ތިމާވެށި

މަހާސިންތާ ނިމިގެންދާއިރު ކުނީގެ ޙާލަތު އެނގިގެންދާނެ


ސާފު ރާއްޖެ ޤައުމީ މަހާސިންތާ ނިމިގެންދާއިރު، ރާއްޖޭގައި ކުނީގެ ޙާލަތު އޮތް މިންވަރާއި، ކުނި މެނޭޖްކުރުމާއިބެހޭ ވިއުގައެއް އެކުލަވާލެއްވުމަށް މަގުފަހިވެގެންދާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރުގެ ނާއިބު ޢަލީ ޢާމިރު ވިދާޅުވެއްޖެއެވެ. ޑެޕިއުޓީ މިނިސްޓަރ މިހެން  ވިދާޅުވީ، ކުނިމެނޭޖްކުރުމާއިބެހޭ ގޮތުން އެންވަޔަރަމަންޓް މިނިސްްޓްރީން އިސްނަންގަވައިގެން މިހާރު ކުރިއަށް ގެންދަވާ ސާފު ރާއްޖޭ ޤައުމީ މަހާސިންތާގައި މިއަދު ކުރިޔަށްދާ  ސެޝަނާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ. img:http://s2.psmnews.mv/images/660x400/14687485807881.jpg|ތިމާވެއްޓާބެހޭ ދުވަހު، ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް އަމާޒުކޮށް ފެށި ކެމްޕޭނުގެ ތެރެއިން - ފައިލް ފޮޓޯ: ޕީއެސްއެމް

ސާފު ރާއްޖެ ޤައުމީ މަހާސިންތާއަކީ ދިވެހިރާއްޖޭގެ ކުުނީގެ ޙާލަތު ހަރުދަނާ ކުރުމަށް ހިންގާ މަހާސިންތާއެކެވެ. މި މަހާސިންތާގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ތަމްސީލްކުރާ ކަމާގުޅުހުންހުރި ދާއިރާތަކުން މަންދޫބުން ބައިވެރިވެލައްވައެވެ. މަހާސިންތާގައި މިއަދު ކުރިއަށް ދިޔަ ސެޝަންގައި މަޝްވަރާކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި، ކުނި މެނޭޖްކުރުމުގެ ޤައުމީ ސިޔާސަތާއި، މިހާރު އެކުލަވާލެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކުނި މެނޭޖްކުރުމުގެ ޤާނޫނާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ދައުރާއި މަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު މަހާސިންތާގެ ބައިވެރިންނާ ޙިއްސާކޮށްފައިވެއެވެ. މިއަދު ކުރިއަށްދިޔަ ސެޝަނާ ގުޅޭ ގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެންވަޔަރަމަންޓް މިނިސްޓަރުގެ ނާއިބް ޢަލީ އާމިރު ވިދާޅުވީ، މިހާތަނަށް ރާއްޖޭގައި ރަށްރަށުގައި ކުނި މެނޭޖްކުރަމާބެހޭ ތަފާސް ހިސާބެއްް އެއްކުރެވިފައި ނުވާ ކަމަށާއި މި މަހާސިންތާ ނިމިގެންދާއިރު، މުޅި ރާއްޖޭގައި ކުނީގެ ޙާލަތު އޮތް މިންވަރު ދެނެގަނެވޭނެ ކަމަށެވެ.

ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ، މިއަދު މަޝްވަރާކުރެވުނު ކަންތައްތަކާމެދު މަހާސިންތާގެ ބައިވެރިންގެ ފަރާތުން ރަނގަޅު ޚިޔާލުތަކެއް ލިބި، ރަށްރަށުގައި ކުނި މެނޭޖްކުރަމުންދާ ގޮތާ ގުޅޭ މަޢުލޫމާތު ހިއްސާކުރި ކަމަށެވެ.

މީގެ އިތުރުން މި މަހާސިންތާގައި، ހަކަތަައިގެ ދާއިރާގެ އިތުރުން، ހެޔޮގޮތުގައި ކުނި މެނޭޖްކުރުމުގެ ރަށްތަކާއި، ހެލްތް ކެއަރ ވޭސްޓް މެނޭޖްމަންޓާއި، ކާދު ހެދުމާއި ގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދީ ބައިވެރިންގެ މެދުގައި މަޝްވަރާކޮށްފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.

ސާފު ރާއްޖޭގެ މައިގަނޑު ތަޞައްވުރަކީ، ދިވެހިރާއްޖެއަކީ ހެޔޮގޮތުގައި ކުނި މެެނޭޖްކުުރުމުގެ އަސާސްތަކަށް ޙޭލުންތެރިވެފައިވ ާރައްޔިތަކު ދިރިއުޅޭ ތަނަކަށް ހެދުމާއި، ދިވެހިންނަކީ ދިވެހިރާއްޖެއަށް ލިބިފައިވާ ޤުދުރަތީ ރީތިކަން ދެމެހެއްޓުމަށް މަސައްކަތްކުރާ ބަޔަކު ކަމުގައި ހެދުމާއި، ދިވެހިރާއްޖޭގެ ޖައްވަކީ ނޭވާލާން ސާފު ތަނެއްކަމުގައި ހެދުމާއި، ރާއްޖޭގެ ގޮނޑުދޮަށްތަކެއް ހިމެނޭ ނަލަ ނަލަ ރަށްތަކާއި، ކަނޑުފަރުގެ މައްޗަށް އެކުލެވިގެންވާ ތަނެއްގެ ގޮތުގައި ދެމެހެއްޓުމެވެ. ސާފު ރާއްޖޭ ޤައުމީ މަހާސިންތާގައި މުޅި ރާއްޖެއިން 386 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެލައްވައެވެ. މި މަހާސިންތާ ނިމުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ގައެވެ.