ޚަބަރު

ދަނޑުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގައި ކެނެޑާގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކޮށްފި


  • މި ބައްދަލުވުމުގައި ވަޒީރު މާރިޔާ ބައިވެރިވެވަޑައިގެންނެވި

  • ދަނޑުވެރިކަމުގެ ވަކި މިންގަނޑުތަކެއް ކަނޑައެޅުމުގެ މުހިންމުކަން ފާހަގަކުރެއްވި

ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތަކާއި، އެކަންކަމުން އަރައިގަތުމުގައި ކެނެޑާގެ އެހީތެރިކަން ހޯދުމާގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކޮށްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާ ކެނެޑާގެ ހައިކޮމިޝަނަރ އެރިކް ވޮލްޝްއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވަޒީރު މާރިޔާ ވަނީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތަށް މިހާރު ދިމާވަމުންދާ ދަތިތަކާއި، ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށް ހުރި ދަތިތަކާއި، ދަނޑުވެރިކަމުގެ އުފެއްދުންތައް ރާއްޖޭގެ އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ގެންދިއުމުގައި ހުރި ދަތިތައް ހިއްސާކުރައްވާފައެވެ.

މިކަންކަމަށް ހައްލު ގެނައުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ހައި ކޮމިޝަނަރާއި ޓީމުން ލަފާދެއްވާފައިވާކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން ރިސޯޓްތަކާއި ގާތް ގުޅުމެއް އުފައްދައި ދަނޑުވެރިކަމުގެ އުފެއްދުންތައް ރިސޯޓްތަކަށް ސަޕްލައިކުރެވިދާނެކަމަށް ވަނީ ވިދާޅުވެފައެވެ.


މީގެއިތުރުން ދަނޑުވެރިކަމުގެ ވަކި މިންގަނޑުތަކެއް ކަނޑައެޅިދާނެކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ ސަބަބުން ތަކެތި އުފައްދާ ފަރާތްތަކަށް ޔަޤީންކަން އިތުރުވެ މާކެޓްކުރުމަށް ފަސޭހަވެގެންދާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ ރާއްޖޭގެ ތިމާވެއްޓާއި ގުޅޭނެފަދަ ދަނޑުވެރިކަމުގެ ބާވަތްތައް ތައާރަފްކުރުމަކީ މުހިންމު ކަމެއްކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ހައިޑްރޯޕޮނިކްސް ފަދަ ބާވަތްތައް ތަޢާރަފްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައިވާކަމަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.