ޓޫރިޒަމްގެ ބޭނުމަށް ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ރަށްތަކާއި ފަޅުތައް ދިނުމުގެ ބާރު ޤާނޫނުތަކުން އެ ކައުންސިލްތަކަށް ލިބިފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ނައިބު ރައީސް މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ހުށަހަޅުއްވާފައިވާ ބިލަށް ބަހުސްކުރައްވަމުންނެވެ. އެގޮތުން، އެ ޤާނޫނަށް ސަރުކާރުން ހުށަހަޅުއްވާފައިވާ އިސްލާހުތަކަކީ ކޮންމެހެން މުހިންމު އިސްލާހުތަކެއް ކަމަށާއި އޭގެ ސަބަބުން ގިނަ ކަންތައްތަކެއް ހައްލުވެގެންދާނެ ކަމަށް ނާޡިމް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހާ ގުޅިގެން، މަޖިލީހުގައި އިދިކޮޅު މެންބަރުން ވަނީ އެއީ ކައުންސިލްތަކަށް ލިބިފައިވާ ބާރުތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާގޮތަށް ގެންނަ އިސްލާހެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން، ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ރަށްތަކާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭނީ ކައުންސިލްތަކަށް ކަމަށް އެ މެންބަރުން ފާހަގަކުރެއްވިއެވެ.
އިދިކޮޅު މެންބަރުންގެ ވާހަކަތަކަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް ވިދާޅުވީ، މި ސަރުކާރަކީ ރައްޔިތުންނަށް ދިމާވާ މައްސަލަތަކާއި ރައްޔިތުން އެދޭ ކަންކަން ހައްލުކޮށްދޭން އައި ސަރުކާރެއް ކަމަށެވެ. އަދި ކުރީ ސަރުކާރުތަކުންވެސް ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ރަށްތަކާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ދީފައިވާ ކަމަށާއި ނަމަވެސް އެ ފަޅުތަކާއި ރަށްތައް ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށްދިނުމުގެ ބާރު ލޯކަލް ކައުންސިލް ޤާނޫނުތަކުން ކައުންސިލަށް ލިބިދީފައި ނުވާ ކަމަށް ބަންޑާރަނައިބު ލަފާ ދެއްވާފައިވާ ކަމަށެވެ.
މީގެ ސަބަބުން އެގޮތަށް ކުއްޔަށް ދީފައިވާ ރަށްތަކުގެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި ޓޫރިޒަމާބެހޭ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ސަބަބުން އެ މައްސަލައަށް ހައްލު ލިބި، ރަށްތައް ތަރައްގީކުރުމުގައި ހުރި ހުރަސްތައް ނައްތާލެވޭނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
"ސަރުކާރުން މި އިސްލާހު ހުށަހަޅަނީ އެއްގޮތަކަށްވެސް ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި އޮތްކަމެއްގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާ އެ ބާރު ބޭނުންފުޅުވެގެނެއް ނޫން. މިކަންތައްތައް ވާނެ ގޮތެއް ހަދައި ދިނުމަށްޓަކައި. މިކަންތައްތައް ކުރިއަށްގެންދެވޭނެ މަގެއް ދައްކައިދިނުމަށްޓަކައި. އެހެންވީމަ މިހާރު މިގޮތަށް ކުއްޔަށް ދީފައި ހުރި ތަންތަނުގައި ހުރި މައްސަލަ މި އިސްލާހުގެ ސަބަބުން ހައްލުވެގެންދާނެ،" ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވިއެވެ.
ނާޡިމް ވިދާޅުވީ ޤާނޫނަށް ހުށަހެޅި މި އިސްލާހަކީ ރަށްރަށުގެ ކައުންސިލްތަކުގެ އިހުތިސާސްގެ ދަށުގައި ހުރި ރަށްތަކާއި ފަޅުތައް ތަރައްގީކޮށްދޭނެ އިސްލާހެއް ކަމަށާއި މި އިސްލާހު ނުގެންނަނަމަ ކައުންސިލްތަކުން އެޑްވާންސަށް ނަގާފައިހުރި ފައިސާތައް ސަރުކާރުން ދައްކަން ޖެހި، އެ މަޝްރޫއުތައް ކުރިއަށްގެންދެވޭނެ ގޮތެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ބިލަށް ބަހުސް ކުރައްވަމުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ވިދާޅުވީ އިސްލާހުތަކުގެ ތެރޭގައި އައު ކަމެއް ސަރުކާރުން ހިމަނުއްވާފައި ނުވާ ކަމަށެވެ. އެގޮތުން، މިހާރުވެސް ކައުންސިލްތަކުގައި އިހުތިސާސްގައި ހިމެނޭ ފަޅުތަކާއި ރަށްތައް ކަނޑައަޅުއްވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި އެއީ ކުރީ ސަރުކާރުތަކުންވެސް ކަންކަން ކުރައްވަމުން އައި ގޮތް ކަމަށް ވިދާޅުވިއެވެ.
ބައެއް ރަށްތައް ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައި ހުރި ނަމަވެސް އެތަންތަން ތަރައްގީނުކޮށް، ރީ-ޑިވެލޮޕް ކުރުމުގައި ނަމުގައި ބަންދުކޮށްފައި ހުންނަ ކަމަށާއި މިހާރު ޤާނޫނުތައް ހުރި ގޮތުން އެފަދަ ތަނަކާމެދު އެޅޭނެ ފިޔަވަޅެއް ނެތް ކަމަށާއި މިހާރު ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ދަށުން އެ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތައް ހިމަނާފައިވާކަމަށް އައިފާން ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ޤާނޫނަށް މިހާރު މިގެނެވޭ އިސްލާހާއެކު ރިސޯޓުތައް ހެދުމުގެ ނަމުގައި ނޫނީ ފަތުރުވެރިކަމުގެ ބޭނުމަށް ޑެވެލޮޕްކުރުމުގެ ނަންނަމުގައި ނަގާފައި ހުރި، ނެހެދިހުރި ތަންތަން އެކި އެކި އިންވެސްޓަރސްވެސް މި ޤާނޫނުގެ ދަށުން ޒިންމާދާރުކަމާއެކު މިތަންތަން ޑެވެލޮޕްކުރާނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ވިދާޅުވިއެވެ.
ޓޫރިޒަމާ ބެހޭ ޤާނޫނަށް ގެންނަ އިސްލާހުގެ ދަށުން ކުރިއެކޭ އެއްގޮތަށް އެ ރަށެއްގައި ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކުރެވޭ ބިންތައް ކަނޑައަޅުއްވާނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލުންކަމަށް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން ކައުންސިލްތަކަށް ކުރިން ދީފައިވާ އެއްވެސް ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް ބަދަލުނުވާނެ ކަމަށްވެސް މެންބަރުން ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ބަލައިގަތުމަށްފަހު ދިރާސާ ކުރުމަށް އިޤްތިސާދީ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.