އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިއަހަރު ފެށި "ނަމާދު މަތިވެރިކުރުން" ޕްރޮގުރާމުގެ ދަށުން މިހާތަނަށް 170 ސެޝަނެއް ބާއްވާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ނަމާދަށް ހޭލުންތެރި މުޖުތަމަޢުއެއް ބިނާކުރުމަށް ހިންގާ މި ޕްރޮގްރާމް ބައްޓަންކޮށްފައިވަނީ ދިވެހިންގެ ހިތްތަކުގައި އިސްލާމްދީނަށް ލޯބި ޖެއްސުމަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި މުޢާމަލާތުކުރުމުގެ ޒަމާނީ ޢިލްމީ އައު ގޮތްތައް ބޭނުންކޮށްގެންނެވެ.
ނަމާދު ޕްރޮގްރާމަކީ މުޖްތަމަޢުގެ ފަރުދުން ނަމާދަށް ހޭލުންތެރިކުރުވުމާއ،ި ނަމާދަށް ލޯބިޖެއްސުމާއި، ނަމާދު މަތިވެރިކުރުމާއި، މާތް الله އަމުރު ކުރައްވާފައިވާ ގޮތަށް އަދި ރަސޫލާ صلى الله عليه وسلم ގެ ސުންނަތާއި އެއްގޮތަށް ނަމާދުގެ އަޅުކަން ޤާއިމުކުރުމަށް ބާރުއެޅުމަށްކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްލޭންގައި މި އަހަރު އެންމެ ބޮޑު އިސްކަމެއްދޭނީ ހުރިހާ ސަރަހައްދެއްގައިވެސް ހުރިހާ އުމުރުފުރައަށް އަމާޒުކޮށް ނަމާދުކުރަން އަހުލުވެރިކުރުވުމަށާއި، ނަމާދަށް ލޯބިޖެއްސުމަށްކަމަށްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
އެގޮތުން ނަމާދަށް ހޭލުންތެރި މުޖުތަމަޢުއެއް އުފެއްދުމަށް އިސްކަންދީގެ ފަށާފައިވާ ނަމާދު މަތިވެރިކުރުންމުގެ ޕްރޮގްރާމްގެ ދަށުން މިއަހަރުގެ މިހާތަނަށް 170 ޝެޝަން ބާއްވާފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައެވެ.
• މާލޭގައި ސަރަހައްދުގައި 60 ސެޝަން
• ހއ. ހޯރަފުށީގައި 8 ސެޝަން
• ހއ. ކެލާގައި 16 ސެޝަން
• ހދ. ކުޅުދުއްފުށީގައި 18 ސެޝަން
• ހދ. ވައިކަރަދޫގައި 6 ސެޝަން
• ޅ. ނައިފަރުގައި 15 ސެޝަން
• ވ. ކެޔޮދޫގައި 33 ސެޝަން
• މ. ކޮޅުފުށީގައި 14 ސެޝަން
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، މި ސެޝަންތަކުގައި 851 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި ސެޝަންތައް ނަންގަވައިދެއްވަނީ ދީނީ ޢިލްމުވެރިންނެވެ.
މިޕްރޮގްރާމުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައ،ި ނަމާދާ ގުޅުންހުރި މީޑިއާގެ ޚާއްޞަ ބަޔަކާއި، އޮންލައިން އަދި އޮފްލައިން ކޯސްތަކާއި، ތަމްރީނު ޕްރޮގްރާމްތައް ދަނީ ކުރިއަށްގެންދަމުންނެވެ. މީގެއިތުރުން ލައިބްރަރީތަކާއި، ދިރާސާތަކާއި، އިސްތިޝާރީ ލަފާދިނުމާއި، ވެބްސައިޓަކާއި، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް މައުލޫމާތު ދަނީ ފޯރުކޮށްދެންނެވެ.
ކުޑަކުދިންނާއި ޒުވާނުންގެ ހިތުގައި އިސްލާމް ދީނަށް ލޯބި ޖައްސާ، ދީނުގެ ގިއުގަނޑުގެ ތެރެއަށް ފެތޭ މުޖުތަމަޢެއް ބިނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ސިޔާސަތެވެ. އެގޮތުން ފަތިސް ނަމާދަށް ހޭލާ ރާއްޖެއެއް ދެކެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށާއި، ނަމާދުގެ ޖަމާޢަތްތައް ބައިބޯވުމަށް އެދިވަޑައިގަންނަވާކަން އެކި މުނާސަބާތުތަކުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.