ތިން ރަށެއްގެ ހޮސްޕިޓަލްތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ސަރުކާރުގެ ދެ ކުންފުންޏަކާ ޙަވާލުކޮށްފިއެވެ. މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީ އަދި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ.
މި މަޝްރޫޢުގެ ދަށުން އަޕްގްރޭޑްކުރުމަށް ހަމަޖެހިފައިވަނީ ޅ. ނައިފަރު ހޮސްޕިޓަލާއި، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި ތިނަދޫ ސިޓީގައި ހުންނަ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލެވެ. މި ތިން ހޮސްޕިޓަލުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.
ޅ. ނައިފަރު ހޮސްޕިޓަލުގެ އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރްޑީސީއާއެވެ. މިކަމުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާޢިލް ޝަރީފެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އަސްބާހު ޢަލީ ނަޞީރެވެ.
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މިކަމުގެ އެއްބަސްވުމުގައި ސިއްޙީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ގާސިމެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަރޑް އަޙްމަދު ސަޢުދީއެވެ.
• ޅ. ނައިފަރު ހޮސްޕިޓަލު އަޕްގްރޭޑްކުރުމުގެ މަސައްކަތް:
- ޕްރޮޖެކްޓުގެ އަގު: 7,711,200.00 ރ.
- މުއްދަތު: 365 ދުވަސް
- ކޮންޓްރެކްޓަރ: ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް
• ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް
- ޕްރޮޖެކްޓުގެ އަގު: 161،245،343.52 ރ.
- މުއްދަތު: 540 ދުވަސް
- ކޮންޓްރެކްޓަރ: މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
• ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތް
ޕްރޮޖެކްޓުގެ އަގު: 147،437،634.24 ރ.
މުއްދަތު: 540 ދުވަސް
ކޮންޓްރެކްޓަރ: މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ މިއީ ސިއްޙީ ދާއިރާގެ ޢުމްރާނީ ވަސީލަތްތައް ޤާއިމުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން ޙަވާލުކުރެއްވި މަޝްރޫޢުތަކެއްކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިއްޙީ ސިޔާސަތުތަކުގެ ތެރޭގައި ޚާއްޞަކޮށް އަތޮޅުތަކުގެ ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކުރުމަށް ސިޔާސަތުތަކެއް ވަނީ ކަނޑައަޅައި، އެކަށައަޅާފައި." ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ޅ. ނައިފަރު ހޮސްޕިޓަލް އަޕްގްރޭޑްކޮށް، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އަދި ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ޓަރޝިއަރީ ހޮސްޕިޓަލަކަށް ބަދަލުކޮށް އައު ޢިމާރާތްތައް ބޭނުންކުރަން ފެށުމާއެކު، އެ ތަންތަނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވެ، ފޯރުކޮށްދޭންޖެހޭ އެންމެހާ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެކަމަށެވެ. އަދި ރަށުންނާއި ރަށާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށްވެސް ޚިދުމަތް ހޯދުމުގައި ލުއިފަސޭހަތައް ލިބޭނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މި މަޝްރޫޢުތައް ހަވާލުކުރި ކުންފުނިތަކާއި ވުޒާރާ ގުޅިގެން، ޕްރޮޖެކްޓްތައް ޓައިމްލައިނާ އެއްގޮތަށް އަވަހަށް ނިންމާ ޚިދުމަތް ފަށާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.