ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމްގެ ސްކީމްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. މިޕްރޮގްރާމްގެ ސްކީމްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ އަންނަ މެއިމަހުގެ 31ވަނަ ދުވަހުގެ ނިއަލަށެވެ.
ގެދޮރު އެޅުމަށް ދަތިވެފައިވާ މީހުންނަށް ޚާއްސަކޮށްގެން ސަރުކާރުން އިފްތިތާހުކުރި "ހިޔާވެހި ފައިނޭންސިން" ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ 2024 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 8 ވަނަ ދުވަހުއެވެ. މިޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލި މުއްދަތު އޭޕްރީލް މަހުގެ އަށަކަށްވަނީ ހަމަވެފައެވެ.
ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމަކީ 8 ނޮވެންބަރު 2024 އިން ފެށިގެން ހުޅުވާލެވިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ 3 ސްކީމަށް އެދި ހުށަހެޅުމުގައި ކުރެހުމާއި ބީ.އޯ.ކިއު ހުށަހަޅަންޖެހޭތީ އެކަމަކީ ވަގުތު ނަގާ ކަމެއްކަމަށްވާތީ މި ޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ…
— Abdulla Muththalib (@muththo) April 30, 2025
ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ މިޕްރޮގްރާމްގެ 3 ސްކީމަށް އެދި ހުށަހަޅާއިރު ކުރެހުމާއި ބީއޯކިއު ހުށަހަޅަންޖެހޭތީ އެކަމަކީ ވަގުތު ނަގާ ކަމަށްވާތީ މިޕްރޮގްރާމްގެ މުއްދަތު އިތުރުކޮށްދިނުމަށް ވަރަށް ގިނަ ފަރާތްތަކަކުން އެދެމުން އަންނަކަމަށެވެ. އެހެންކަމުން މި ޕްރޮގްރާމްގެ ސްކީމްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 31 މެއި 2025 ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށް ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.
ހިޔާވަހި ފައިނޭންސިންގއަކީ އިސްލާމީ ޝަރީޢާގެ އުސޫލުތަކާ އެއްގޮތަށް އެންމެ އަގު ހެޔޮކޮށް ފޯރުކޮށްދޭ ފައިނޭންސިންއެވެ. އަދި މިއީ ރާއްޖޭގެ 3 ބޭންކަކާ ގުޅިގެން %5 ފައިދާގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުގައި ހިމެނެނީ 3 ސްކީމެކެވެ. އެއީ ރަށްވެހި ފައިނޭންސިންގ ސްކީމް، ސަހަރު ފައިނޭންސިންގ ސްކީމް، ފަހިމާލެ ފައިނޭންސިން ސްކީމެވެ. މީގެތެރެއިން ރާއްޖޭގެ އަތޮޅުތަކުން ހުށަހަޅާ ފަރާތްތަކަށް ރަށްވެހި ފައިނޭންސިންގ ސްކީމްގެ ދަށުން 1 މިލިއަން ރުފިޔާ، އަރބަން ސެންޓަރތަކުން ސަހަރު ފައިނޭންސިންގ ސްކީމަށް އެދި ހުށައަޅާ ފަރާތްތަކަށް 3 މިލިއަން ރުފިޔާ، އަދި މާލެ ސަރަޙައްދަށް ޚާއްޞަ ފަހިމާލެ ފައިނޭންސިން ސްކީމަށް 6 މިލިއަން ރުފިޔާއާހަމައަށް ފައިނޭންސް ލިބޭނެއެވެ. މީގެއިތުރުން މާލެ ސަރަޙައްދަށް ހުޅުވާލި ފުރުޞަތުގައި، ގޭގެ ބެހެނިވެރިންނާއެކު އެކުވެގެން ހަ މިލިޔަން ރުފިޔާއިން ފެށިގެން 10 މިލިޔަން ރުފިޔާއާ ހަމައަށް ފައިނޭންސަށް އެދެވޭނެއެވެ.
ހިޔާވެހި ފައިނޭންސިން ސްކީމްގެ ދަށުން މާލީ އެހީ ފޯރުކޮށްދިނުމަށް މިއަހަރުގެ ބަޖެޓުގައި 1 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. މިސްކީމަށް ސަރުކާރުން ބޭންކުތަކަށް 1 ބިލިޔަން ރުފިޔާ އިންވެސްޓްކުރިނަމަވެސް، ބޭންކުތަކުން ފައިނޭންސިން ދޫކުރާއިރު ޖުމްލަ 2 ބިލިޔަން ރުފިޔާއާ ހަމައަށް ފައިނޭންސް ދޫކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ. އަދި 2028 ވަނަ އަހަރު ނިމޭއިރު ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ފުރުޞަތު ނުލިބޭނެ އެއްވެސް ރައްޔިތަކު ރާއްޖޭގައި ނުހުންނާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.