ޚަބަރު

ޢީދު ލައިޓްތައް ހަރުކުރުމުގެ މަސައްކަތް ރަށްރަށުގައިވެސް ފެށިއްޖެ


  • މާލޭގެ އިތުރުން 36 ރަށެއްގައި މި ހަރަކާތް ކުރިއަށްގެންދާނެ

  • މިއީ ގިނަ ބަޔެއްގެ މަޤުބޫލުކަމެއް ލިބުނު ހަރަކާތެއް

ފިތުރު ޢީދަށް ރާއްޖޭގެ ރަށްތައް ދިއްލާލުމުގެ ހަރަކާތުގެ ދަށުން ރަށްރަށުގައިވެސް ލައިޓްތައް ހަރުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ޢީދު އަލިން އަތޮޅުތެރެ ދިއްލައިލުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން، ކުލަސްޓަރ 1 ގެ ބައެއް ރަށްރަށުގައި ލައިޓްތައް ހަރުކޮށް، ގިޑިގެ ޖެހުމުގެ މަސައްކަތް ކުރަމުންދާކަމަށް އެ ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.

މިކަމުގެ ތަފްޞީލު ދެއްވަމުން ސިޓީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޙަސަން ވިދާޅުވީ، ކުލަސްޓަރ 1 ގައި ހިމެނޭ ހއ. ދިއްދޫގައި ލައިޓް ހަރުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށެވެ. ކުޅުދުއްފުށީ ސިޓީގެ މަސައްކަތްވެސް މިއަދު ފެށުމަށް ހަމަޖެހިފައިވާއިރު، ށ. ފުނަދޫ ދިއްލުމުގެ މަސައްކަތް މި މަހުގެ 25 ގައި ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ އުތުރުގެ 3 އަތޮޅުން އަލަށް މި އަހަރު ފިޠުރު ޢީދަށް ދިއްލުމަށް ހަމަޖެހިފައިވާ ހއ. އިހަވަންދޫއާއި، ހއ. ހޯރަފުއްޓާއި، ހދ. ހަނިމާދޫއާއި، ހދ. ނޮޅިވަރަމާއި، ށ. މިލަންދޫއާއި، ށ. ފޯކައިދޫ ދިއްލުމަށް ބޭނުންވާ ސާމާނާއި، ސްޕީކަރުތައް މިއަދު ފޮނުވޭނެ ކަމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްގެ "ޢީދު ލައިޓު" ކޮމިޓީން މަޢުލޫމާތު ދެއްވައެވެ.

ރަށްރަށް ޢީދަށް ދިއްލުމުގެ މަސައްކަތް ކުރިއަށް ދަނީ ކައުންސިލާއި، ފެނަކަ އަދި ސްޓެލްކޯގެ މުވައްޒަފުންގެ ބައިވެރިވުމާއި އެހީތެރިކަމާއެކުގައެވެ. ޢީދަށް ދިއްލުމަކީ ކުޑަކުދިންނަށާއި، ޒުވާނުންނަށް އަދި ޢުމުރުން ދުވަސްވީ މީހުންނަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާ ކަމެކެވެ. ޢީދު ދިއްލުން އަތޮޅުތެރޭގައި ފެށިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި މިދިޔަ އަހަރެވެ.

"ޢީދު އަލި" ހަރަކާތުގެ ތެރެއިން މާލެ ދިއްލުމަށް ކުރަންޖެހޭ މަސައްކަތްތައް ސިޓީތަކާއި އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން އަންނަނީ ކުރައްވަމުންނެވެ. އެގޮތުން، މާބަގީޗާތަކާއި ޢީދުގެ އެކި ޝިއާރުތައް ފެންނަގޮތަށް ފަރުމާކޮށްފައިވާ ލައިޓުތަކާއި، ގިޑިގެތައް ބޮޑެތި މަގުތަކާއި ގިނައިން އާންމުން އެއްވާ ސަރަހައްދުތަކުގައި ދަނީ ހަރުކުރަމުންނެވެ. މިއީ އިސްލާމީ ޤައުމުތަކުގައިވެސް ޢީދު ފާހަގަކުރުމަށް ގެންގުޅޭ ސަގާފަތެކެވެ.

މިދިޔަ އަހަރު ފެށި މި ހަރަކާތުގައި އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްރަށާއި ސިޓީތައްވެސް ދިއްލާފައިވާއިރު ބަޖެޓު ތަންދޭވަރަކުން ކޮންމެ އަހަރަކުވެސް އިތުރު ރަށްތައް ދިއްލާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެގޮތުން، މިއަހަރު އިތުރު 36 ރަށެއް ދިއްލުމަށް ވަނީ ނިންމަވާފައެވެ.