ޚަބަރު

ތިމާވެށި ރައްކާތެރިކުރުމަށް ހަރުކަށި ފިޔަވަޅުތައް އެޅިއެއްކަމަކު ފަރުދީ ޒިންމާ އަދާކުރުން މުހިންމު


  • ރައީސް ޑރ. މުޢިއްޒު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ޖަޒީރާ ޤައުމުތަކުގެ އަޑު އުފުއްލަވާފައި

  • 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މިހާތަނަށް 5 ލައްކައަށްވުރެ ގިނަ ގަސް ވަނީ އިންދާފައި

  • 3 ސަރަޙައްދެގައި ބަޔޯސްފިއަރ ރިޒަރވް ޤާއުމުކުރެއްވުމުގެ މަސައްކަތް ދަނީ ކުރަމުން

1973 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ޖޫންމަހުގެ 5 ވަނަ ދުވަހަކީ ދުނިޔޭގެ ތިމާވެށީގެ ގޮތުގައި ފާހަގަކުރާ ދުވަހެކެވެ. މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ "ޕްލާސްޓިކް ތަޣައްޔަރުވުން ނައްތާލުން"އެވެ.

އިންޑިއާގެ ކަނޑުގައި މުއްތަކެއް ފަދައިން ކަނޑުމަތީގައި އެތުރިފައިވާ ޤައުމެއްވެއެވެ. އެ ޤައުމުގެ ސަޤާފަތް ބައްޓަންވެފައިވަނީ ކަނޑުގެ އޮއިވަރުތަކުންނެވެ. އެ ޤައުމުގެ މީހުން ދިރިއުޅެމުންދަނީ އޮއިވަރުގެ ބާނީތަކާއެކުގައެވެ. އަދި އެ ޤައުމުގެ ތާރީޚު އުފުލިގެންދަނީ ވައިރޯޅިތަކުންނެވެ. މި ދައްކަނީ ދިވެހިރާއްޖޭގެ ވާހަކައެވެ.

މަތިން ބަލާއިރު، ރާއްޖޭގެ ރަށްތައް ފެންނަނީ ހީވެފައިވާ ހުވަފެނެއް ފަދައިންނެވެ. ހުދު ވެލިގަނޑުތަކުގެ ވަށައިގެން، ނޫ ފެންފަށަލަތައް އޮންނަ ގޮތުން ދައްކުވައިދެނީ ގުދުރަތީ ޖަމާލުކަމުގެ އެންމެ މަތިވެރި މިސާލެވެ. ކަނޑުގެ ސަތަހައިގެ ދަށުގައި އޮތް ދުނިޔެއަކީ އަޖައިބުވެރި ދިރުންތަކުން ފުރިގެންވާ ފަރުތަކުގެ ދުނިޔެއެކެވެ. ކަނޑުގެ ރާޅުތަކާއި ވައިގެ ތެރެއިން އިވޭ އަޑުތަކަކީ ގުދުރަތުގެ ހަމަހިމޭންކަމުގެ ސިންފޯނީއެކެވެ.

އެހެނަސް، ޒަމާންތައް ބަދަލުވެ، އިންސާނުންގެ އަމަލުތަކުގެ ސަބަބުން މި ހިތްގައިމު ތަސްވީރުތައް ބަދަލުވަމުންދެއެވެ. ކުރިން ހުދުކޮށް އޮމާންކޮށް ހުރި ގޮނޑުދޮށްތައް މިހާރު ކުނިބުނިން ތަޣައްޔަރުވެ، އޭގެ ހަޤީޤީ ރީތިކަން ދަނީ ގެއްލެމުންނެވެ. މި ބަދަލަކީ ހަމައެކަނި ފެންނަ މަންޒަރަށް އަންނަ ބަދަލެއް ނޫނެވެ. މިއީ މުޅި ތިމާވެށްޓަށާއި، އެތަނުގައި ދިރިއުޅޭ ދިރޭތަކެއްޗަށް ކުރާ ނޭދެވޭ އަސަރުގެ ނިޝާނެކެވެ.

މި ޖަޒީރާ ކުދި ރަށްތައް މި ދަނީ މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ވަރަށް ބޮޑަށް ތަހައްމަލުކުރަމުންނެވެ. މި ފަސްގަނޑުގައި ދިވެހިން ނޫޅޭ ދުވެހެއް އަންނާކަށް އެކަކުވެސް ބޭނުމެއް ނުވާނެއެވެ. ނަމަވެސް މޫސުމީ ބަދަލުތަކުގެ ކަންކަން މި ފެންނަނީ އިންތިހާއަށް ބޮޑުވަމުންދާތަނެވެ. އެ އަސަރުތަކާއެކު އުޅުން މިއަދު މި ވަނީ ދިރިއުޅުމުގެ ބަޔަކަށްވެސްވެފައެވެ.

ސަރުކާރުގެ އިސްނެގުންތައް: ތިމާވެށި ބެލެހެއްޓުމުގައި ދުނިޔެއަށް ނަމޫނާއެއް

ތިމާވެއްޓާ ރައްޓެހި ރާއްޖެއެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދާއެކު ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެމަނިކުފާނުގެ ލީޑަރޝިޕް ވަނީ ދުނިޔޭގެ މަސްރަޙުގައި ތިމާވެށީގެ މައްސަލަތަކަށް ވަކާލާތުކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްފައެވެ.

އަތޮޅުތަކަށް އެކުލެވިފައިވާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެވަޑައިގެން، ރައީސް ޑރ. މުޢިއްޒު ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި ތަރައްޤީވަމުންދާ ޖަޒީރާ ޤައުމުތަކުގެ އަޑު އުފުއްލަވާފައެވެ. މޫސުމީ ކާރިސާތަކަށް ވިލުންތެރި ޤައުމުތަކެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ތިމަވެއްޓާއި ގުޅުންހުރި މަޝްރޫޢުތައް ހިންގުމަށް، ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ ފަންޑު ހޯދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދަނީ އެކަމަށް ބައިނަލްއަޤްވާމީ އެކި ޕްލެޓްފޯމްތަކުގައި ވަކާލާރުކުރައްވަމުންނެވެ. އަދި މިފަދަ މައްސަލަތަކުގައި ރާއްޖޭގެ އަޑު ގަދަކޮށް، ކުރިއެރުންތައްވެސް ދަނީ ހޯދަމުންނެވެ.

ތިމާވެށި ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ރާއްޖޭގެ ވެށި ފެހިކޮށް އިއާދަކުރުމަށް، 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްވެސް ދަނީ ކުރިއަށްގެންދަމުންނެވެ. މިއީ ރާއްޖޭގެ ކުދި ޖަޒީރާ ރަށްތަކަކީ، ވިލުންތެރި، ސާފު ފެހި މާޙައުލަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު ފެއްޓެވި މަސައްކަތެކެވެ. 5 އަހަރުގެ ތެރޭގައި 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ރާއްޖެއިން ނެތެމުންދާ 90 ބާވަތެއްގެ ގަސް ދަނީ އިންދަމުންނެވެ. މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 5 ލައްކައަށްވުރެ ގިނަ ގަސް ވަނީ އިންދާފައެވެ.

މީގެ އިތުރުން، ރާއްޖޭގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުން ކޮންމެ އަތޮޅެއްގައި ނޭޗަރ ޕާކެއް ތަރައްޤީކުރުމާއި ރާއްޖޭގެ އިތުރު 3 ސަރަޙައްދެގައި ބަޔޯސްފިއަރ ރިޒަރވް ޤާއުމުކުރެއްވުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ.

ކުނީގެ މައްސަލައަކީ ތިމާވެއްޓާއި ގުޅުންހުރި މައްސަލައަކަށްވާއިރު މި މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން 109 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ 3 ކުންފުންޏަކާއި ވަނީ ޙަވާލުކޮށްފައެވެ. މީގެ އިތުރުން ނުރައްކާތެރި ކުނި ރިސައިކަލްކޮށް އެކްސްޕޯޓުކުރާ ސެންޓަރެއް ރ.ވަންދޫގައި އެޅުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ތިމާވެށި ރައްކާތެރިކުރުމަށް ފަރުދީ ޒިންމާ އަދާކުރޭ

ތިމާވެށި ރައްކާތެރިކުރުމަށް ގިނަ ދަތިތަކާއި ކުރިމަތިލާންޖެހެއެވެ. ނަމަވެސް، އެ ހުރަސްތައް ފަހަނައަޅައި ދިއުމަށް ސަރުކާރުން ކިތަންމެ ހަރުދަނާ ފިޔަވަޅުތަކެއް އެޅިއެއްކަމަކު، ތިމާވެށި ރައްކާތެރިކޮށް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދެވޭނީ ކޮންމެ މީހެއްވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކޮށްގެންނެވެ.

ދެމެހެއްޓެނިވި އާދަތައް އަށަގެންނެވުމާއެކު ސަރުކާރުގެ މަސައްކަތްތަކަށް އެއްބާރުލުން ދީ ތިމާވެށީގެ އިންސާފަށް ވަކާލާތުކޮށްގެންނެވެ. އަދި ޕްލާސްޓިކުން ވެށްޓަށް ގެއްލުން ލިބޭ އަމަލުތަކުން ދުރުހެލިވެގެންނެވެ.

ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަކީ އިޚްތިޔާރީ ކަމެއް ނޫންކަމަށާއި، އެއީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމުގައި ދެކިގެންނެވެ. މިކަންކަމަށް ފަރުވާ ކުޑަކޮށްފިނަމަ ފަހުން ކުރިމަތިވާ ގެއްލުމުގެ އަސަރުވެސް ބޮޑުވެދާނެއެވެ.