ޚަބަރު

ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށްވެސް އާސަންދަ ދޭން ފަށައިފި


  • ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް އާސަންދަ ލިބޭގޮތް ހެދީ ބުދަ ދުވަހު

  • އަދި ލިބޭނީ ހަމައެކަނި ޑޮކްޓަރަށް ދެއްކުމަށް ކޮންސަލްޓޭޝަން ފީ

  • އެނދުމަތި ނުކޮށްދޭ އިތުރު ޚިދުމަތްތަކަށް އެފަރާތްތަކަށް ލިބޭނީ މާރިޗު 27 އިން ފެށިގެން

ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށްވެސް އާސަންދައިގެ ދަށުން އައުޓް ޕޭޝަންޓް ޚިދުމަތް ލިބޭނެ އިންތިޒާމު އާސަންދަ ކުންފުނިން ހަމަޖައްސަވައިފިއެވެ. މިގޮތަށް ދިންނަމަވެސް ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް ފުރަތަމަ ޚިދުމަތަށް ފައިސާ ކަނޑާނީ ޕްރައިވެޓް އިންޝުއަރެންސްއިންނެވެ.

އާސަންދަ އިސްލާޙުކޮށް އެނިޒާމުގައި ހުރި އިސްރާފުތައް ކުޑަކުރުމަށް ސަރުކާރުން ފެއްޓެވި މަސައްކަތުގެ ތެރެއިން ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް އައުޓް ޕޭޝަން ޚިދުމަތް ނުވަތަ އެނދުމަތި ނުވެ ހޯދާ ޚިދުމަތްތަކަށް އާސަންދަވަނީ ކަނޑާލަފައެވެ. އަދި މިފަދަ ފަރާތްތަކުގެ ޕްރައިވެޓް އިންޝުއަރެންސްގެ ޕެކޭޖް ހަމަވުމުން އާސަންދައިން ޚިދުމަތަށް އެދެވޭގޮތަށް މިދިޔަ އަހަރުގެ ތެރޭގައިވަނީ ހަމަޖައްސަވާފައެވެ. އެހެންނަމަވެސް މިކަމުގައި އާންމުންގެ ގިނަ ބައެއްގެ ކަންބޮޑުވުން ހުރުމާއެކު އާސަންދައިންވަނީ މިކަން ބަދަލުކުރައްވާފައެވެ.

ބުދަ ދުވަހުން ފެށިގެން އާސަންދައިންވަނީ އަނެއްކާވެސް ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް ޑޮކްޓަރަށް ދެއްކުމަށްޓަކައި ކޮންސަލްޓަންޝަން ފީ، އިންޝުއަރެންސްއިން ކެނޑުމަށްފަހު ބާކީ އާސަންދައިން ކަވަރކުރާގޮތަށްވަނީ ހަމަޖައްސަވާފައެވެ. އާސަންދަ ކުންފުނިން ވިދާޅުވީ، ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް އެނދުމަތި ނުވެ ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތަކަށް އާސަންދަ މެދުވެރިކޮށް މިއުސޫލުގެ ދަށުން ޢަމަލުކުރަން ފަށާނީ އަންނަ މަހުގެ 27 ވަނަ ދުވަހުން ފެށިގެންކަމަށެވެ.


އާސަންދަ ކުންފުނިން ވިދާޅުވީ، މިގޮތަށް ހަމަޖެއްސިނަމަވެސް ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްކަށް ފުރަތަމަ ފީއަށް ކަނޑާނީ، ޕްރައިވެޓް އިންޝުއަރެންސްއިންކަމަށާއި އެއަށްފަހު ބާކީ ވާ އަދަދު އާސަންދައިގެ ލިމިޓުގެ ތެރެއިން ކަނޑާނެކަމަށެވެ. އަދި މިއީ އާސަންދަ އިސްލާޙުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގެނައި ބަދަލެއްކަމަށް އެކުންފުނިން ވިދާޅުވެއެވެ.

އާސަންދައަކީ ސިއްޙީ ދައިރާއަށް ބަލާއިރު ދައުލަތުގެ ޚަރަދު އެންމެ ބޮޑު އެއް ސްކީމެވެ. އިސްރާފު ބޮޑު އަދި ދެކޮޅު ނުޖެހޭ ނިޒާމެއްގެ ތެރެއިން ޒަމާނުއްސުރެ ކުރަމުންދިޔަ ޚަރަދުތަކުގެ ސަބަބުން ސަބްސިޑީގެ ގޮތުގައި އަހަރަކު އާސަންދައަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ސަރުކާރުން ޚަރަދުކުރެއެވެ. އެހެންކަމުން އާސަންދައިގެ ދަށުން ކުރަމުންދިޔަ އިސްރާފު ކުޑަކުރުމަށް އެކި ބަދަލުތައް އާސަންދައަށް ގެނައުމަށް ނިންމަވާދަނީ މަސައްކަތް ކުރައްވަމުންނެވެ.

ސަރުކާރުން ޚަރަދުކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް މިހާރުވެސް އަޅާފައިވާއިރު، ސަބްސިޑީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ހިމަނާފައެވެ. އެގޮތުން މިހާރު އާންމުކޮށް އެންމެނަށް ދެވޭ ސަބްސިޑީ އުވާލާއި، އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ސީދާ ސަބްސިޑީ ދެވޭނެ ނިޒާމަކަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ.