އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗުގައި ޒަމާނީ ވަސީލަތްތަކާއެކު ޤާއިމުކުރި 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުވައިދެއްވައިފިއެވެ.
އައިޖީއެމްއެޗްގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގު ރައީސުލްޖުމްހޫރިއްޔާ ހުޅުވައިދެއްވީ، އެކަމަށްޓަކާ އައިޖީއެމްއެޗްގައި މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ވިންގު ޤާއިމުކޮށްފައިވަނީ އައިޖީއެމްއެޗްގެ ލެބޯރެޓަރީގެ ކުރިމަތީގައެވެ.
އައިޖީއެމްއެޗުގައި ޤާއިމުކުރި މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގު ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެތަނުގައި ހުރި ވަސީލަތްތައް ބައްލަވާލައްވާފައެވެ. އަދި ސަރޖިކަލް ވިންގުން މައިގަނޑުގޮތެއްގައި ލިބިގެންދާ ޚިދުމަތްތަކުގެ މަޢުލޫމާތު އެމަނިކުފާނު އޮޅުންފިލުއްވެވިއެވެ.
އަލަށް ހުޅުވި 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގަކީ އޮޕަރޭޝަން ބަލިތަކުގެ ބަލި މީހުންގެ ތެރެއިން ޖެނެރަލް ސާޖަރީ، ނިޔުރޯސާޖަރީ، ޕްލާސްޓިކް ސާޖަރީ، ޔޫރޯ ސާޖަރީ އަދި އޯތޯޕިޑިކްސް ސްޕެޝަލިޓީގެ ދަށުން އެނދުމަތި ކުރެވޭ ފަރާތްތަކަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޚާއްޞަ ކުރެވިފައިވާ ތަނެކެވެ.
މި ވިންގުން ދެވޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ބަލިމީހުންނަށް އެންމެ އެކަށީގެންވާ ފަރުވާ ދިނުމަށްޓަކައި، މިތަން ވަނީ އެކި ކަހަލަ ބަލިތަކުގެ ހާލުދެރަ ފަރާތްތަކަށްވެސް ފަރުވާ ދެވޭ ގޮތަށް ފަރުމާ ކޮށްފައެވެ. މިގޮތުން، ސަރޖިކަލް ސްޕެޝަލިޓީގެ އެޗް.ޑީ.ޔޫއަކާއި، ސްޓެޕް ޑައުން ޔުނިޓަކާއި، ސަރޖިކަލް ޖެނެރަލް ޔުނިޓަކާއި، އޯތޯޕީޑިކް ޕޯސްޓްއޮޕަރޭޓިވް ކެއަރ ޔުނިޓަކާއި އަދި އޯތޯޕީޑިކް ޖެނެރަލް ޔުނިޓެއްވެސް މި ވިންގުގައި ހިމެނޭކަމަށް އައިޖީއެމްއެޗްއިން ވިދާޅުވިއެވެ.
މިތަނުގެ ޖެނެރަލް ވޯޑުގައި 44 އެނދު، ހައި ޑިޕެންޑެންސީ ޔުނިޓުގައި 15 އެނދު ހިމެނެއެވެ. މީގެ އިތުރުން، 14 ކޮޓަރީގެ ޚާއްޞަ ޕްރައިވެޓް ވޯޑަކާއި، ފިހިގެން ފަރުވާ ދިނުމަށް ޚާއްޞަ ކުރެވިފައިވާ 2 އެނދުގެ ވަކި ޔުނިޓެއްވެސް ހިމެނެއެވެ. ހަމައެހެންމެ 28 ފާހާނާއާއި 6 ނަރސިންގ ސްޓޭޝަނެއްވެސް ވަނީ ޤާއިމުކޮށްފައެވެ.
މި ހުރިހާ ވަސީލަތްތަކާއެކު، މި ވިންގުން ޒަމާނީ ފެންވަރުގެ ވަސީލަތްތަކާއެކު ސަރޖިކަލް އަދި އޯތޯޕީޑިކް ޚިދުމަތްތައް ފޯރުކޮށްދިނުމަށް ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއެވެ.
މި އައު މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގާއެކު، އައިޖީއެމްއެޗްއިން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާވެގެންގެންދާނެކަމަށް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.
މިގޮތުން ލިބިގެންދާނެ ކުރިއެރުންތަކުގެ ތެރޭގައި:
• ޚިދުމަތުގެ ފެންވަރު ރަނގަޅުވުން: ޒަމާނީ ވަސީލަތްތަކާއެކު، ފަރުވާގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ.
• އޮޕަރޭޝަން ކުރުމަށް އިންތިޒާރު ކުރަންޖެހޭ ވަގުތު ކުރުވުން: އިތުރު އެނދުތަކާއި ޔުނިޓްތަކާ އެކު، ބަލިމީހުންނަށް އަވަސް ޚިދުމަތެއް ލިބިގެންދާނެ.
• ޚާއްޞަ ފަރުވާގެ ޚިދުމަތްތައް ފުޅާވުން: ވަކި ބާވަތްތަކުގެ ފަރުވާއަށް ޚާއްޞަ ޔުނިޓްތަކާއެކު، އިތުރު ސްޕެޝަލައިޒްޑް ފަރުވާތައް ލިބެން ފަށާނެ.
• އޮޕަރޭޝަން ބަލިތަކު އެނދުމަތި ކުރެވޭ ފަރާތްތަކަށް ޕްރައިވެޓް ރޫމް ހޯދަން ފަސޭހަވުން: ޕްރައިވެޓް ވޯޑާއެކު، އަމިއްލަވަންތަކަން ބޭނުންވާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ.
• ފަރުވާގެ ފުރިހަމަކަން އިތުރުވުން: އެއް ތަނެއްގައި ގިނަ ޚިދުމަތްތަކެއް ލިބުމުން، ފަރުވާ ފުރިހަމަކަމާއެކު ލިބިގެންދާނެ.
މި ބަދަލުތަކާއެކު، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބި، ރައްޔިތުންނަށް ލިބޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެކަމަށް އައިޖީއެމްއެޗްއިން ވިދާޅުވެއެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗްގެ ވަސީލަތްތަކާއި ކެޕޭސިޓީ އިތުރުކޮށް، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އެގޮތުން ޒަމާނީ ހުރިހާ ވަޞީލަތްތަކަކާއެކު، ޓަރޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިރުޝާދާއި ލަފާއާއި، އެމަނިކުފާނުގެ ސިއްޙީ ދާއިރާގެ ވަޢުދުތައް ތަންފީޒްކުރުމުގެ މަސައްކަތުގެ ދަށުން އެންމެ ޒަމާނީ ފެންވަރުގެ ވަސީލަތްތައް އެ ހޮސްޕިޓަލުގައި ވަނީ ޤާއިމްކޮށްފައެވެ.
އެގޮތުން މުޅިން އަލަށް ނެޝަނަލް ފަރޓިލިޓީ ސެންޓަރެއް ޤާއިމްކޮށް މިހާރު އަންނަނީ ޚިދުމަތްދެމުންނެވެ. އަދި ނިއުރޯ ސަރޖިކަލް، އެންޑޮވެސްކިއުލަރ އަދި އިންޓަރވެންޝަނަލް ރޭޑިއޮލޮޖީގެ ޚިދުމަތާއެކު ހައިބްރިޑް ކެތު ލެބެއްވެސް ވަނީ ޤާއިމުކޮށްފައެވެ. ހަމައެހެންމެ ކުޑަކުދިންނަށް ޚާއްސަ އިމަރޖެންސީ ރޫމެއްވެސް ޤާއިމުކޮށްފައިވެއެވެ.