ޚަބަރު

މި އަހަރުގެ "އާރތު އަވަރ" ރާއްޖޭގައިވެސް ފާހަގަކޮށްފި


  • "އާރތް އަވަރ" ފާހަގަކުރުމަށް ރާއްޖޭގައިވެސް ބައެއް އިމާރާތްތައް ނިއްވާލާފައިވޭ

  • ލައިޓުތައް ނިއްވާލާފައިވަނީ މިރޭ 9:45އިން 10:45އަށް

މުޅި ދުނިޔޭގައި ފާހަގަކުރާ "އާރތު އަވަރ" ރާއްޖޭގައިވެސް ފާހަގަކޮށްފިއެވެ. މި ހަރަކާތް ފާހަގަކުރުމަށް ރާއްޖޭގައިވެސް 1 ގަޑިއިރަށް ބައެއް ތަންތަން ވަނީ ނިއްވާލާފައެވެ.

"އާރތު އަވަރ" އަކީ ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާމެދު މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ވޯލްޑް ވައިލްޑްލައިފް ފަންޑްގެ ފަރާތުން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތުގައި ބައިވެރިވާ ފަރާތްތަކުން ކޮންމެ އަހަރަކުވެސް ގޭބިސީތަކާއި އިމާރާތްތަކުގެ ލައިޓްތައް 1 ގަޑިއިރަށް ނިއްވާލެއެވެ. މި އަހަރު މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މިރޭ 8:30 އިން 9:30 އަށެވެ.

ނަމަވެސް ރާއްޖޭގައި މި ހަރަކާތް ކުރިއަށްދިޔައީ 9:45 އިން 10:45 އަށެވެ. މިގޮތުން ސަރުކާރުގެ ބައެއް އޮފީސްތަކާއި މުއައްސަސާތަކުގެ އިތުރުން ބައެއް ކުންފުނިތަކުން ވަނީ އާރތު އަވަރގެ ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން ލައިޓްތައް ނިއްވާލާފައެވެ.

"އާރތް އަވަރ" ހަރަކާތަކީ، ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންކުރާ ބައިނަލްއަޤްވާމީ މުހިންމު ޕްލެޓްފޯމެކެވެ. މި ހަރަކާތުގެ މައިގަނޑު މަޤުޞަދަކީ, މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، އަޅުގަނޑުމެންގެ ގުދުރަތީ ތަރިކަ ހިމާޔަތްކުރުމަށް އެއްބައިވަންތަކަމުގެ އަޒުމް ދައްކުވައިދިނުމެވެ.

ދިވެހިރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއްކަމުން، ގުދުރަތީ ވެއްޓާއި އެ ވެށީގައި ހިމެނޭ ގުދުރަތީ ދިރުންތައް ހިމާޔަތްކޮށް، އަންނަންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރުމަކީ މުހިއްމުކަމެކެވެ.

އާރތު އަވަރ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 2007 އަހަރު އޮސްޓްރޭލިއާގެ ސިޑްނީގައެވެ. މިހާރު މިހަރަކާތް މިވަނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރާ ބައިނަލްއަޤްވާމީ ކެމްޕޭނަކަށްވެފައެވެ. މިގޮތުން ދުނިޔޭގެ ބައެއް މަޝްހޫރު ލޭންޑްމާކުތައްވެސް "އާރތް އަވަރ" ފާހަގަކުރުމުގެ ގޮތުން ނިއްވާލައެވެ.