަތް ކުރުމެވެ.

އަޅުގަނޑުމެންގެ ދިރިއުޅުމުގައި ޕްލާސްޓިކު އަދި ޕްލާސްޓިކުން އުފައްދާފައިވާ ތަކެތި ބޭނުންކުރުން މި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް ޕްލާސްޓިކަކީ އޭގެ ޒާތުގައި ތިމާވެއްޓާއި، ދިރޭތަކެތީގެ ނަސްލުތަކާއި، އިންސާނުންގެ ޞިއްޙަތަށް ނުހަނު ގެއްލުންދޭ އެއްޗެކެވެ.

އެގޮތުން ދުނިޔޭގައި އަހަރަކު ހަތަރު ސަތޭކަ މިލިއަން ޓަނަށް ވުރެ ގިނަ ޕްލާސްޓިކުގެ ބާވަތްތައް އުފައްދައެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 19-23 މިލިޔަން ޓަނުގެ ޕްލާސްޓިކު ދުނިޔޭގެ ކަނޑުތަކާއި، ކޯރުތަކަށް އުކާލެވި، މީގެ ސަބަބުން އެ މާޙައުލުތައް، ތަޣައްޔަރު ކުރަމުންދާ ކަމުގައި، ކަމުގެ މާހިރުން ދަނީ ފާހަގަކުރަމުންނެވެ.

ރާއްޖެއަކީ ތިމާވެއްޓަށް ކުރާ އަސަރުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރާ އެއް ޤައުމެވެ. ރާއްޖެ އުފެދިފައި އޮތް ގޮތުގެ ސަބަބުން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާނީ ރާއްޖެއަށެވެ. އެހެންވެ، މޫސުމީ ބަދަލުތަކުން އަރައިގަނެ ތިމާވެށި ރައްކާތެރި ކުރުމަށްޓަކައި ވަކާލާތު ކުރުމުގައި ބައިނަލްއަގުވާމީ މަޝްރަހުގައިވެސް ރާއްޖޭން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ވަނީ މި 5 އަހަރު ދުވަހުގެ ތެރޭގައި 5 މިލިޔަން ގަސް އިންދަން ހާއްސަ ޕްރޮގްރާމެއްވެސް ފަށައިފައެވެ. މި ޕްރޮގްރާމުގެ ދަށުން މިދިޔަ މަހުގެ ނިޔަލަށް 5 ލައްކައަށްވުރެ ގަސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަނީ އިންދާފައެވެ.

މީގެ އިތުރުންވެސް ކަނޑުފަރުތަކާއި ދިރޭތަކެތި ރައްކާތެރިކުރުމަށްވެސް ތިމާވެއްޓާއި ފަތުރުވެރިކަމާބެހޭ ވުޒާރާ މެދުވެރިކޮށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.