މާދަރީބަހުން މޮޅަށް މުޢާމަލާތްކުރެވުމަކީ އެހެނިހެން ބަސްތައް ދަސްކުރުމަށް އެޅޭ އެންމެ ވަރުގަދަ ބިންގާކަމަށް މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
ޑރ.ހައިދަރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާރޓްސްއާއި، ފެކަލްޓީ އޮފް އެޑިއުކޭޝަނާއި ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒްމް ސްޓަޑީސްގެ އިތުރުން ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ތަފާތު ކޯސްތައް ނިންމާ ދަސްވެނިވާ ފަރާތްތަކަށް ސަނަދު ދިނުމަށް ބޭއްވި ރަސްމިއްޔާތު ޝަަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މަތީ ތަޢުލީމާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވީ، މާދަރީބަހުން މޮޅަށް މުޢާމަލާތްކުރެވުމަކީ އެހެނިހެން ބަސްތައް ދަސްކުރުމަށް އެޅޭ އެންމެ ވަރުގަދަ ބިންގާކަމަށެވެ. އަދި ބޭރުބަސް ދަސްކުރުމުގައި މާދަރީބަހުގެ މުހިންމުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މާދަރީބަހަށް މޮޅުނަމަ ބޭރު ބަސްބަހުގެ ޚާއްސަ ސިފަތައް ދެނެގަތުމަށް ފަހިވާނެކަމަށެވެ.
ދިރާސާތަކުން ދައްކާގޮތުގައި އަމިއްލަ މާދަރީބަހަށް ކުޅަދާނަވި މިންވަރަކުން ދަސްކުރަންއެދޭ ދެވަނަ ބަހަކުން ނުވަތަ ތިންވަނަ ބަހަކުންވިޔަސް މުޢާމަލާތްކުރަން ފަސޭހަވާކަން ފާހަގަކުރައްވާ ވަޒީރު ޑރ. ހައިދަރު ވަނީ އަބަދުވެސް ތަޢުލީމު އިތުރަށް އުނގެނުމަށް ޢަޒުމް ކަނޑައަޅުމަށް އިލްތިމާސްކުރައްވާފައެވެ.
ކުރިއަށްދިއުމަށްޓަކައި ވިސްނުންތެރިކަން އިސްކޮށް، ކަންތައްތައް ހާސިލްކުރުމަށް އިސްކަންދިނުމަށް ގޮވާލައްވާ ވަޒީރު ވަނީ ކުރާކަމަކަށް ކަމޭހިތާ، އަބަދުވެސް އާ ކަންތައް ދަސްކުރުމަށް ތަޢުލީމު އިތުރަށް އުނގެނުމަށް ޢަޒުމް ކަނޑައެޅުމަށް ނަސޭޙަތްތެރިވެފައެވެ.
"ޢިލްމުން ލިބުނު ހުށިޔާރުކަމާއި އަމިއްލަ ނަފްސަށްކުރާ އިތުބާރު ގަދަކުރާށެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަން އަބަދުވެސް ދަމަހައްޓާށެވެ. އިސްނަގާ، އަމިއްލަ ހަޔާތާއި ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގަ ކުރިއަށްދާން ލިބޭ ފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާށެވެ." ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން ވަޒީރު ވަނީ ދުނިޔެވީ ފަސޭހައަށްޓަކައި ބަހާއި އަދަބިއްޔާތު ދޫކޮށްލާ ބައެއްކަމުގައި ނުވުމަށް ޢަޒުމް ކަނޑައަޅަންޖެހޭކަމަށް ވިދާޅުވެފައެވެ. އަދި ތަޢުލީމު ދޭ މަރުކަޒުތަކުގައި އީޖާދީ ކުރިއެރުންތަކަށް މަގުފަހިކޮށްދީ މަތީ ފެންވަރެއްގައި ކިޔެވުމުގެ ތަޖުރިބާ ލިބޭނެގޮތްތައް އެކުލަވާލާ، ދެވޭ ތަޢުލީމުގެ ފެންވަރަށް ޖަވާބުދާރީ ވާނެ ހަމަތަކާއި އުސޫލުތައް ޤާއިމްކުރަންޖެހޭކަން ޤަބޫލުކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
2024 ވަނަ އަހަރުގެ ދެވަނަ ޓާރމްގައި ފެކަލްޓީ އޮފް އާރޓްސައާއި ފެކަލްޓީއޮފް އެޑިއުކޭޝަންއާއި ފެކަލްޓީއޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒްމް ސްޓަޑީސްގެ އިތުރުން ފެކަލްޓީއޮފް ޝަރީއާއިންލޯގެ ތަފާތު ކޯސްތައް ނިންމާ 140އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެފައިވާކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ.