މިއަހަރުގެ ފިޠުރު ޢީދާ ދިމާކޮށް ރާއްޖެ ދިއްލާލުމުގެ ހަރާތްކަތް ފެށުމަށް ބޭއްވޭ ރަސްމިއްޔާތު ވާނީ ޢާއިލާއާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭ ފުރުޞަތަކަށްކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިއަހަރުގެ "ޢީދު އަލި" ހަރަކާތުގެ ރަސްމީ އިޙްތިފާލުތައް އޮންނާނީ މިމަހުގެ 29 ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމަކަށްވުމާއެކު، އިސްލާމުންނަށް އަންނަ ޢީދުތައް ކުލަގަދަކޮށް ފާހަގަކުރުމަކީ ޒަމާންނުންސުރެ ދިވެހިންގެ ތެރޭގައި އޮތް އާދައެކެވެ. ޒަމާން ބަދަލުވެ، އިންސާނުންނަށް މިއަދު އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދޭ އެއް ކަމަކީ ކުލަބޮކިތަކުން ތަންތަން ދިއްލާލުމެވެ. ޢީދަކީ އިސްލާމުންނަށް އަންނަ އުފާވެރި މުނާސަބާއަކަށްވާއިރު، ޢީދާ ދިމާކޮށް ރާއްޖޭގެ މަގުތަކާއި މައިޒާންތައް ކުލަބޮކިތަކުން ދިއްލާލުމަކީ ހިތްތަކަށް ހިތްހަމަޖެހުމާއި މޫނުތަކަށް އުފާވެރިކަން ގެނެސްދޭނެ ކަމެއްކަން ކަށަވަރެވެ.
މިފަދަ މަންޒަރެއް ފުރަތަމަ ފަހަރަށް ދިވެހިން ދުށީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ މޭޔަރުކަމަށް ހުންނެވިއިރުއެވެ. އެމަނިކުފާނުގެ ޚާއްސަ އިސްނެންގެވުމުގެ ދަށުން އިސްލާމީ ޝިޢާރުތައް ރަމްޒުވާ ގިޑިގެތަކާއި ކުލަބޮކިތަކުން މުޅި މާލެ ދިއްލާލިއެވެ. އެކަން ފާހަގަކޮށް، ގިނަ ބައެއްގެ ތަޢުރީފު އޭރުގެ މޭޔަރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ލިބުނެވެ.
17 ނޮވެންބަރު 2023ގައި ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިކަން ޤައުމީ ހަރަކާތެއްގެގޮތުގައި ކުރިއަށްގެންދިއުމަށް ނިންމަވާފައެވެ. އެގޮތުން މިދިޔަ އަހަރު ވެރިރަށް މާލެއާއި ހުޅުމާލޭގެ އިތުރުން ކޮންމެ އަތޮޅެއްގެ ވެރިކަންކުރާ ރަށް ޢީދާ ދިމާކޮށް ދިއްލާލިއެވެ. އަދި ކުރިއަށް އޮތް ފިޠުރު ޢީދާ ދިމާކޮށް ރަށްތައް ގިނަ ކުރައްވައި މި އަހަރު 64 ރަށެއްގައި ކުލަބޮކިތައް ދިއްލާލުމަށް ވަނީ ހަމަޖައްސަވާފައެވެ.
ކުލަބޮކިތަކުން ދިއްލާލުމުގެ އިތުރުން އެކަން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުވެސް ކުލަގަދަކުރެއްވުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއްދެއްވައެވެ.
މިކަމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު މޫސާ ފަޠުޙީ އާދަމް ވިދާޅުވީ، މިއަހަރުވެސް ރާއްޖެ ދިއްލާލާއިރު، އެކަން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތު ފަރުމާކުރަނީ ޢާއިލީ ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ އުފާވެރި މާޙައުލެއްގެ ގޮތުގައި ކަމަށެވެ. އެ ގޮތުން މި ފަހަރު ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވާ ހުޅުމާލޭ ސެންޓްރަލް ޕާކު ތައްޔާރުކުރުމުގެ މަސައްކަތްކުރަމުންދާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
"ޢާންމު ރައްޔިތުންނަށް ހުޅުވާލެވިފައިވަނީ. އަޅުގަނޑުމެން އެދެނީ ޢާއިލީ ކަމެއްގެ ގޮތުގައި ހުރިހާ ބޭފުޅުންވެސް ވަޑައިންނެވުން. މިކަން ވާނީ އުފާވެރި ޢާއިލީ ވަގުތުކޮޅަކަށް ލިބޭ ފުރުޞަތަކަށް. 6 ރޯދަ ނިމެންދެން ދިއްލާފައި ހުންނާނެ." ފަތުހީ ވިދާޅުވިއެވެ.
ފަތުޙީ ވިދާޅުވީ ސެންޓްރަލް ޕާކުން ޢާންމުންނަށް ވަދެވޭނެ ތިން ގޭޓު ހުންނާނެ ކަމަށެވެ. އަދި ޢާންމުންނަށް އެހީވުމުގައި މީހުން ހަމަޖައްސާފައިވާނެކަމަށް ފަތުހީ ވިދާޅުވިއެވެ. މިފަހަރުގެ ހަރަކާތުގެ ތެރެއިންވެސް ސެންޓްރަލް ޕާކުން ތަފާތު ކަންތައްތަކެއް ފެނިގެންދާނެކަން ފަތުހީ ފާހަގަކުރެއްވިއެވެ. ސެންޓްރަލް ޕާކުގައި ރަސްމީ ހަރަކާތްތައް ކުރިއަށްދިޔަނަމަވެސް ކުރީ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ޖުމްހޫރީ މައިދާން ތަފާތު ދިއްލުންތަކުން ޒިނާތްތެރިކުރާނެކަމަށް ފަތުހީ ވިދާޅުވިއެވެ.
ޢީދަށް ދިއްލާލުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ރަސްމިއްޔާތު އޮންނާނީ ހޮނިހިރު ދުވަހުގެ ރޭގަނޑު 21:30 ގައެވެ.