ޚަބަރު

އިންތިޚާބުތަކުގައި އީސީއަށް ކައުންސިލްތަކުން އެހީތެރިކަން ދޭނެ


އިންތިޚާބުތަކުގައި އިލެކްޝަންސް ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކައުންސިލްތަކުން އެއްބަސްވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުގައި އޮތް ރަސްމިއްޔާތެއްގައި ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް، އެލް.ޖީ.އޭއާއެކު އިލެކްޝަންސް ކޮމިޝަނުންވަނީ މިކަމާގުޅޭ އެމް.އޯ.ޔޫގައި ސޮއިކުރައްވާފައެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވެވަޑައިގަތުމަށް އިލެކްޝަންސް ކޮމިޝަނުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން އިންތިޚާބުތަކުގައި ރަށްރަށާއި އަތޮޅު އަދި ސިޓީ ކައުންސިލްތަކުން އެއްބާރުލުން ދިނުމާ، އިންތިޚާބުތަކާ ގުޅުން ހުރި ކަންކަމުގައި ކައުންސިލްތަކުން އިލެކްޝަންސް ކޮމިޝަނަށް ދެއްވަންޖެހޭ އެއްބާރުލުން ދެއްވުމަށް ވަނީ އެއްބަސްވެފައެވެ. މި އެމް.އޯ.ޔޫގެ ދަށުން އިންތިޚާބުތައް ވިލަރެސް ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނުން ރާއްޖޭގެ އެކި ހިސާބުތަކުގައި ކަނޑައަޅުއްވާ ފޯކަލް ޕޮއިންޓްގެ މަސައްކަތްތަކަށް ކައުންސިލްތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ހަމަޖެހިފައިވެއެވެ. img:http://s4.psmnews.mv/images/660x400/14687513149016.jpg|އިނގިލީގައި ނިޝާން ޖެހުން - ފައިލް ފޮޓޯ: ޕީއެސްއެމް

އެގޮތުން އިދާރީ ގޮތުންނާއި، އިންތިޚާބުތައް ކުރިއަށްދާއިރު ބޭނުންވާ ދަތުރުފަތުރު ހަމަޖެއްސެވުމުގައިވެސް ކައުންސިލްތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ހަމަޖެހިފައިވެއެވެ.  މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ސުލައިމާން ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން އިންތިޚާބުގެ އިންތިޒާމްތައް ހަމަޖެއްސެވުމަށް އިލެކްޝަންސް ކޮމިޝަނުން ކުރައްވަންޖެހޭ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. ކައުންސިލްތަކުގެ އެހީތެރިކަން މިކަމުގައި ހޯއްދެވި ނަމަވެސް އިންތިޚާބާގުޅޭ ކަންކަން ކުރިއަށްގެންދަވާނީ ސީދާ އިލެކްޝަންސް ކޮމިޝަންގެ ބެއްލެވުމުގެ ދަށުން ކަމަށް އެކޮމިޝަންގެ ރައީސް ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/3079.jpg|މުލީ ވޯޓްލާ މަރުކަޒަށް ވޮޓްލާން ގޮސް ހުރި މީހެއްގެ މަޢުލޫމާތު އިލެކްޝަންސް އޮފިޝަލުން އޮޅުން ފިލުވަނީ - ފައިލް ފޮޓޯ: ޕީއެސްއެމް ނިއުސް

މި އެމް.އޯ.ޔޫގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ލޯކަލް ގަވަރންމެންޓް އޮތޯރިޓީގެ ނައިބުރައީސް މޫސާ ނަޞީރު އަޙްމަދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ކައުންސިލްތަކުން އިލެކްޝަންސް ކޮމިޝަނަށް ހުރިހާ ގޮތަކުން އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވަމުން ދާއިރު، މި އިންތިޚާބުގައި ރާއްޖޭގެ ތާރީޚްގައި ފުރަތަމަ ފަހަރަށް އީވޯޓިން ނިޒާމް ތަޢާރަފް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އިންތިޚާބުތަކުގައި ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކުރެއްވުމަށް އެކޮމިޝަނުން ކުރައްވާ މަސައްކަތްޕުޅަށް ލިބިގެންދާ މުހިންމު ކުރިއެރުމެއް ކަމަށް އެ ކޮމިޝަނުން ފާހަގަކުރައްވައެވެ.