ޚަބަރު

މިމަހުގެ ފުރަތަމަ ހަފްތާގައި 44500އަށްވުރެ ގިނަ ފަތުރުވެރިން؛ ޖުމުލަ ފަސްލައްކައާ ގާތަށް


  • ރާއްޖެއަށް މިހާތަނަށް 480،000 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައި

  • އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިން

މިމަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެއަށް 44،500 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 7 ދުވަހު ރާއްޖެއަށް 44،565 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިއާއެކު މިމަހުގެ މިހާތަނަށް 53،000 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާ އަޅާބަލާއިރު %6.9 އިތުރު އަދަދެކެވެ. މިދިޔަ ހަފްތާގެ ކޮންމެ ދުވަހަކު އެވްރެޖްކޮށް ރާއްޖެއަށް 6000 ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު އިތުރުވެފައިވާއިިރު، މިއަހަރުގެ މިިހާތަނަށް 481،966 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 459،373 ފަތުރުވެރިންނެެވެ. މިއީ %4.9އިގެ ކުރިއެރުމެކެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފަސް ލައްކައާ ގާތްކޮށްފައިވާއިރު، އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެޤައުމުން މިހާތަނަށް 62،278 ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝިއާއިންވަނީ 48،651 ފަތުރުވެރިން އައިސްފައިވެއެވެ. މިއަހަރު މިހާތަނަށް ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އެޤައުމުން 43،364 ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިއަމާޒު ހާސިލްކުރުމަށް ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކޮށް ޕްރޮމޯޓުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.