ޚަބަރު

ކޮންމެ ކުއްޖަކަށްވެސް އަމާން ރައްކާތެރި ވެށްޓެއް ހޯދައިދިނުމަށް މަސައްކަތްކުރަންޖެހޭ: ތަޢުލީމީ ވަޒީރު


  • ކުދިންނަށް އަމާން ވެށްޓެއް ހޯދައިދިނުމަށް އެންމެން ގުޅިގެން މަަސައްކަތްކުރުން މުހިންމު

ކޮންމެ ކުއްޖަކަށްވެސް އަމާން ރައްކާތެރި އުފާވެރި ވެށްޓެއް ހޯދައިދިނުމަށް މަސައްކަތްކުރަންޖެހޭކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ދެއްވި ޚާއްސަ ވީޑިއޯ މެސެޖުގައެވެ.

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢުގެ މެސެޖުގައި ކުޑަކުދިންގެ ދުވަހުގެ އުފާވެރި މުނާސަބަތުގެ ހެޔޮއެދުމާއި ތަހުނިޔާއާއި މުބާރަކްބާދީ ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް އަދި ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ވަނީ ދަންނަވާފައެވެ.

ވަޒީރު ވިދާޅުވީ، އެންމެންގެވެސް ޢަޒުމަކަށްވާންވާނީ ކޮންމެ ކުއްޖަކަށްވެސް އަމާން ރައްކާތެރި އުފާވެރި ވެށްޓެއް ހޯދައިދިނުންކަމަށެވެ. އަދި އެކަން ހާސިލްކުރެވޭނީ އެންމެން ގުޅިގެން ކުރެވޭ ބުރަ މަސައްކަތުންކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިކަން އަޅުގަނޑުމެންނަށް ޙާސިލްކުރެވޭނީ ދިވެހިރާއްޖޭގެ ހުރިހާ މުދައްރިސުންނާއި، ރަށްރަށުގެ ކައުންސިލަރުންނާއި، ބެލެނިވެރީންނާއި، އަދި މިނިވަން މުއައްސަސާތަކުގެ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުން." ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވިއެވެ.

ކުޑަކުދިންނަށް އަމާން، ރައްކާތެރި ވެށްޓެއް ހޯދައިދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ، އެކުދިންނަށް ހޯދައިދެވޭނީ އުފާވެރި މުސްތަޤްބަލެއްކަމަށާއި، ބިނާވާނީ ޤައުމައިގެން ކުރިއަށްދާނެ އޮށްޓަރު ހުރި ޖީލެއްކަމަށް ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ "އުފާވެރި ގުޅުން، އުފާވެރި ވަގުތު، އުފާވެރި ކުދިން" މިއެވެ.