ޢިރާޤާއި އީރާނާ ދެމެދު ހަަކަތައިގެ ދާއިރާއިން ކުރާ ވިޔަފާރިއަށް ހުރަސް އެޅުމަށް އެމެރިކާއިން ނިންމުމާ ގުޅިގެން، ކަރަންޓާއި ގޭސް ހޯދާނެ އިތުރު މަގުތައް ހޯދުމުގެ މަސައްކަތް ބަޣްދާދުން ފަށައިފިއެވެ. އީރާނުން ކަރަންޓު ގަތުމަށް ޢިރާޤަށް 2018ވަނަ އަހަރުން ފެށިގެން ދީފައިވާ ހުއްދަ ބާޠިލު ކޮށްފައި ވަނީ މާރިޗު 8ވަނަ ދުވަހުއެވެ. މިއީ، އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވާ ނިންމެވުމުގެ ދަށުން އަޅާފައިވާ ފިޔަވަޅެކެވެ.
މި ވަގުތަށް އެމެރިކާއިން މަނާ ކޮށްފައި ވަނީ އީރާނުން ކަރަންޓު ގަތުމެވެ. ނަމަވެސް، ކުރިއަށް އޮތް ތަނުގައި އީރާނުގައި އުފައްދާ ގޭސް ގަތުމަށް ވެސް އެމެރިކާއިން ހުރަސް އަޅާނެ ކަމަށް ބެލެވެއެވެ. މި ކަމާ ގުޅިގެން ޢިރާޤުގެ ސައުތު ގޭސް ކޮމްޕެނީ (އެސްޖީސީ)ން ބުނީ، އީރާނުގެ ބަދަލުގައި ގޭސް ގަންނާނެ އެހެން ޤަައުމުތައް ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމުގައެވެ. އަދި، ޤަޠަރާއި އޮމާނާ އެކު މި ކަމާ ގުޅޭ ގޮތުން މަޝްވަރާތައް ފަށާފައިވާ ކަމުގައެވެ.
އީރާނުން މިހާރު ދުވާލެއްގެ މައްޗަށް 50 މިލިޔަން ކިޔުބިކް މީޓަރުގެ ގޭސް ޢިރާޤަށް ފޯރުކޮށްދެއެވެ. ދެ ޤައުމުގެ ދެމެދުގައި ގޭހުގެ ވިޔަފާރި ކުރަމުން ދަނީ ޚާއްޞަ އެއްބަސްވުމެއްގެ ދަށުންނެވެ. 2024ވަނަ އަހަރުގެ މާރިޗު މަހު އެ އެއްބަސްވުމުގެ މުއްދަތު ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އިތުރު ކޮށްފައެވެ. އީރާނާއި ޢިރާޤާ ދެމެދު ކުރާ ގޭހުގެ ވިޔަފާރީގެ އަގު އަހަރެއްގެ މައްޗަށް 4އާއި 5 ބިލިޔަން އެމެރިކާ ޑޮލަރަށް އަރައެވެ.
ޢިރާޤުގެ ކަރަންޓާ ގުޅޭ ވުޒާރާއިން ބުނީ، އީރާނުން ގޭސް އެތެރެ ކުރުމަށް އެމެރިކާއިން ހުރަސް އަޅައިފި ނަމަ، ޢިރާޤުގެ އިންޖީނުގެތަކުން ކަރަންޓު އުފައްދާ މިންވަރު ތިންބައިކުޅަ އެއްބައި ދަށްވާނެ ކަމުގައެވެ. ޢިރާޤުން މިހާރު 27,000 މެގަވޮޓުގެ ކަރަންޓު އުފައްދައެވެ. އެމެރިކާއިން އަޅާފާނެ ފިޔަވަޅެއްގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ކުޑަ ކުރުމަށް ޢިރާޤުން މިހާރު ވެސް ވަނީ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. އޭގެ ތެރޭގައި، ލިކުއިފައިޑް ނެޗަރަލް ގޭސް (އެލްއެންޖީ) އުފައްދާ ކާރުޚާނާ ކުއްޔަށް ދޫ ކުރަން ނިންމުން ހިމެނެއެވެ.
އެލްއެންޖީ ކާރުޚާނާ ކުއްޔަށް ދޫކުރުމަށް ނިންމާފައި ވަނީ އެކުވެރި ޢަރަބި ޢިމާރާތް (ޔޫއޭއީ)ގެ ކުންފުންޏެއް ކަމުގައިވާ ބްރީޒް އިންވެސްޓްމެންޓްސަށެވެ. މި ހިނގާ މާރިޗު މަހުގެ ތެރޭގައި އެ ކަމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރެވޭނެ ކަމަށް ބެލެވޭ ކަމުގައި އެސްސީޖީގެ ވެރިޔާ ޙަމްޒާ ޢަބްދުލްބާޣީ ވިދާޅުވިއެވެ. އަދި، މި އަހަރުގެ މެދުތެރޭގައި އެ ތަން އޮޕަރޭޝަނަށް ގެނެސް ހިންގަން ފެށޭނެ ކަމަށާއި، ޤަޠަރާއި އޮމާނުން ގަންނަ ގޭސް ސާފު ކުރުމުގެ މަސައްކަތް ފެށޭޞެ ކަމަށް ބެލެވޭ ކަމުގައެވެ. އެ ތަނުން ދުވާލެއްގެ މައްޗަށް 500 މިލިޔަން ކިޔުބިކް މީޓަރުގެ ގޭސް ސާފު ކުރެވޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.