ދުނިޔޭގެ ޅެންވެރިކަމުގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ މާރިޗު މަހުގެ 21 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަން ފެށީ ޅެންވެރިކަމުގެ ތެރެއިން ބަހަވީ ޢިލްމުތައް ސިންދަފާތުކުރުމަށާއި ނެތެމުންދާ ބަސްތަކުގެ އަޑު ގަދަ ކުރުމުގެ މަޤުޞަދުގައެވެ.
ދުނިޔޭގެ ޅެންވެރިކަމުގެ ދުވަހެއް ފާހަގަކުރުމަށް އ.ދ އިން ނިންމެވީ 1999 ވަނަ އަހަރުއެވެ. އެހެންކަމު މި އަހަރު މި ފާހަގަކުރަނީ 25 ވަނަ ދުނިޔޭގެ ޅެންވެރިކަމުގެ ދުވަހެވެ.
ޅެމަކީ ހިތުގައި އުފެދޭ ޝުއޫރެއް ނުވަތަ ހިތަށް ވައްދާ ޝުއޫރެއް، މާނައެއް ދޭހަވާ ގޮތަށް ވަޒަނަކަށް ފެތޭނޭހެން ބައިތުތަކެއްގެ މައްޗަށް އެކުލަވައިލައިގެން ފާޅުކުރާ ބަސްތަކެވެ. ޅެންވެރިކަމަކީ މި ދެންނެވި ގޮތަށް ބަސްތައް އަތުރާލުމުގެ ހުނަރެވެ.
ތާރީޚު ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޢީސާގެފާނުގެ 2000 އަހަރު ކުރިންވެސް ދުނިޔޭގައި ޅެންވެރިކަން އޮތެވެ. ތަފާތު ވަޒަންތަކަށް ޅެން ހަދައި އުޅުނެވެ. މަޤުޞަދަކީ އިންސާނުންގެ ހިތުގެ އެންމެ ފުންމިނަށް އަސަރު ފޯރުވުމެވެ.
ޅެންވެރިކަމުގެ ތާރީޚަށް ބަލާއިރު، އެންމެ ކުރީގެ ޅެންވެރިކަމުގެ އުފެއްދުންތަކުގެ ތެރޭގައި "އެޕިކް އޮފް ގިލްގަމެޝް" ހިމެނެއެވެ. މިއީ މިހާރުގެ ޢިރާޤު އޮންނަ ސަރަހައްދުގައި ޢީސާގެފާނުގެ 2000 އަހަރު ކުރިން އޮތް މެސޮޕޮޓޭމިއަން ސަހަރުގެ ޝަޚުސިއްޔަތެއްކަމަށްވާ ގިލްގަމެޝްއާ ބެހޭގޮތުން ހަދާފައިވާ ޅެމެވެ.
އަޅުގަނޑުމެންގެ ޅެންވެރިކަމުގެ ތާރީޚުވެސް ވަކި ކުރެއްނޫނެވެ. ރާއްޖޭގައި މީހުން ދިރިއުޅޭތާ 4000 އަހަރުވެފައިވާއިރު، އެކި ސިފައިގައި އެކި ވަޒަންތަކަށް ދިވެހިން ޅެން ހަދައި އުޅުނުކަމަށް ދިވެހިބަހުގެ ޢިލްމުވެރިން ވިދާޅުވެއެވެ.
ދުނިޔޭގެ ބައެއް ބަސްބަހާ ޚިލާފަށް ދިވެހިބަހުގެ ޅެންވެރިކަމުގައި ޖުމްލަ 7 ބާވަތް އޮވެއެވެ. މި ބާވަތްތަކަށް ނަމަކީ ވަޒަންބަހުރުވައެވެ. ވަޒަންބަހުރުވައިގައި ހިމެނޭ 7 ބަޔަކީ އާޅެން، ޅެން، ލަވަ، އަންބާ، ފަރިހި، ރައިވަރުގެ އިތުރުން ކަލެވެ. މިއިން ކޮންމެ ވައްތަރެއްގައިވެސް އަސަރުތައް އެންމެ ފުންމިނަށް ކުރާނެހެން ބަސްތައް އެކި ވަޒަންތަކަށް އެކުލަވާ ހުށަހެޅެއެވެ.
ދިވެހިބަހުގެ އުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވީ ދިވެހި ޅެންވެރިކަމުގައި މުއްސަނދި ބަސްމަގެއް އޮތްކަން ޅެންވެރިކަން ދިރާސާކުރާ ބޭރުގެ ފަރާތްތަކުން ފާހަގަކުރައްވާ ކަމަށެވެ. އެ ގޮތުން ވަޒަންބަހުރުވައިގައި ބާވަތްތައް ގިނަވުމަކީ ޅެންވެރިކަމުގެ މުއްސަނދިކަން ދޭހަކޮށްދޭ ކަމެއްކަމަށް ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ.
ޢަބްދުލްޢަޒީޒް ވަނީ ޅެންވެރިކަމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.
"ޢާންމުކޮށް މި ވާހަކަދައްކާ ބަހުރުވައިން އެއްޗެއް ބުނެލީމަ ހަނދާނުގައި ނުހުއްޓަސް، ޅެމެއް ވަކި ވަޒަނަކަށް ވަކި ތައްގަނޑަކަށް ކިޔާލީމާ ހަނދާނުގައި ހުންނާނެ. ހިތުގެ އެންމެ ފުނަށް އަސަރުކުރާނެ. ސިކުނޑީގައި ގިނަ ދުވަހު ހަރުލާފައި ހުންނާނެ. އަދި ދަސްވާލެއްވެސް އަވަސްވާނެ." ޢަބްދުލްޢަޒީޒް ވިދާޅުވިއެވެ.
ތަޖުރިބާކާރު ޅެންވެރިޔާ އަދި ބަހުގެ ޢިލްމުވެރިއެއްކަމަށްވާ ފަރެސް މުޙައްމަދު ޢާމިރު އަޙްމަދު ވިދާޅުވީ ދިވެހި ޅެންވެރިކަމަކީ އޭގައި ހުންނަންޖެހޭ ހުރިހާ އަސާސްތަކާއި އުޞޫލުތަކާއި ހަމަތައް ފުރިހަމަވެފައިވާ ރީތި ޅެންވެރިކަމެއް ކަމަށެވެ. އަދި ދިވެހި ޅެންތަކުންވެސް ފުނަށް އަސަރު ފޯރުކޮށްދޭކަން އާމިރު ފާހަގަކުރެއްވިއެވެ.
"ޅެމެއްގެ ބޭނުމަކީ ފުނަށް އަސަރެއްކުރުން. ބަހުގެ އެހެން ބާވަތްތަކުން ނުކުރާ މިންވަރަށް. މިކަން ކުރުމަށްޓަކައި ޅެމަށް ގެންނަންޖެހޭ ސިފަތަކާއި ހަމަތައް އެއީ ޅެންވެރިކަމަކީ." އާމިރު ވިދާޅުވިއެވެ.
ޢާމިރު ވިދާޅުވީ ޅެމަކީ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރާ އެއްޗަކަށްވާއިރު، ބަޔަކު އެއްބައިވަންތަކުރުވުމުގައި ޅެންވެރިކަން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި އެފަދަ ހާދިސާތައް ދުނިޔޭގެ ތާރީޚުގައި ހިނގާފައިހުރިކަން ޢާމިރު ފާހަގަކުރެއްވިއެވެ.
ބަހުގެ ޢިލްމުވެރިން ފާހަގަކުރައްވާ ފަދައިން ޅެންވެރިކަމަކީ ހިތުގެ އެންމެ ފުންމިނަށް އަސަރުކުރާނެހެން އަތުރާލެވޭ ބަހުގެ މުތްތަކެވެ. އޭގައި ހުންނަ ޖަޒުބާތެއްގެ ބޮޑުކަމުން ޅެމަކީ ވަރުގަދަ ހަތިޔާރަކަށްވެސް ވެދާނެއެވެ. މީހުން އެއްބައިވަންތަކުރުމާއި ބައިބައިކުރުމުގައި ޅެން މުހިންމު ދައުރެއް އަދާކުރެއެވެ. އެހެނީ އެއީ ހިތަށް އަސަރު ފޯރުވައި އަދަބީ އުފެއްދުންތަކަކަށްވުމުންނެވެ.
ޅެންވެރިކަމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ޅެންވެރިކަން މެދުވެރިކޮށް ހެޔޮކަން އުފެއްދުމެވެ. ރަނގަޅު މަގު ކޮށައިދިނުވެ. އެކުވެރިކަމާއި އެއްބައިވަންތަކަން އުފެއްދުމެވެ. އެހެންކަމުން ޅެންވެރިކަމުގެ ދުވަހު އަޅުގަނޑުމެން ހަނދާންކުރަންވީ ރަނގަޅު ގޮތުގައި މި އުފެއްދުން ބޭނުންކުރުމަށެވެ.