ގައިންގަޔަށް އަރާ ޓީބީ ބައްޔަކީ ނުރައްކާތެރި ބައްޔެކެވެ. އެހެންނަމަވެސް ރަނގަޅަށް ފަރުވާ ފުރިހަމަ ކުރެވިއްޖެނަމަ މިއީ އެއްކޮށް ރަނގަޅު ކުރެވޭ ބައްޔެކެވެ. ރާއްޖޭގައި 2024 ވަނަ އަހަރު 148 ޓީބީ ކޭސް ރިޕޯޓުކޮށްފައިވެއެވެ.
ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 24 ވަނަ ދުވަސް ދުނިޔޭގެ ޓީބީ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ބަލިން ރައްކާތެރިވުމަށް އާންމު ހޭލުންތެރިކަން އިތުރުކުރުމެވެ.
ޓިއުބަރކިއުލޯސިސް ނުވަތަ ޓީބީއަކީ މައިކްރޯ ބެކްޓީރިއަމް ޓިއުބަރކިއުލޯސިސް ކިޔާ ބެކްޓީރިއާއެއްގެ ޒަރިއްޔާއިން ޖެހޭ ބައްޔެކެވެ. ޢާއްމުގޮތެއްގައި ފުއްޕާމެއަށް ޖެހުނު ނަމަވެސް މިބަލި ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ޖެހުމުގެ ފުރުޞަތުވެސް އޮންނަކަމަށް ސިއްޙީ ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ. މިއީ ގައިންގަޔަށް އަރާ ބައްޔަކަށްވާއިރު މިބަލި ޖެހުމަށް މެދުވެރިވަނީ ނޭވާލާ ނިޒާމުގެ އެހެން ބަލިތައްވެސް ފެތުރޭ އުސޫލުންނެވެ.
ފުއްޕާމޭގެ ޓީބީ ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާއިރު އޭނާގެ ކުޅު ނުވަތަ ވައިގެ ތެރެއަށް ބޭރުވެގެންދާ ޖަރާސީމު އެހެން މީހެއްގެ ނޭވާލާ ނިޒާމުގެ ތެރެއަށް ދިޔުމުން މިބަލި ފެތުރެއެވެ. މިއީ މިބަލި ފެތުރޭ ހަމައެކަނި ގޮތްކަމަށްވެސް ސިއްޙީ މާހިރުން ވިދާޅުވެއެވެ.
ބަލީގެ ފަރުވާއަށް ބަލާއިރު މިއީ ފަރުވާ ކުރެވޭ ބައްޔެކެވެ. އެހެންނަމަވެސް ފަރުވާތެރިކަމާއެކު ފަރުވާ ކުރިއަށް ނުގެންގޮސްފިނަމަ މީގެ ނުރައްކާ ބޮޑުވެއެވެ. އެގޮތުން ބައްޔަށް ދެވޭ ބޭހަށް ނުގުޑާ ބާވަތުގެ ޓީބީއަށް ބަދަލުވުމުގެ ފުރުޞަތު މިއާއެކު އޮވެއެވެ. އެހެންކަމުން ޓީބީއަށް ދެވޭ ފަރުވާއަކީ ސީދާ ޑޮކްޓަރުންގެ ބެއްލެވުމުގެ ދަށުން 6 މަސްދުވަހަށް ކުރިއަށްގެންދަންޖެހޭ ފަރުވާއެކެވެ.
ރާއްޖޭގައި ޓީބީގެ ޙާލަތު އޮތް މިންވަރަށް ބަލާއިރު ރާއްޖެއިންވެސް މިބަލި ފެންނަ މިންވަރު ދަނީ އިތުރުވަމުންނެވެ. މިގޮތުން ނިމިދިޔަ 2024 ވަނަ އަހަރުގައި އެކަނިވެސް 148 މީހަކު މިބައްޔަށް ޕޮޒިޓިވްވެގެން ރިޕޯޓުކޮށްފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ރާއްޖޭގައިވެސް މިބަލީގެ ފަރުވާ ދެވޭއިރު 1994 ވަނަ އަހަރުން ފެށިގެން ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއްގޮތަށް ސީދާ ޑޮކްޓަރުންގެ އިރުޝާދާއެކު މިބައްޔަށް ރާއްޖޭގައި ފަރުވާދެވޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ.
ބައްޔާއި ދެކޮޅަށް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި ގުޅިގެން ރާއްޖެއިންވެސް ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. މިގޮތުން 2030 ވަނަ އަހަރު އަންނައިރު މިބައްޔަކީ އޭގެ ސަބަބުން ރާއްޖޭގައި އާންމު ސިއްޙަތަށް ނުރައްކާ ނުވާ މިންވަރަށް މަދުކުރެވިފައިވާ ބައްޔެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި ރާއްޖެއިން ދަނީ މަސައްކަތް ކުރަމުންނެވެ.
މީގެދަށުން ރާއްޖޭގެ 100 ރަށެއްގައި ޓީބީ ނައްތާލެވިފައިވާކަމަށް ކަނޑައެޅުމަށް ސިއްޙަތާ ބެހޭ ވުޒާރާއިން ދަނީ މަސައްކަތް ކުރައްވަމުންނެވެ. އަދި ރާއްޖެއިން އެއްކޮށް ޓީބީ ނައްތާލުމަށްކުރާ މަސައްކަތުގެ ދަށުން 2018 ވަނަ އަހަރު ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލާ، އެކަމަށް ބޭނުންވާ ގައިޑްލައިންތައް ތައްޔާރުކުރެވިފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ޓީބީ ޖެހިފައިވާ މީހުންގެ ކިބައިން އެންމެ އާންމު ގޮތެއްގައި ފެންނަ ޢަލާމާތްތަކުގެ ތެރޭގައި ކުއްލިއަކަށް ހަށިގަނޑުގެ ބަރުދަން ލުއިވުން، ވަރުދެރަވުން، ހީކެރުވުން، އާދަޔާ ޚިލާފަށް ދާހިއްލުން، ހުންއައުމާއި އަދި މޭގައި ރިއްސުމާއި ކެއްސާފައި އަންނަ ދަވައިގައި ލޭހުރުން ހިމެނޭކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި މިބަލި ޖެހިފައިވާ މީހަކު 2 ހަފްތާއަށްވުރެ ގިނަ ދުވަހު ކެއްސުމުގެ އުނދަގޫ ކުރިމަތިވެދާނެކަމަށް އެޗްޕީއޭއިން ފާހަގަކުރައްވައެވެ.
ބަލި ޖެހުމުގެ ފުރުސަތު އޮތް މީހުންގެ ތެރޭގައި ދިގު މުއްދަތަކަށް ބޭސް ބޭނުންކުރާ ފަރާތްތަކާއި ބީސީޖީ ވެކްސިން ފުރިހަމަ ނުވާ 5 އަހަރުން ދަށުގެ ކުޑަކުދިންނާއި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނާއި، އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ.
މި ބަލިން ރައްކާތެރިވުމަށް ކުރަންޖެހޭ އެންމެ މުހިއްމުކަމަކީ ބައްޔަށް ޓެސްޓުކުރުމެވެ. އަދި ބަލި ޖެހިފައިވާ މީހަކު އުޅޭނަމަ ގޭތެރޭގައި ވައި ދައުރުވާނެހެން ހެދުމެވެ. މީގެއިތުރުން ބަލި ޖެހިފައިވާ މީހުން ކެއްސާ ކިނބިހި އެޅުމުގައި ސަމާލުވުމަށާއި އެފަދަ ފަރާތްތަކުން ބޭނުންކުރާ ޓިޝޫ ރައްކާތެރިގޮތުގައި ނައްތާލުން ހިމެނެއެވެ.