ނ. ޅޮހީގެ ފެނާއި ނާރުދަމާގެ މަސައްކަތް ލަސްވެފަވަނީ ފުރަތަމަ ހަވާލުކުރި ކޮންޓްރެކްޓަރަށް އެ މަސައްކަތް ކުރިއަށް ނުގެންދެވިގެންކަމަށާއި، އެ މަސައްކަތް ނިންމުމަށް މިހާރު ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައިވާކަމަށް ގެދޮރުވެރިކަމާ ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ނ. ޅޮހީގެ ފެނާއި ނަރުދަމާ މަޝްރޫޢު ލަސްވަމުންދާ މައްސަލައިގައި އެކަމާ ގުޅޭގޮތުން ވަޒީރާ ސުވާލުކުރެއްވުމަށް ހުށައެޅުއްވީ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސްއެވެ.
މަޖިލީހުގައި އެކަމުގެ ތަފްސީލް ޙިއްސާކުރައްވަމުން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރި މި މަސައްކަތް، ކުރިއަށް ނުދާތީ އެ ކުންފުންނާއެކު ވެފައިވާ އެއްބަވުން 2024 މަރޗް 28 ގައި ބާތިލުކޮށްފަވާކަމަށެވެ. ވަޒީރު ވިދާޅުވީ ކުންފުންޏާއެކު ވެފަވާ އެއްބަސްވުން ބާތިލުކުރިއިރު، %34 މަސައްކަތް ނުނިމި އޮތްކަމަށެވެ.
މި މަސައްކަތް އަލުން ފަށާ، މަސައްކަތް ނިންމުމަށް މިދިޔަ މަރިު މަހުގެ 13 ވަނަ ދުވަހު، ސަރުކާރުގެ އެސްއޯއީ ފެނަކަ ކޯޕަރޭޝަނާ މިހާރު ހަވާލުކޮށްފަވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ނ. ޅޮހީ ހިމެނޭހެން 5 ރަށެއްގެ މަސައްކަތް ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓޭޑާ އޭރު ހަވާލުކޮށްފައި އޮތްކަމަށެވެ. ނަމަވެސް ކުންފުނީގެ ހާލަތު އޮތްގޮތުން، މި 5 ރަށުގެ މަސައްކަތްވެސް އެދެވޭގޮތުގައި ކުންފުންޏަށް ކުރިއަށް ގެންދެވިފައި ނުވާކަމަށެވެ. އެހެންކަމުން މި 5 ރަށުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސް، ވީހާވެސް އަވަހަށް ނިންމާ ޚިދުމަތް ލިބޭނެ ގޮތްތަކެއް ބަލާ، އެއްބަސްވުންތަކަކާއި ހަމައަށް އާދެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"ދިވެހި ކުންފުންޏެއް ވީމަ އެހީތެރިކަން ދީގެން މަސައްކަތްތައް ނިންމޭނެ ގޮތްތަކެއް ބެލީ. އެހެންވީމަ އެ ކުންފުންޏަށް އޭގެތެރެއިން 2 ރަށް ނިންމަން ހަވާލުކޮށްފަ، އަނެއް 3 ރަށް ސަރުކާރުގެ އެސްއޯއީއާއި ހާވާލުކޮށް ސެޓްލްމަންޓް އެގްރިމަންޓެއްގެ ދަށުން ކުރަން ނިންމާފަވަނީ. އެ ދެ ރަށް، އެ ކުނފުންޏަށް އެހީތެރިކަން ދިގެން ނިންމުމަށް މި ބަލަނީ. ސަރުކާރުން ލާރި ނުދީގެން ނޫން ކުރިއަށް ނުގޮސް އޮތީ، ކުންފުނީގެ ޙާލަތު އޮތްގޮތުން." ގެދޮރުވެރިކަމާ ބިމާ ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޅޮހީގެ ފެނާ ނަރުދަމާ ނިންމުމަށް ހަވާލުކޮށްފަވަނީ، އަންނަ އަހަރުގެ ސެޕްޓެމްބަރު 4 ވަނަ ދުވަހުގެ ނިޔަލަށްކަމަށެވެ. މި މަސައްކަތް ފެނަކަ ކޯޕަރޭޝަންއާއި ހަވާލުކޮށްފަވަނީ 37.8 މިލިއަން ރުފިޔާއަށެވެ.