ޚަބަރު

ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 704 ފްލެޓުގެ މަރާމާތުގެ މަސައްކަތާ އެފްޑީސީން ހަވާލުވަނީ


  • މި ފްލެޓްތަކުގެ ޙާލަތު ދެނެގަނެ، ކުރަންހުރި މަރާމާތައް އެފްޑީސީން އަންނަނީ ދެނެގަންނަމުން

  • މިއީ ހުޅުމާލޭ ފުރަތަމަ ފިޔަވަހިން އެންމެފަހުން ސޯޝަލް ހައުސިންގއަށް ދޫކުރި ފްލެޓްތައް

"ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 704 ފްލެޓް އިމާރާތުގެ މަރާމާތުގެ މަސައްކަތާއި ހަވާލުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ނިންމައިފިއެވެ.

އެފްޑީސީން ވަނީ މި ފްލެޓް އިމާރާތުގެ ޙާލަތު ބެލުމުގެ މަސައްކަތް މިހާރު ފަށާފައެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ވިދާޅުވީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި އިސްޕެކްޝަންގެ މައިގަނޑު ބޭނުމަކީ އެފްޑީސީއިން މި އިމާރާތްތަކާ ޙަވާލުވުމުގެ ކުރިން ތަނުގެ ޙާލަތު ދެނެގަތުމެވެ.

މިގޮތުން، އިމާރާތުގެ ސްޓްރަކްޗަރއާއި، އާންމުން ބޭނުންކުރާ ސަރަޙައްދުތަކާއި އަދި މަރާމާތުކުރަންޖެހޭ ތަންތަން ފްލެޓްތަކަށް ވަކިވަކިންގޮސް ސަރވޭކޮށް ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެފްޑީސީއިން ވިދާޅުވެ.

އިންސްޕެކްޝަނާ ބެހޭގޮތުން ވާހަކަދައްކަވަމުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، މި އިންސްޕެކްޝަންގެ ސަބަބުން ފްލެޓްތަކުގައި މަރާމާތު ކުރަންޖެހޭ ސަރަޙައްދުތައް ފާހަގަކުރެވި، މިހާރުގެ ޙާލަތަށްވުރެ ފްލެޓްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރެވޭނެ ކަމަށެވެ.

މި ސްރަކްޗަރަލް އެސެސްމެންޓުގެ މަސައްކަތްތައް ނިމެމުންދާ މިންވަރަކުން އާންމުންނަށް މަޢުލޫމާތު ފޯރުކޮށްދެމުން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާ އެގްޒިމް ބޭންކުގެ ލޯންގެ އެހީގައި ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 704 ފްލެޓުގެ މަސައްކަތްކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނުންނެވެ. މި ފްލެޓުތަކުގެ މަސައްކަތް ނިންމާ މީހުން ދިރިއުޅެން ފަށާފައިވަނީ 2018 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. މިއީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސޯޝަލް ހައުސިންގއަށް ޚާއްސަކޮށްގެން އެންމެފަހުން ދޫކޮށްފައިވާ ފްލެޓްތަކެވެ.

ބޯހިޔާވަހިކަމުގެ ބިޔަ ބޮޑެތި މަޝްރޫއުތަކެއް އެފްޑީސީއިން ދަނީ ހިނގަމުންނެވެ. އެގޮތުން އެ ކުންފުނީގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 4000 ފްލެޓުގެ މަސައްކަތް ނިންމުމެވެ.