ހުޅުމާލޭގައި ކޯރާޑިއަކުން ހަމަލާދީ މާރާމާރީ ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފޮނުވައިފިއެވެ.
މި މައްސަލައިގެ ތުހުމަތުކުރަނީ ގދ. ފިޔޯރީ / ހީނާމާގެ އުމުރުން 26 އަހަރުގެ ރުސްތުމް އިބްރާހީމާއި ބ. ގޮއިދޫ / ފިނިފެންމާގެ، އުމުރުން 19 އަހަރުގެ ސައިފްﷲ ފައިޞަލަށެވެ.
މި މާރާމާރީ ހިންގާފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހުގެ ރޭ 23:35 އެހާކަންހާއިރުއެވެ. އެގޮތުން، ހުޅުމާލެ، ބޯގަންވިލާ މަގު، ރެހެންދި ޓަރފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ހެލްމެޓް އަޅައިގެން މޫނު ނިވާކޮށްގެން ތިބި ދެމީހަކު ސައިކަލެއްގައި އައިސް ކޯރާޑިއަކުން ހަމަލާދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މާރާމާރީ ހިންގިކަމަށް ތުހުމަތުކުރެވޭ ދެމީހުން ހައްޔަރުކޮށްފައިވަނީ ފިލައިގެން ހައިވޭއިން މާލެއަށް ދަނިކޮށް ހަމަ އެރޭގެ ވަގުތެއްގައެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ދެމީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ޕްރޮސެކިއުޓަރ ޖެެނެރަލްގެ އޮފީހުން ދައުވާ ކުރުމަށްޓަކައި ބަލައިގެންފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.