މ. މުލަމުގެ ގެއެއްގެ ދޮރުކައިރިން އާދަޔާޚިލާފަށް ހޫނަވެ ދުންއަރަމުން ދިޔަ ޙާދިސާ އަދިވެސް ފުލުހުން މޮނިޓަރކުރައްވަމުން އެބަގެންދަވައެވެ. ފުލުހުންނާއި ކަމާބެހޭ އިދާރާތައް ގުޅިވަޑައިގެން ބެއްލެވި ބެއްލެވުމުން އެންމެ ބޮޑަށް ހޫނުހުރި ކަމަށް ފާހަގަކުރެއްވުނީ، އެގޭގެ އިލެކްޓްރިކް ކަރަންޓް އާރތުކުރެއްވުމަށް ބިމުގެ އަޑިން ފުނަށް ޖަހާފައިވާ އާރތު ދަގަނޑު ނުވަތަ ރޮޑާ ދިމާ، އެހެން ތަންތަނަށްވުރެ ބޮޑަށް ހޫނުކަމަށެވެ. އެހެންކަމުން އެ ދިމާ ކޮނެ، އެ ދަގަނޑު މިހާރު ނަގާފައިވާ ކަމަށް ޕީއެސްއެމް ނިވްސްއަށް ވަނީ އެނގިފައެވެ.
ފުލުހުން ވިދާޅުވީ މި ޙާދިސާގެ ރިޕޯޓް ލިބިވަޑައިގަތުމުން، އެ ސަރަޙައްދަށް ފުލުހުންނަށް ވަޑައިގެންނެވުނު ވަގުތުން ފެށިގެން މެދުކެނޑުމެއް ނެތި އެތަން ބަލައި މޮނިޓަރކުރައްވަމުން ގެންދަވާކަމަށެވެ. އަދި ކޮންމެ ގަޑިއަކު އެއްފަހަރު އެތާނގެ ހޫނުމިން ބައްލަވަމުން ގެންދަވާކަމަށެވެ. މިހާތަނަށް ފާހަގަކުރެއްވިފައިވާ ގޮތުގައި އެތާނގެ ހޫނުމިން އަންނަނީ މަޑުމަޑުން ދަށްވަމުންނެވެ. އަދި އިއްޔެ އެތާނގެ ހޫނުމިން ހުރި ނިސްބަތުން މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފައި. އަދި ހޫނުމިން ފެތުރިފައިވާ އޭރިޔާވެސް މިހާރުވަނީ ގާތްގަނޑަކަށް ހަތަރުފަސްފޫޓްގެ ރޭޑިއަސް އަކަށް ކުޑަވެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންނަމަވެސް އެތާނގައި ހޫނު އުފެދިފައިވަނީ ކީއްވެގެންކަން ކަނޑައަޅުއްވައި ފުލުހުންވެސް އަދި އެހެން އިދާރާއަކުންވެސް އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.
މިޙާދިސާ ފާހަގަކުރެވިފައިވާ ގެއަށް ފުލުހުންނާއ ކަމާބެހޭ އެހެން އިދާރާތަކުގެ ބޭފުޅުން ވަޑައިގެން، ބައްލަވަން ފެއްޓެވީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. ދުން އަރަމުންދާ ގޭގެ ބިންގަޑު އިއްޔެ ކޮނެގެން ބެއްލެވި ވެލިގަނޑާއި އަދި އަޑީގައި ހުރި ފެންވެސް ހޫނުކަމަށް ފާހަގަކުރެވިފައިވެއެވެ.
މުލަކު ރަށު ކައުންސިލްގެ ނާއިބު ރައީސް އަޙްމަދު ނިޒާރު ޕީއެސްއެމް ނިވްސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ފުރަތަމަ އެތަން ކޮނެ ބެއްލެވިއިރު ފަސްދޮޅަސް ޑިގްރީއަށްވުރެ މަތީގައި ހޫނުމިން ހުރިކަމަށް. އަދި އެ ހޫނުމިން ދިހަވަރަކަށް ފޫޓަށް ހުރިއިރު އެގޭގެ ތަޅުންގަޑުގައި އެ ހޫނު ހުރިކަމަށެވެ.
މަންޒަރުދުށް މީހަކު ޕީއެސްއެމްއާއި ވާހަކަ ދައްކަމުން ބުނެފައިވަނީ އެގޭގެ ތެރެއަށް އާދަޔާ ޚިލާފަށް ހޫނުވާތާ އިއްޔެއާ ހަމައަށް ދެ ދުވަސްވަރުވެފައިވާ ކަމަށް އެގޭ މީހުން ބުނެފައިވާކަމަށެވެ. އެހެންނަމަވެސް ދުމުގެ އަސަރު ފެންނަން ފެށީ އިއްޔެކަމަށްވެސް އެމީހާ ބުނެފައިވެއެވެ. ދުން އަރަމުންދިޔަ ގޭގެ މީހުން މިހާރު އެހެން ގެއަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް ޕީއެސްއެމްއާއި ވާހަކަދެއްކި މިހާ ބުނެއެވެ.