މިހާތަނަށް އެންމެ ދިގު ދަތުރެއް ކުރުމަށްފަހު ރާއްޖެއައި ކުރޫޒް ލައިނަރއަށް އިމިގްރޭޝަނުން ކްލިއަރެންސްދީފިއެވެ.
"އެމްއެސްސީ މެގްނިފިކާ" ނަންދީފައިވާ މި ކޫރުޒް ލައިނަރ ރާއްޖެ އައިސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އިމިގްރޭޝަނުން ވިދާޅުވީ އެ ކޫރޫޒް ލައިނަރ ރާއްޖެއައިސްފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އޮސްޓްރޭލިއާގެ ފްރެމެންޓަލް ޕާތުން ފުރައިގެންކަމަށެވެ.
ޕެސިފިކް ކަނޑު ހުރަސްކޮށް އިންޑިއާ ކަނޑަށް ކުރި މި ދަތުރަކީ، އިމިގްރޭޝަނުން ކްލިއަރެންސް ދިން އެންމެ ދިގު ސީޕޯޓު ދަތުރު ކަމަށެވެ.
އިމިގްރޭޝަނުން ވަނީ އެމްއެސްސީ މެގްނިފިކާއިން ދަތުރުކުރި 2،818 ފަތުރުވެރިންނަށް ކްލިއަރެންސް ދީފައެވެ. އޭގެ ތެރޭގައި ހިމެނެނީ 1،866 ފަސިންޖަރުންނާއި 952 ކްރޫއިންނެވެ.
ރާއްޖެއަކީ އަބަދުވެސް ކްރޫޒްލައިންތަކުގެ މެދުގައި މަޤްބޫލު މަންޒިލެކެވެ. ކޮންމެ އަހަރަކުވެސް ރާއްޖެއަށް ގިނަ އަދަދެއްގެ ކްރޫޒްލައިނަރތައް އާދެއެވެ. އެގޮތުން މިއީ މިއަހަރު ރާއްޖެއަށް އައި 8 ވަނަ ކްރޫޒްލައިނާއެވެ.
ކްރޫޒްލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން ބޮޑުވެފައިވާއިރު ސަރުކާރުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރޫޒްލައިނަރތަކަށް ހާއްސަ ޖެޓީތަކެއް ތަރައްޤީކުރުމަށެވެ. އަދި މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.
ކުރޫޒްލައިންތަކުގެ މެދުގައި ރާއްޖޭގެ މަޤްބޫލުކަން އިތުރުވަމުންދާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ހަލައްކަ ފަސްދޮޅަސް ހާހަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެވަނީ އައިސްފައެވެ. ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ.