ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ ރަމަޟާން ކްރިކެޓް ކާނިވަލުގެ ފުރަތަމަ މުބާރާތް ކަމަށްވާ އޯޕަން ޓޭޕްބޯލްގައި މިއަދު ކުޅުނު މެޗުތަކުން ހަފްލާން އާއި ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) މޮޅުވެއްޖެއެވެ.
މި ފަހަރުގެ ރަމަޟާން ކްރިކެޓް ކާނިވަލުގައިވެސް ތިން މުބާރާތެއް ކުރިއަށްދާނެއެވެ. އެއީ ދިވެހީންނަށް ހުޅުވާލެވިފައިވާ އޯޕަން ޓޭޕްބޯލް މުބާރާތުގެ އިތުރުން އޮފީސް ޓޭޕްބޯލް އާއި ކޮމްޕެނީ ޓޭޕްބޯލް މުބާރާތެވެ. މި ކާނިވަލްގެ އޯޕަން މުބާރާތުގައި 12 ޓީމެއް ވާދަކުރަމުން އަންނައިރު، މި މުބާރާތް ކުރިއަށްދަނީ ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ.
ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުރިއަށްދާ އޯޕަން ޓޭޕްބޯލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ ގްރޫޕް އޭގައި ހިމެނޭ ހަފްލާން އާއި މޯލްޑިވްސް އިންލެންޑް ރެވިނިއު އޮތޯރިޓީ (މީރާ) އެވެ. މި މެޗު ހަފްލާންއިން ކާމިޔާބުކޮށްފައިވަނީ ހަ ވިކެޓުންނެވެ.
މި މެޗުގެ ގުރުދިމާވުމުން މީރާ އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެންމެ ކުޅުންތެރިއަކު ނުބައިވެގެން ހެދުނީ 137 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 14 ބޯޅައިން 35 ލަނޑު ހެދި މުޙައްމަދު ޖިނާހު އިބްރާހީމެވެ. ޖަވާބުގައި ހަފްލާން ކުޅެން އަރައި ހަތް އޯވަރުގެ ތެރޭގައި ވަނީ އެއް ކުޅުންތެރިއަކު ނުބައިވެގެން 140 ލަނޑު ހަދައި މެޗު ކާމިޔާބުކޮށްފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 15 ބޯޅައިން 36 ލަނޑު އެއްކުރި އިސްމާޢީލް އަލީއެވެ.
މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް އޭގެ ދެވަނަ މެޗުން ޑީއެސްސީ މޮޅުވީ އެވިއާ މޯލްޑިވްސް އަތުން 31 ލަނޑުންނެވެ.
މި މެޗުގެ ގުރުދިމާވުމުން ސިފައިންގެ ކުލަބު އެންމެ ފުރަތަމަ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު އެންމެ ކުޅުންތެރިއަކު ނުބައިވެގެން ވަނީ 129 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 9 ބޯޅައިން 34 ލަނޑު ހެދި އަބްދުﷲ ޝާހިދާއި، 20 ބޯޅައިން 33 ލަނޑު އެއްކުރި އިސްމާޢީލް ނާޝިދެވެ. ޖަވާބުގައި އެވިއާ ކުޅެން އަރައި އަށް އޯވަރު ހަމަވިއިރު ތިން ކުޅުންތެރިން ނުބައިނުވެ ހެދުނީ 98 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 17 ބޯޅައިން 31 ލަނޑު އެއްކުރި ޖިލްވާޒް ރަޝީދެވެ.