ޚަބަރު

ޓްރަމްޕްގެ ނިންމުން ބަދަލުކޮށް އިންޕޯޓުޑިޔުޓީ މުރާޖާކޮށްފި، ޗައިނާއަކަށް ލުޔެއް ނެތް


ބައެއް ޤައުމުތަކުން އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ އިންޕޯޓުޑިޔުޓީ ބޮޑު ކުރެއްވުމަށް ފަހު، އޭގެ އެއް ދުވަސް ފަހުން ރައީސް ޑޮނަލްޑް ޓްރަމްޕް އޭނާގެ ނިންމެވުން ބަދަލު ކުރައްވައިފިއެވެ. ޓްރަމްޕް ވިދާޅުވީ، ބައެއް ޤައުމުތަކާ ދެކޮޅަށް އަޅާފައިވާ ޓެރިފްތައް، ނުވަތަ އެ ޤައުމުތަކުން އެމެރިކާއަށް އިންޕޯޓު ކުރާ މުދަލުން ނަގާ ޑިޔުޓީ ބޮޑު ކުރެއްވުމަށް ފަހު، އޭގެ ތެރެއިން ގިނަ ޤައުމުތަކަށް ލުއިތަކެއް ދެއްވުމަށް ނިންމަވާފައިވާ ކަމުގައެވެ. ނަމަވެސް، ލުއި ދިނުމަށް ނިންމާފައިވާ ޤައުމުތަކުގެ ލިސްޓުގައި ޗައިނާގެ ނަމެއް ނެތެވެ.

ޑިޔުޓީ ބޮޑު ކުރުމަށް ޓްރަމްޕް ނިންމެވުމާ އެކު ދުނިޔޭގެ މާލީ އަދި ހިއްސާގެ ބާޒާރުތަކަށް ލޮޅުން އެރިއެވެ. އަދި، އިންވެސްޓަރުންނަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވިއެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އެއީ ކޮވިޑް-19ގެ ބަލިމަޑުކަމަށް ފަހު ދުނިޔޭގެ މާލީ ބާޒާރުތަކަށް އައިސްފައިވާ އެންމެ ބޮޑު ލޮޅުން ކަމުގައެވެ. ޓްރަމްޕްގެ ނިންމެވުމާ އެކު ހިއްސާގެ ބާޒާރުތަކުން އެތަކެއް ޓްރިލިޔަން އެމެރިކާ ޑޮލަރެއް ވަނީ ފޮހެވިގެން ގޮސްފައެވެ.

ޖަނަވަރީ 20ވަނަ ދުވަހު އެމެރިކާގެ ރިޔާސަތާ ޙަވާލުވެ ވަޑައިގަތުމަށް ފަހު، ޓްރަމްޕް ވަނީ އެމެރިކާގެ ވިޔަފާރީގެ ބައިވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އެ އިންޒާރުގެ ދަށުން ބޭރު ޤައުމުތަކުން އެތެރެ ކުރާ މުދަލުން ނަގާ އިންޕޯޓުޑިޔުޓީ ބޮޑު ކުރެއްވުމަށް ފަހު، 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި އޭނާ މި ވަނީ އެ ނިންމެވުން ބަދަލު ކުރައްވާފައެވެ. މިއީ، އޭނާ އެ ގޮތަށް އަމަލު ކުރައްވާފައިވާ ފުރަތަމަ ފަހަރެއް ނޫނެވެ.

ޓްރަމްޕްގެ ނިންމެވުން ބަދަލު ކުރެއްވުމުން އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ވިދާޅުވީ، އެއީ ކުރިން ވެސް އަމަލު ކުރެއްވުމަށް ޓްރަމްޕް ރާއްވަވާފައި އޮތް ގޮތް ކަމުގައެވެ. އަދި، އެ ގޮތަށް އަމަލު ކުރެއްވުމުގެ މަޤުޞަދަކީ، އެމެރިކާއާ އެކު ކުރާ ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، އެމެރިކާއަށް ފައިދާ ބޮޑުވާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެ ޤައުމުތަކަށް ބާރު އެޅުން ކަމުގައެވެ. ނަމަވެސް، ޓްރަމްޕް ވިދާޅުވީ، ނިންމުން މުރާޖާ ކުރައްވާފައި ވަނީ، އޭޕްރިލް 2ވަނަ ދުވަހު ޑިޔުޓީ ބޮޑު ކުރައްވާނެ ކަން އިޢުލާނު ކުރެއްވުމާ އެކު ގުޅިގެން ދުނިޔޭގެ ބާޒާރުތަކަށް އައި ސިހުމާއި ލޮޅުންތަށް ރިއާޔަތް ކުރެއްވުމަށް ފަހުގައި ކަމުގައެވެ.

ޗައިނާ، ކެނެޑާ އަދި މެކްސިކޯއަށް އިސްތިސްނާއެއް ނެތް

ޓްރަމްޕް ކުރިން ވިދާޅުވަމުން ގެންދަވާފައި ވަނީ އޭނާގެ ނިންމުން ބަދަލު ނުކުރައްވާނެ ކަމުގައެވެ. ނަމަވެސް ފަހުން ވިދާޅުވީ، "ބައެއް ފަހަރު ދޫ ދޭން ޖެހޭނެ،" ކަމުގައެވެ. ގިނަ ޤައުމުތަކުން އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ ޑިޔުޓީއަށް ލުއިތަކެއް ދެއްވުމަށް އޭނާ ނިންމަވާފައިވީ ނަމަވެސް، ޗައިނާއަށް ލުއިދިނުމަށް އޭނާ ވަނީ އިންކާރު ކުރައްވާފައެވެ. ޗައިނާއަކީ އެމެރިކާގެ ދެވަނައަށް އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއެވެ.

ލުއި ދެއްވުމުގެ ބަދަލުގައި ޓްރަމްޕް ވަނީ ޗައިނާއިން އެތެރެ ކުރާ މުދަލުން ނަގާ ޑިޔުޓީ %104ން %125އަށް އިތުރު ކުރައްވާފައެވެ. މި ނިންމެވުމާ އެކު، ދުނިޔޭގެ އެންމެ ބޮޑު އިޤުތިޞާދުތަކުގެ ގޮތުގައި ބެލެވޭ އެމެރިކާއާއި ޗައިނާއާ ދެމެދު މި ވަނީ ވިޔަފާރީގެ ހަނގުރާމައެއް ފެށިގެން ގޮސްފައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ޓްރަމްޕްގެ ނިންމެވުމާ ގުޅިގެން ދުނިޔޭގެ ބާޒާރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމުގައެވެ.

ބައެއް ޤައުމުތަކުން އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ އިންޕޯޓުޑިޔުޓީއަށް ލުއިދިނުމަށް ޓްރަމްޕް ނިންމަވާފައިވީ ނަމަވެސް، ހުރިހާ ޤައުމަކުން އެތެރެ ކުރާ މުދަލުން ނަގާ ޑިޔުޓީ %10ގައި ހިފެހެއްޓުމަށް ވެސް އޭނާ ވަނީ ނިންމަވާފައެވެ. ނަމަވެސް، އެއްގަމު އުޅަނދުފަހަރާއި، ދަގަނޑާއި އެލުމިނިޔަމް އިންޕޯޓުން ނަގާ ޑިޔުޓީއަށް ބަދަލު ގެނެސްފައި ނުވާ ކަމުގައި ވައިޓް ހައުސުން ބުންޏެވެ.

އެެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ ޑިޔުޓީތަކަށް ލުއިދިނުމަށް ޓްރަމްޕް ނިންމަވާފައި މި ވަނީ 90 ދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް، ކެނެޑާއާއި މެކްސިކޯއިން އެތެރެ ކުރާ މުދަލުން ނަގާ ޑިޔުޓީ އޭގެ ތެރޭގައި ނުހިމެނޭނެއެވެ. މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ފެންޓެނިލް އެމެރިކާއަށް އެތެރެ ކުރުން ހުއްޓުވުމުގެ ނަމުގައި ޓްރަމްޕް އެ ދެ ޤައުމާ ދެކޮޅަށް އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، އެ ދެ ޤައުމުން އެމެރިކާއަށް އެތެރެ ކުރާ މުދަލުން ނަގާ ޑިޔުޓީ %25އަށް ބޮޑު ކުރެއްވުން ހިމެނެއެވެ. ވައިޓް ހައުސުން ބުނީ، އެ ކަން އެ ގޮތަށް ދެމިއޮންނާނެ ކަމުގައެވެ.