ޚަބަރު

ހުޅުމާލެ ހޮސްޕިޓަލުގެ ޒަމާނީ އިމަރޖެންސީ ރޫމް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި


  • މި ރުމޫގައި މިހާރު 14 އެނދު ހުންނާނެ

  • ކްރިޓިކަލް ކެއަރއަށް ޚާއްސަ އެއް އެނދު ހުންނާނެ

  • މިއާއެކު ކުއްލި ފަރުވާގައި އެހެން ހޮސްޕިޓަލްތަކަށް ރިފަރކުރުން މަދުވާނެ

ޒަމާނީ ވަސީލަތްތަކާއެކު ހުޅުމާލެ ހޮސްޕިޓަލުގައި އަލަށް ޤާއިމުކުރި އިމަރޖެންސީ ރޫމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލުގެ އައު އިމަރޖެންސީ ރޫމް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިއަދު ހަވީރު ހުޅުމާލޭ ހޮސްޕިޓަލުގެ ކަނބިލި ބިލްޑިންގގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމާއި، ހުޅުމާލެ ހޮސްޕިޓަލުގެ ހިންގުން ޙަވާލުކޮށްފައިވާ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިތަން ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެތަނުގެ ޚިދުމަތްތަކާއި ވަސީލަތްތައް ބައްލަވާލައްވާފައެވެ.

ހުޅުމާލޭގައި ދިރިއުޅޭ މީހުންގެ އާބާދީ އިތުރުވަމުންދިޔަ ވަރަކަށް، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ކުއްލި ޙާލަތުގައި އިމަރޖެންސީކޮށް ފަރުވާ ދިނުމުގެ ޤާބިލުކަންވެސް އޮތީ އިތުރުކުރަން ޖެހިފައެވެ. މިގޮތުން ވޭތުވެދިޔަ 7 އަހަރު ހުޅުމާލޭ ހޮސްޕިޓަލުގައި އީއާރްގެ ޚިދުމަތް ދެމުން އައީ 7 އެނދުގެ ތަނެއްގައެވެ.

އެހެންކަމުން ހުޅުމާލެ ހޮސްޕިޓަލް އިތުރަށް ތަރައްޤީކޮށް ފުރިހަމަ ޞިއްޙީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ނިއު ޕޮލިސީ އިނީޝިއޭޓިވްއެއްގެ ގޮތުގައި ހުޅުމާލޭ ހޮސްޕިޓަލުގެ އީ.އާރް އެކްސްޕެންޝަން ޕްރޮޖެކްޓު ހިންގެވުމަށް ނިންމެވިއެވެ. އަދި މިދިޔަ ނޮވެމްބަރުމަހު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާ ޙަވާލުކޮށް، މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށީ 8 ޑިސެމްބަރު 2024 ގައެވެ.

މި މަޝްރޫޢުގެ ދަށުން ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ބޭނުންކުރަމުންދާ އިމަރޖެންސީ ރޫމުގައި ފަރުވާދޭ އެނދުތަކުގެ އަދަދު ވަނީ 14 އެނދަށް އިތުރުކޮށްފައެވެ.

ޒަމާނީ މެޑިކަލް އާލާތްތަކާއެކު ފަރުމާކޮށްފައިވާ މި ރޫމުގައި ކްރިޓިކަލް ބަލި މީހުންނަށް ޚާއްސަ ފަރުވާ ދިނުމަށް ރިސަސިޓޭޝަން ރޫމެއް ވަނީ ޤާއިމުކޮށްފައެވެ. ފުރާނައަށް ނުރައްކާވާ ޙާލަތުގައި އަވަސް ފަރުވާދެވޭ އެންމެ ފުރިހަމަ އާލާތްތަކާއެކު، މި ރޫމް ތައްޔާރުކޮށްފައިވަނީ ބޮޑެތި އިމަރޖެންސީ ޙާލަތްތަކަށް ޚާއްސަ އިސްކަމެއްދީގެންކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

ހުޅުމާލެ ހޮސްޕިޓަލަކީ ހުޅުމާލޭގައި ހުރި ހަމައެކަނި ސަރުކާރު ހޮސްޕިޓަލުކަމުން، ހުޅުމާލޭގައި ދިމާވާ އެކްސިޑެންޓް އަދި އިމަރޖެންސީ ގިނަ ކޭސްތަކެއް އެ ހޮސްޕިޓަލަށް ރިޕޯޓްކުރެވެއެވެ. ނަމަވެސް އިމަރޖެންސީ ރޫމުގެ ޖާގައިގެ ދަތިކަމާއި، ކްރިޓިކަލް ހާލަތުގައި ބަލިމީހުންނަށް ފަރުވާ ދެވޭނެ އެކަށޭނަ ރިސަސިޓޭޝަން ރޫމެއް މީގެކުރިން ނެތުމުގެ ސަބަބުން، އެހެން ހޮސްޕިޓަލްތަކަށް ބަލިމީހުން ރިފަރކޮށް ފޮނުވަން ޖެހުމަކީ ޚިދުމަތް ދިނުމުގައި ދިމާވި ބޮޑު ގޮންޖެހުމެއްގެ ގޮތުގައި އެ ހޮސްޕިޓަލުން ފާހަގަކުރައްވައެވެ.

ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވީ، އެ ހޮސްޕިޓަލުގައި އައި.ސީ.ޔޫ، އެން.އައި.ސީ.ޔޫ އަދި އޯ.ޓީސޯގެ ޚިދުމަތްވެސް މިހާރު ދެމުންދާއިރު، އަލަށް ޖާގަ ތަނަވަސްކޮށް އެނދު ގިނަކޮށް މި ފެށުނު އިމަރޖެންސީ ރޫމުގެ ސަބަބުން ބަލި މީހުންނަށް ވަރަށް ބޮޑެތި ލުއިތަކެއް ލިބޭނެކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ތެރެއިން، ގިނަ ޚިދުމަތްތަކެއް އަލަށް ޤާއިމްކޮށް ޓަރޝަރީ ފެންވަރުގައި ހުޅުމާލެ ހޮސްޕިޓަލުން ރަސްމީކޮށް ޚިދުމަތް ދޭން ފެށީ މިދިޔަ ނޮވެމްބަރުމަހުގެ 16 ވަނަ ދުވަހުއެވެ.

ޓަރޝަރީ ފެންވަރަށް ހުޅުމާލެ ހޮސްޕިޓަލް ތަރައްޤީކުރުމަށް ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމްކޮށްފައެވެ. އެގޮތުން ޒަމާނީ ވަޞީލަތްތަކާއެކު 4 އޮޕަރޭޝަން ތިއޭޓަރުގެ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސެއް ވަނީ ޤާއިމްކޮށްފައެވެ. މިތަނުގައި ހިމެނެނީ ލޮލުގެ ބަލިތަކަށާއި ކަށީގެ ބަލިތަކަށާއި އަންހެނުންގެ ބަލިތަކުގެ އިތުރުން އާންމު ސަރޖަރީތަކަށް ޚާއްސަ 4 ކޮޓަރިއެވެ.

މީގެއިތުރުން 10 އެނދާއެކު އިންޓެންސިވް ކެއަރ ޔުނިޓު، އައިސީޔޫ ރޫމެއްވެސް ވަނީ ޤާއިމްކޮށްފައެވެ. އަދި މި ޔުނިޓުގައި ގައިންގަޔަށް އަރާ ބަލިތަކުގައި ހާލު ބޮޑުވާ މީހުންނަށް ގާތުން ފަރުވާ ދިނުމަށް އައިސޮލޭޝަން ޔުނިޓެއްވެސް ވަނީ ޤާއިމްކޮށްފައެވެ. އައިސީޔޫގެ އިތުރުން ދަރިމައިވުމުގެ މައްސަލަތައް ދިމާވާ މީހުންނަށް ފަރުވާދިނުމަށް ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓެއްވެސް ޒަމާނީ ފެންވަރުގައި ހުޅުމާލެ ހޮސްޕިޓަލްގައި ތަރައްޤީކޮށްފައެވެ.

ހޮސްޕިޓަލްތައް ގްރޭޑްކުރުމަށް އެކުލަވާލާފައިވާ ޤައުމީ ޞިއްޙީ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިން ޓަރޝަރީ ފެންވަރުގެ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ފެންވަރުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވެއެވެ.